ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން ޕައިލެޓުން ތަމްރީން ކުރުމަށް ހުޅުވާލި ޕްރޮގްރާމަށް 200 އަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ޓްރާންސް މޯލްޑިވިއަން އެއާވޭސް އިން ހުރިހާ ހަރަދެއް ކޮށްގެން ކެނެޑާގައި ރާއްޖޭގެ ފަސް ޒުވާނަކަށް ޕައިލެޓުންގެ ގޮތުގައި ތަމްރީނު ވުމުގެ ފުރުސަތު ހުޅުވާލީ "ޒުވާނާ"ގެ ނަމުގައި އެ ކުންފުނިން ހިންގާ ޔޫތު ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ ބައެއްގެ ގޮތުގައި ކަމަށެވެ.

ޓީއެމްއޭ އިން އިއްޔެ ބުނީ، ޕައިލެޓުން ސްކޮލޮޝިޕަށް އެދުމަށް މިދިޔަ ހުކުރު ދުވަހާ ހަމައަށް ހުޅުވާލި ފުރުސަތުގައި 200 އަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވާ އިރު، އޭގެ ތެރެއިން 113 މީހަކު ޝޯޓް ލިސްޓު ކޮށްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ، ޓީއެމްއޭގައި މިހާރު ވެސް މަސައްކަތްކުރާ 25 މީހަކާއި އާއްމުންގެ ތެރެއިން 88 މީހުން ކަމަށެވެ. އަދި އެ މީހުންގެ ނަންތައް މިހާރު ޓީއެމްއޭގެ ވެބްސައިޓުގައި އިއުލާން ކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ޓީއެމްއޭ އިން ހުޅުވާލި ޕައިލެޓް ސްކޮލޮޝިޕަށް ހޮވުނު މީހުން އިއުލާން ކުރާނީ އަންނަ މަހުގެ 20 ވަނަ ދުވަހު އޮންނަ ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ޓީއެމްއޭ އިން މީގެ ކުރިން ބުނެފައި ވަނީ، އެ ޕްރޮގްރާމްގެ ދަށުން ތަމްރީނުވެ، ނިމުމުން އެކުންފުނިން ވަޒީފާ ދޭނެ ކަމަށެވެ. އަދި ފުރުސަތު ލިބޭ ޒުވާނުންގެ ކިޔެވުން އަންނަ އޮގަސްޓް މަހުގެ 20 ވަނަ ދުވަހު ކެނެޑާގައި ފެށޭނެ ކަމަށެވެ.