ޝްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ މާލެ ވަޑައިގަންނަވާ އިރު އެމަނިކުފާނަށް މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތު ބާއްވާ ޖުމުހޫރީމައިދާން ހިމެނޭ ސަރަޙައްދަށް، ހިނގާބިނގާވެ އުޅޭ މީހުންނަށާއި އެއްގަމު ދަތުރުފަތުރުގެ ނިޒާމުގައި ބޭނުންކުރާ އުޅަނދުތަކަށް ނުވަދެވޭ ގޮތަށް މަގުތަކާއި ގޯޅިތައް ބަންދުކުރެވޭނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މިއަދު 2:00 އިން ފެށިގެން ރަސްމިއްޔާތު ނިމެންދެން އެސަރަޙައްދު ބަންދުކޮށްފައި އޮންނާނެ ކަމަށެވެ. އަދި ދައުވަތު އަރުވައިގެން ވަޑައިގަންނަވާ ބޭފުޅުންގެ އިތުރުން ހިނގާބިނގާވެ އުޅޭ މީހުންނަށް ވެސް އެސަރަހައްދަށް ވަދެވޭނީ ފޮރިން މިނިސްޓްރީން ރަސްމީ ހުއްދަ ދޫކޮށްފައިވާ މީހުންނަށް އެކަނި ކަމަށް ވެސް ފުލުހުން ބުންޏެވެ.

"މަގުތައް ބަންދުކުރުމުން ޢާއްމު ރައްޔިތުންނަށް ދިމާވާ ދަތިތަކަށް މިފުރުޞަރުގައި ވެސް ނިހާޔަތަށް މާފަށް އެދެން،" ފުލުހުންގެ ބަޔާނުގައިވެ އެވެ.

ރައީސް އޮފީހުން ބުނީ ސްރީލަންކާގެ ރައީސްގެ އަރިހުގައި، އެގައުމުގެ ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި ޕާލަމަންޓް މެންބަރުން އަދި އިސްބޭފުޅުންގެ ވަފްދެއް ރާއްޖެ ގެންނަވާނެ ކަމަށެވެ.

އެދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ އާއި ސްރީލަންކާގެ ރައީސާ ދެބޭފުޅުން ބައްދަލުކުރައްވާނެ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މަހިންދަ ރާޖަޕަކްސަގެ މިދަތުރުފުޅަކީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވި ފަހުން، ބޭރު ދައުލަތެއްގެ އެންމެ އިސްވެރިޔަކު ރާއްޖެ އަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.