ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލުމަށް ފުރުސަތު ދިނުމުގެ ގޮތުން ރައްޔުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް މެދުކަނޑާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙް މުހައްމަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލުމުގެ މައްސަލާގައި މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއި އެމަނިކުފާނު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލުމުގެ މަސައްކަތް ވަގުތީ ކޮމެޓީ އިން ކުރިއަށް ގެންދާ ކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

މަސީޙް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލުމުގެ މަސައްކަތް އިއްޔެ ނިމިގެންދާނެ ކަމަށް އެމަނިކުފާނު އުންމީދު ކުރެއްވި ކަމަށާއި އެހެން ނަމަވެސް އިއްޔެ އެ މައްސަލަ އަށް ހަލެއް ލިބިފައި ނުވާ ކަމަށެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލުމުގެ މަސައްކަތް މިއަދު 10:00ގައި ބާއްވާ ކޮމެޓީ ބައްދަލުވުމުގައި ހައްލުވެގެންދާނެ ކަމަށާއި އެހެން ކަމުން މަޖިލީހުގެ ޖަލްސާ ފައްޓަވާނީ އެ ކޮމެޓީ ބައްދަލުވުން ނިމުމުން 11:00ގައި ކަމަށެވެ.

ރައްޔުތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާ ވެސް ހުއްޓާލަން ޖެހުނީ މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލުމުގެ މައްސަލާގައި އިދިކޮޅު އެމްޑީޕީ މެންބަރުން ނިޒާމީ މައްސަލަ ނަންގަވައި މަޖިލީހުގެ ނިޒާމު ގެއްލުވާލުމުގެ ސަބަބުންނެވެ.

ރައްޔުތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާ ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން ގެންދެވީ ވިދާޅުވަމުންނެވެ. ނަމަވެސް ޖަލްސާ އިތުރަށް ކުރިއަށް ގެންދެވޭނީ ކޮމެޓީތައް އެކުލަވާލުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ފަހު ކަމަށް ސަރުކާރާ އިދިކޮޅު އެމްޑީޕީ މެމްބަރުން ގެންދެވީ ވިދާޅުވަމުނެވެ.