މި ސަރުކާރުގެ ފަސް އަހަރު ތެރޭގައި ތަރައްގީ އަށް ހިންގޭ މަޝްރޫއުތަކުގެ އެންމެ އިސް ނާރެހަކީ ހުޅުމާލެ ކަމުގައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ހުޅުމާލެ ޢާޒީ ސުކޫލުގައި ރޭ ބޭއްވި "މާފެހުމުގައި" ވާހަކަފުޅު ދައްކަމުން ރައީސް ވިދާޅުވީ ތަރައްގީގެ ބޮޑު މަޝްރޫއުތައް މި ސަރައްދުގައި ހިންގުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެގައި ކަމަށާއި ހުޅުމަލެއަކީ "މާލެ ސަރައްދުގެ އުއްމީދު" ކަމަށެވެ.

"ހުޅުމާލެއަކީ މާލެ ސަރައްދުގެ އުއްމީދު. ދިވެހި ޒުވާނުންގެ އުއްމީދު. އަދި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ފަސް އަހަރުގެ ތެރޭގައި ހުރިހާ ތަރައްގީގެ މަޝްރޫއުގެ އިސް ނާރެސް އަކަށް ވެގެން މިދަނީ ހުޅުމާލެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ހުޅުމާލެ ތަރައްގީ ކުރުމަށް މިހާރު ވެސް އަމާޒު ހިފާފައިވާ ކަމަށެވެ. އެގޮތުން ރިޔާސީ އިންތިހާބުގައިވެފައިވާ ވައުދުތައް ފުއްދުމުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދެ އަހަރުތެރޭގައި ފެށުމަށް ވަޒީރުންގެ މަޖިލީހުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އޭގެ އިތުރުން ރައީސް ވިދާޅުވީ ހުޅުމާލެ ހިއްކުމުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތް އަންނަ އަހަރު ނިމޭ އިރު ގޯތިގެދޮރު ލިބުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. އޭގެ އިތުރުން ހުޅުމާލެގައި މެރީނާ ތަރައްގީ ކުރުމަކީ މިހާރުން މިހާރަށް ވެސް ފަށާފައިވާކަން ފާހަގަ ކުރެއްވެވި އެވެ.

ހުޅުމާލެއަކީ ތަރައްގީގެ މައި ނާރެސް ކަމުގައިވީ ނަމަވެސް ރާއްޖެގޭ އެކި ސަރައްދުތައް ވެސް ތަރައްގީގެ ނަރެސްތަކެއް ގާއިމުކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.