08 Jan 2011, 05:01
ކޮންމެ ރައްޔިތަކީ ޤަދަރާއި ޢިއްޒަތް ލިބިގެންވާ ރައްޔިތެކޭ ބުނެވޭނެ ފުރުޞަތު ދިނުމަށް ސަރުކާރުން ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ޅ. ކުރެންދޫއަށް މިއަދު ކުރެއްވި ދަތުރުފުޅުގައި އެ ރަށު ރައްޔިތުންނާ ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯއްދައިދިނުމަށާއި ރައްޔިތުން ބޭސް ސިޓީއަށް ސަލާން ޖެހުން ނައްތާލުމަށް ސަރުކާރުން ކުރާ މަސައްކަތުގެ މަޤްޞަދަކީ، ކޮންމެ ރައްޔިތަކީ ޤަދަރާއި ޢިއްޒަތް ލިބިގެންވާ ރައްޔިތެކޭ ބުނެވޭނެ ފުރުޞަތު ރައްޔިތުމީހާ އަށް ދިނުން ކަމަށެވެ.
"ރައްޔިތުމީހާ ބޭސް ސިޓީ ހިފައިގެން އެއް މަހުޖަނެއްގެ ގާތުން އަނެއް މަހުޖަނެއްގެ ގާތުން ހިނގާއިރު އަޅުގަނޑުމެންނަކަށް ނުފެނޭ ޤަދަރާ ކަރާމާތް އެ ރައްޔިތުމީހާގެ ހިފެހެއްޓޭނެ ގޮތެއް،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި ރައްޔިތުންނަކީ، އދ. އިން ބުނާ ހައިހޫނު ކަމުގެ ރޮނގުން ދަށުގައި، ރެޔަކާ ދުވާލަށް ބާރަ ރުފިޔާ ވެސް ނުލިބޭ މީހުން ކަމަށާއި އެންމެ ފެންވަރު ދަށް ޚިދުމަތަށް ވެސް އެމީހުންގެ އަތް ނުފޯރާ ކަން ފާހަގަކުރައްވަމުން ރައީސް އިތުރަށް ވިދާޅުވީ، "ރައްޔިތުން ހައިހޫނު ކަމުގައި ތިއްބައެއް" ގައުމު ކުރިއަށް ނުދާނެ ކަމަށެވެ.
"ޤައުމެއް ތަރައްޤީވެއެއްނުދާނެ، އެޤައުމެއްގެ ރައްޔިތުން ހައިހޫނު ކަމުގައި ތިއްބައެއް. ތަރައްޤީ ކުރަންމިޖެހެނީ ސީދާ ރައްޔިތު މީހާ. ކިތަންމެ ބޮޑެތި ބިނާތަކެއް ކުރިއަސް ސީދާ މީހާ، ފަޤީރުކަމުން އަރައިނުގަނެވޭހާ ހިނދަކު، ނުވަތަ މިރާއްޖޭގެ އާބާދީގެ ތިންބައި ކުޅަ އެއްބައި ހައިހޫނު ކަމުގައި ތިއްބައި އަޅުގަނޑުމެންނަށް ތަރައްޤީއެއް ނުހޯދޭނެ. ބޭސް ސިޓީއަށް ސަލާންޖެހުން ނައްތާލަން ވަޢުދު ވީ އެހެންވެގެން. ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން އަޅުގަނޑުމެން ހޯދައިދޭން"، ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ކުރެންދޫގެ ތަރައްޤީއަށް ސަރުކާރުން ރާވާފައިވާ ޕްރޮގްރާމްތަކުގެ މައްޗަށް ބައްލަވާލެއްވި އެވެ. އެގޮތުން ކުރެންދޫ އަށް މި އަހަރުގެ ތެރޭ ޓެލެމެޑިސިންގެ ޚިދުމަތް ލިބިގެންދާނެ ކަމަށާއި ހަމަ މިއަހަރުގެ ތެރޭގައި ކުރެންދޫގެ ބަނދަރު ސަރުކާރުން ހަދާ ދޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ކުރެންދޫގެ ކުނި ނައްތާލުމާއި، ކުރެންދޫ ސާފުތާހިރުކޮށް ބޭއްވުމަށްޓަކައި، ކުރެންދޫގައި ކުނި ނައްތާލުމުގެ ނިޒާމެއް މިހާރު ގާއިމް ކުރަމުން އެބަދާ ކަމުގައި ވެސް ވިދާޅުވި އެވެ.