25 Jun 2014, 11:04
ވައިގެ މަގުން ރާއްޖެ އެތެރެކުރި ނުވަ ލައްކަ ރުފިޔާގެ މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް ފަސް ދުވަސް ޖަހައިދީފި އެވެ.
ފުލުހުން ބުނީ މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ބައިތިއްބައިގެން އެ ދެމީހުންގެ ތަހުގީގު ކުރިއަށް ގެންދިއުމަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
އެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 48 އަހަރުގެ މީހަކާއި 31 އަހަރުގެ މީހެކެވެ. އެ ދެމީހުންގެ ތެރެއިން 31 އަހަރުގެ މީހަކީ 2011 ވަނަ އަހަރު ޑިސެމްބަރު މަހުތެރޭ ދަފީނާ ބިލްޑިންގެ ފަސް ވަނަ ފަންގިފިލާގައި ހުންނަ އޮފީހަކުން ދެ ތިޖޫރިއާއެކު ފައިސާއާއި ލިޔެކިޔުންތަކެއް ވަގަށްނެގި މައްސަލައެއްގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އެ ދެމީހުން ހައްޔަރުކޮށްފައިވަނީ އަންގާރަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހުޅުލެއިން މާލެ އައި ވަގުތު، މާލެ ހުޅުލެ ފެރީ ޓާމިނަލް ކައިރިންނެވެ.
އެ މީހުން ދިރިއުޅޭ ތަން ކޯޓް އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު އެ މައްސަލައާ ގުޅުންހުރި ކަމަށް ބެލެވޭ ބައެއް ލިޔެކިޔުންތައް ފެނިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.