25 Jun 2014, 10:03
ހަސަން ޝިފާއު އަކީ އަމިއްލަ ކުންފުއްޏެއްގެ އެކައުންޓިން ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފެކެވެ. އޭނާ އެ އޮފީހުގައި މަސައްކަތް ކުރާތާ މިހާރު ތިން އަހަރު ވެއްޖެ އެވެ. އެ ވަޒީފާއާ މެދު އޭނާގެ މާބޮޑު ހިތްހަމަނުޖެހުންތަކެއް ނެތް ނަމަވެސް އޭނާ ހިތާމަ ކުރާ އެއް ކަމެއް އޮވެ އެވެ. އެއީ އެހެން މުވައްޒަފުންނަށްދޭ ރޯދަ އިނާޔަތް އޭނާ އަށް ނުލިބުމެވެ.
ޝިފާއު ބުނާ ގޮތުން ނަމަ އޭނާގެ އޮފީސް މުވައްޒަފުންނަށް ރޯދަ އިނާޔަތުގެ ގޮތުގައި 500 ރުފިޔާ ދޭތާ މިހާރު ތިން އަހަރު ވެއްޖެ އެވެ. އަދި އިނާޔަތުގެ ގޮތުގައި އެދޭ 500 ރުފިޔާ ވެސް ދެނީ ރޯދަ މަސް ފެށޭ ފަހުން އެތައް އާދޭހެއް ކޮށްގެން ކަމަށް އޭނާ ބުންޏެވެ.
"ހަގީގަތުގައި ވަރަށް ދަތިވޭ އެގޮތަށް ހަދާތީ. ރޯދަ އިނާޔަތް އާންމު ގޮތެއްގައި ގޭ އެންމެން ވެސް މިބޭނުން ކުރަނީ ރޯދަޔަށް ބޭނުންވާ ސާމާނު ގަތުމަށް. އެކަމަކު އެ ފުރުސަތު އަހަރެމެންނަކަށް ނޯވޭ،" އޭނާ ބުންޏެވެ.
އެހެން މީހެއްގެ ވާހަކައެކެވެ. އެއީ މާލޭގައި އަންނައުނު ވިއްކުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ފިހާރައެއްގެ ވަޒީފާގައި އުޅޭ އަޒްމާން އަލީ އެވެ. އަޒްމާން ބުނި ގޮތުގައި އެމީހުންނަށް ރޯދަ އިނާޔަތުގެ ގޮތުގައި ފިހާރަ އިން ދެނީ އެންމެ 800 ރުފިޔާ އެވެ.
ހަގީގަތަކީ ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ގިނަ ކުންފުނިތަކަކުން މުވައްޒަފުންނަށް ރޯދަ މަހުގެ އިނާޔަތް ނުދޭ ކަމެވެ. އެގޮތުން ބައެއް ކުންފުނިތަކުން ރޯދަ އިނާޔަތް ނުދޭ އިރު އަނެއް ބައި ކުންފުނިތަކުން ރޯދަ މަސް ފެށޭއިރު ވެސް ރޯދަ އިނާޔަތް ނުދެ އެވެ. އަދި އަނެއް ބައި ކުންފުނިތަކުން ރޯދަ މަސް އިނާޔަތުގެ ގޮތުގައި ދިނުމަށް އަންގާފައިވާ އަދަދަށް ފައިސާ ނުދެ އެވެ.
ވަޒީފާއާ ބެހޭ ގާނޫނުގައި ބުނެފައި ވަނީ ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރޯދަ މަސް ފެށުމުގެ ކުރިން، އެމީހަކަށް ލިބޭ މުސާރައިގެ ތިންބައިކުޅައެއްބައި ދޭންވާނެ ކަމަށެވެ. އަދި މުސާރައިގެ ތިންބައިކުޅައެއްބައި 2،000 ރުފިޔާއަށް ވުރެ ކުޑަނަމަ ދޭންޖެހެނީ 2,000 ރުފިޔާ ކަމަށް ގާނޫނުގައި ވަނީ ބަޔާންކޮށްފަ އެވެ. މުސާރައިގެ ތިންބައިކުޅަ އެއްބައި 10,000 ރުފިޔާއަށް ވުރެ ގިނަ ނަމަ، ދޭންޖެހޭނެ ކަމަށް ބުނެފައި ވަނީ 10,000 ރުފިޔާ އެވެ.
ލޭބާ ރިލޭޝަން އޮތޯރިޓީގެ އޮފިޝަލަކު ވިދާޅުވީ އެ އޮތޯރިޓީގެ އިންސްޕެކްޝަންތަކުން ދައްކާގޮތުގައި ބައެއް ކުންފުނިތަކުން ރޯދަ މަހުގެ އިނާޔަތް ދެމުންނުދާ ކަމަށާއި އަދި ބައެއް ފަރާތްތަކުން ރޯދަ މަހުގެ އިނާޔަތް ދޭ އިރު ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އެ އިނާޔަތް ދެމުން ނުދާކަން ފާހަގަ ކުރެވޭ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެގޮތަށް ވަޒީފާދޭ ފަރާތްތަކުން އަމަލުކުރާ ނަމަ އެ މައްސަލަ ލޭބާ ރިލޭޝަން އޮތޯރިޓީގައި ޖެއްސުމުގެ ފުރުސަތު މުވައްޒިފު މީހާއަށް އޮންނާނެ ކަމަށެވެ. އެގޮތުން އެ އޮތޯރިޓީ އަށް ސިޓީއަކުން ނުވަތަ[email protected]އީމެއިލް އައީޑީއަށް އީމެއިލެއް ކުރުމުން ވެސް އެ މައްސަލަތައް ބަލާނެ ކަމަށް ވިދާޅުވި އެވެ.
އެފަދަ މައްސަލަތައް ބަލައި ގާނޫނަށް ތަބާ ނުވާ ކުންފުނިތަކާ މެދު ފިޔަވަޅު އެޅުމުގެ ބާރު ލޭބާ ރިލޭޝަން އޮތޯރިޓީއަށް ލިބިގެންވެ އެވެ.
ރޯދަ އިނާޔަތް ނުދޭކަން ފާހަގަ ކުރެވެނީ އަމިއްލެ ކުންފުނިތަކުންނެވެ. ސަރުކާރު މުވައްޒަފުންނަށް މިހާރު ވަނީ ރޯދަ އިނާޔަތް ދީފަ އެވެ. އަދި ރާއްޖޭގައި ހިންގާ ބައެއް ބޮޑެތި ކުންފުނިތަކުން ދަނީ ރޯދަ އިނާޔަތުގެ ގޮތުގައި ފައިސާ ދިނުމުގެ އިތުރުން ރޯދަމަހަށް ހާއްސަ ތަފާތު ބާވަތްތައް ވެސް ހަދިޔާގެ ގޮތުގައި ދެމުންނެވެ.
ނަމަވެސް ހަގީގަތަކީ ގިނަ އަދަދެއްގެ އަމިއްލަ ކުންފުނިތަކުން ރޯދަ އިނާޔަތް އޭގެ އުސޫލްގެ މަތިން ނުދޭ ކަމެކެވެ. އެކަމުގެ ހައްލެއް ކަމަށް ފެންނަނީ ލޭބާ ރިލޭޝަން އޮތޯރިޓީއަށް މައްސަލަ ހުށައެޅުމެވެ.