25 Jun 2014, 09:14
އދ. މަޖިލިސް (ޖޫން 25): އިރާގުގެ ހަނގުރާމަވެރި ޖަމާއަތްތަކާއި އެގައުމުގެ ސިފައިންނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގާ މި ޖޫން މަހުގެ ތެރޭގައި ހާހަކަށް ވުރެ ގިނަ މީހުން މަރުވެ އެތައް ހާސްބަޔަކު ޒަޚަމްވެފައިވާ ކަމަށް އދ. އިން ބުނެފި އެވެ.
އިންސާނީ ހައްގުތަކާ ބެހޭ އދ.ގެ ހައިކޮމިޝަންގެ ތަރްޖަމާން ރޮބަޓް ކޮލްވީލް ވިދާޅުވީ އިރާގުގެ އެންމެ ބޮޑު ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ "ދި އިސްލާމިކް ސްޓޭޓް ފޯ އިރާގް އެންޑް ދަ ލެވަންޓް" (ދާޢިޝް)ގެ ހަނގުރާމަވެރިންނާއި އިރާގު ސިފައިންނާ ދެމެދު ހިނގަމުންދަނީ ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއް ކަމަށާ މިހަނގުރާމައިގާ މި ޖޫން މަހުގެ ތެރޭގައި އެކަނިވެސް ހާހަކަށް ވުރެ ގިނަ މީހުން މަރުވެ އެތައް ހާސްބަޔަކު ޒަޚަމްވެ އެތައް ލައްކަބަޔަކު ރެފިއުޖީންގެ ގޮތުގައި ގެދޮރުން ބޭރުވެފައިވާ ކަމުގަ އެވެ.
"ދާޢިޝް"ގެ ހަނގުރާމަވެރިންނާ އެކު އިރާގުގެ ސުންނީ ގަބީލާތައް ހަނގުރާމަކުރަމުން ގެންދާ އިރު މިހަނގުރާމައިގާ އިރާގުގެ ޝިޔަޢީ ވޮލަންޓިޔަރުން ސަރުކާރު ސިފައިންގެ ސަފުތަކުގައި ގެންދަނީ ހަނގުރާމަ ކުރަމުންނެވެ.
އިރާގުގައި ހިނގަމުންދާ ލޭއޮހޮރުވުން ބޮޑު މި ހަނގުރާމައިގާ މިޖޫން މަހު މަރާލެވުނު އެއްހާހަށް ވުރެ ގިނަ މީހުންގެ ތެރެއިން 757 މީހުން މަރާލާފައި ވަނީ އިރާގުގެ އުތުރުގެ ސަރަހައްދުތައް ކަމަށްވާ ސަލާޙުއްދީން، ދިޔާލީ އަދި ނައިނަވީގައި ކަމަށާ 318 މީހުން މަރާލާފައި ވަނީ ބަޣްދާދުގައި ކަމަށް ވެސް އިންސާނީ ހައްގުތަކާބެހޭ އދ.ގެ ހައިކޮމިޝަންގެ ތަރްޖަމާން ރޮބަޓް ކޮލްވީލް ވިދާޅުވި އެވެ.
އިރާގުގައި ސުންނީންނާއި ޝިޔައީންގެ މަޛްހަބީ އަދި ތާއިފީ ފިތްނ އާދަޔާ ޚިލާފަށް ބޮޑުވެ އެފިތްނަތައް އެންމަފަހުން ތަޅާފޮޅުންތަކަކަށް ބަދަލުވެގެން ދިޔައީ އެމެރިކާ ސިފައިން އިރާގަށް އަރައި އިރާގު އިސްތިއްމާރު ކުރި ދުވަސްވަރުގަ އެވެ. އަދި އިރާގުގެ މަދަނީ އިންފްރާސްޓްރަކްޗާ މުޅިން ހަލާކުކޮށް އިރާގުގެ ރައްޔިތުން ލައްކައިން މަރައި ހާލުގައި ޖައްސައި އިރާގުގެ ބޮޑުބައެއް ފަނާކޮށްލާފައިވަނީ ވެސް އެމެރިކާ އިރާގަށް އަރައި ކުރި ހަނގުރާމައިގެ ތެރޭގަ އެވެ. (ރޮއިޓާސް)