25 Jun 2014, 12:29
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ސިޔާސީ ޕާޓީތަކުން މަޝްވަރާ ކުރުމަށް ޖުލައި 10 އަކާ ހަމައަށް ފުރުސަތު ދިނުމަށް ގަވާއިދު އިސްލާހު ކުރާ ކޮމެޓީން ނިންމައިފި އެވެ.
އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އެކުލަވާލުމަށް ނަގާފައިވާ ކޮމެޓީ އަށް އިސްލާހު ހުށަހަޅާފައި ވަނީ ޖުމްހޫރީ ޕާޓީ އާއި މަޖިލިހުގެ ކައުންސެލް ޖެނެރަލް އަދި އަމީން އާންމެވެ.
މަޖިލިސް ގަވާއިދު އެކުލަވާލާ ކޮމެޓީ އިން ކުރިން ނިންމާފައި ވަނީ އިސްލާހު ހުށަހެޅުމުގެ ފުރުސަތު ޖުލައި 21، ހަމައަށް ދިނުމަށެވެ.
ގަވާއިދު އިސްލާހު ކުރާ ކޮމެޓީގެ މުގައްރިރަކީ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދެވެ. ނައިބު މުގައްރިރަކީ މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމެވެ.
މަޖިލީހުގެ ގަވާއިދު އެކުލަވާލާ ވަގުތީ ކޮމެޓީގައި ހިމެނިވަޑައިގެންނަވަނީ ނަޝީދާއި އަނާރާގެ އިތުރުން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރާއި މަތިވެރި ދާއިރާގެ މެންބަރު ހުސައިން މުހައްމަދު އަދި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ އެވެ.