އަބޫޖާ (ޖޫން 25): ނައިޖީރިޔާގެ ހައްދުފަހަނަޅާފައިވާ ޖަމާއަތެއް ކަމަށްވާ ބޯކޯ ހަރާމް ޖަމާއަތުގެ ހަނގުރާމަވެރިން ކަމަށް ޝައްކުކުރެވޭ ހަތިޔާރުއެޅިބަޔަކު އެގައުމުގެ އުތުރުގެ ސަރަހައްދަކުން 60 އަންހެނުންނާއި ކުޑަކުދިން ވަގަށްނަގައިފި ކަމަށް ޚަބަރު ލިބިއްޖެ އެވެ.

މި 60 މީހުން ވަގަށްނަގާފައި ވަނީ ބޯކޯ ހަރާމް ޖަމާއަތުގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ނައިޖީރިޔާގެ އުތުރުގެ ބޯނޯ ސްޓޭޓްގެ ވިލެޖްތަކަށާއި ރައްފުށުގެ ސަރަހައްދުތަކަށް ހަތިޔާރާ އެކު އަރައި އާންމުންނަށް ހަމަލާދީ ބިރުދައްކައިގެން ކަމަށާ އެހަމަލާތަކުގައި އެތައް ބަޔަކު މަރުވެ އެތައް ސަތޭކަބަޔަކު ގެދޮރުދުކޮށް ގޮސްފައިވާ ކަމަށް ނައިޖީރިޔާގެ ފުލުހުން ބުނެ އެވެ. ބޯކޯ ހަރާމް ޖަމާއަތުގެ ހަނގުރާމަވެރިންނަކީ ނައިޖީރިޔާގެ ރަށްފުށުގެ ވިލެޖްތަކަށް ރޭގަނޑު ދަންވަރުގެ ވަގުތުތަކުގައި އަރައި އާންމުންގެ ގެދޮރަށް ހަމަލާދީ މީހުން މެރުމުގެ ޖަރީމާތައް ވަރަށް ފުޅާދާއިރާއެއްގައި ހިންގަމުން ގެންދާ ހަރުކަށި ޖަމާއަތެކެވެ.

ބޯކޯ ހަރާމް ޖަމާއަތުން މިދިޔަ އެޕްރީލް މަހު ވަނީ ނައިޖީރިޔާގެ ބޯނޯ ސްޓޭޓްގައިވާ އަންހެންކުދިންގެ ބޯޑިންގް ސްކޫލަކަށް ހަތިޔާރާއެކު ވަދެ އެސްކޫލުންވެސް 200 އަށްވުރެ ގިނަ އަންހެންކުދިން ވަގަށްނަގާފަ އެވެ. ވަގަށްނަގާފައިވާ އަންހެން ކުދިން އަޅުންގެ ގޮތުގައި ވިއްކާލާނެ ކަމުގެ އިންޒާރު ބޯކޯ ހަރާމް ޖަމާއަތުން ދީފައިވާ އިރު އެކުދިން މިނިވަން ކުރުމަށް ނައިޖީރިޔާ ސަރުކާރުވަނީ ނުކުޅެދިފަ އެވެ.(ރޮއިޓާސް)