25 Jun 2014, 09:53
ވޯލްޑް ކަޕްގެ ގްރޫޕް ޑީ ނުވަތަ "މަރުގެ ގްރޫޕް"ގައި ރޭ ކުޅުނު ފަހު މެޗުން އިޓަލީ ކަޓުވާޅުމަށް ފަހު ޔުރުގުއާއީ ގަދަ 16ގެ ޖާގައެއް ކަށަވަރުކުރި މެޗުގައި އިޓަލީ ޑިފެންޑަރު ޖޯޖިއޯ ކިއެލިނީގެ ކޮނޑުގައި ޔުރުގުއާއީ ތަރި ލުއިސް ސުއަރޭޒް ދަތް އެޅި ހާދިސާ އަށް އެ ޓީމުގެ ކޯޗު އޮސްކާ ތަބަރޭޒް އެއްވެސް ކޮމެންޓެއް ކުރާކަށް ބޭނުމެއް ނުވި އެވެ.
އެރީނާ ދަސް ދުނާސްގައި 1-0 ލަނޑުން އިޓަލީ އަތުން ޔުރުގުއާއީ މޮޅުވި މެޗުގައި އެ ޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޑިއޭގޯ ގޮޑިން އެވެ. ކިއެލިނީގެ ކޮނޑުގައި ސުއަރޭޒް ދަތް އެޅި މަންޒަރު ފެނިފައި ވަނީ މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށެވެ.
"އަހަރެން ފުރަތަމަ ބޭނުމީ އެ ފޮޓޯތައް ބަލަން. އަހަރެންނަށް އެ މަންޒަރެއް ނުފެނޭ. އަދި ރެފްރީއަށް ވެސް އެ މަންޒަރު ފެނުނު ހެނެއް އަހަރެންނަށް ހިއެއް ނުވޭ،" މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އުމުރުން 67 އަހަރުގެ ކޯޗު ތަބަރޭޒް ބުންޏެވެ.
ތަބަރޭޒް ބުނީ، ޔުރުގުއާއީ ސަޕޯޓަރުންނަށާއި އޭނާ އަށް މި މެޗަކީ އެހެން ކަންތައްތަކަށް ވުރެ، މުހިންމު މެޗެއް ކަމަށާއި ސުއަރޭޒްގެ ވާހަކަތައް ދެއްކުމަށް ވުރެ، މެޗުގައި ޖެހި މުހިންމު ލަނޑުގެ ވާހަކަ ދެއްކުން ރަނގަޅުވާނެ ކަމަށެވެ.
"އެ ހިނގި ހާދިސާއާ ބެހޭ ގޮތުން އަހަރެން އެއްވެސް ކޮމެންޓެއް ކުރާކަށް ބޭނުމެއް ނޫން. ސުއަރޭޒް އަކީ އަހަރެމެންނަށް ވަރަށް މުހިންމު ކުޅުންތެރިއެއް. މިއީ ވޯލްޑް ކަޕް. މިއީ އެއްވެސް އަގެއްނެތް ވާހަކަތަކެއް ދައްކަންވީ ވަގުތެއް ނޫން." އޭނާ ބުންޏެވެ.
މީގެ ކުރިން ވެސް ސުއަރޭޒް ވަނީ ދެ ފަހަރަކު ދެ ކުޅުންތެރިއެއްގެ ގައިގައި ދަތް އަޅައިފައެވެ. މިދިޔަ އަހަރު އޭނާ ޗެލްސީގެ ޑިފެންޑަރު ބްރަނިސްލާވް އިވަނޮވިޗް ގައިގައި ދަތް އެޅި އިރު، 2010 ވަނަ އަހަރު ޕީއެސްވީގެ އޮޓްމަން ބަކާލްގެގައިގައި ވެސް ވަނީ ދަތް އަޅައިފަ އެވެ.