25 Jun 2014, 10:59
ގދ. ތިނަދޫ ޑައިމަންޑުވިލާ، އަލީ ރަޝީދު، 79، މަރާލި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރި މީހަކު ކްރިމިނަލް ކޯޓުން ދޫކޮށްލާފައި ވަނިކޮށް، ހައިކޯޓުގެ އަމުރަކާ ގުޅިގެން އަނެއްކާ ވެސް އެމީހާ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ އަލީ ރަޝީދު މަރާލި ކަމަށް ތުހުމަތު ކުރެވޭ އެ މީހާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ގެންދިޔުމުން އެ ކޯޓުން އޭނާ ދޫކޮށްލާފައިވާ ކަމަށެވެ. އަދި އޭނާ ދޫކޮށްލި މައްސަލަ ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ކްރިމިނަލް ކޯޓުގެ އަމުރު ބާތިލުކޮށް އެމީހާ ހައްޔަރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"ދައުލަތުގެ ފަރާތުން އެ މައްސަލަ ދިވެހި ރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ކްރިމިނަލް ކޯޓުގެ އަމުރު ބާތިލުކުރައްވައި، އޭނާ ހައްޔަރުކުރުމަށް ވަނީ އަމުރުނު ނެރެފައި. އެއަމުރާ އެކު އެމީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައްސަލައިގައި ހިމެނޭ އިތުރު މީހަކު ވެސް ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ އިސްތިއުނާފުކުރި ކަމެއް އަދި އެނގިފައެއް ނުވެ އެވެ.
އެ މައްސަލައާ ގުޅިގެން ބިދޭސީއަކު ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުހުންގެ އޮފިޝަލް ވިދާޅުވީ ތަހުގީގު ނުނިމެނީސް އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލުމުން، އެ މައްސަލަ ތަހުގީގު ކުރުމައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
"މި މައްސަލަ ތަހުގީގު ކުރުމުގައި ވަރަށް ބޮޑަށް ދަތި، ތަހުގީގު ކުރިއަށްދަނިކޮށް ތުހުމަތު ކުރެވޭ މީހުން ކޯޓުން ދޫކޮށްލާތީ،" އޮފިޝަލް ވިދާޅުވި އެވެ.
އަލީ ރަޝީދު ދިރުއުޅޭ ގޭގެ ގުދަނެއްގެ ތެރޭގައި އޭނާ މަރާލާފައި އޮއްވާ ފެނުނީ މިދިޔަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.
ތިނަދޫ ކައުންސިލް މެމްބަރަކު ވިދާޅުވީ، އަލީ ރަޝީދުގެ މޫނު މައްޗާއި އޭނާގެ ގައިގެ އެކި ތަންތަނުން ޒަޚަމްތަކެއް ފެންނަން ހުރި އިރު، އޭނާ މަރުވެފައި އޮއްވައި ފެނުނު ގުދަނުގައި ލޭ ވެސް ހުރި ކަމަށެވެ.