ވޯލްޑް ކަޕްގެ ގްރޫޕް ސީގައި ކޮލަމްބިއާ ކުޅުނު އެންމެ ފަހު މެޗުގައި ޖަޕާނު ޖަޒުބާތުގައި ޖައްސާލުމަށްފަހު، ކުޅުނު ހުރިހާ މެޗަކުން މޮޅުވެ އެ ގްރޫޕްގެ އެއްވަނަ މަގާމު ކޮލަމްބިއާ ހޯދައިފި އެވެ.

އެރީނާ ޕެންޓަނަލްގައި މިރޭ ޖަޕާނާ ދެކޮޅަށް ކުޅުނު މެޗުން ކޮލަމްބިއާ މޮޅުވީ 4-1 ލަނޑުންނެވެ. މި މެޗަށް ކޮލަމްބިއާ ނުކުތް އިރު، ފުރަތަމަ އެގާރައިން ބޮޑު ބަދަލުތަކެއް ފެނިފައިވެ އެވެ. އެގޮތުން ޖޭމްސް ރޮޑްރިގޭޒް އާއި ކެޕްޓަން މާރިއޯ ޔެޕޭސް ފުރަތަމަ އެގާރައިން ފެނިފައި ނުވާއިރު، މިރޭ އެޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ ގޯލްކީޕަރު ޑޭވިޑް އޮސްޕިނާ އެވެ. މިއީ ކޮލަމްބިއާގެ ކެޕްޓަން ބޭންޑް އަޅައިގެން އޭނާ ކުޅުނު ފުރަތަމަ މެޗެވެ.

މެޗުގެ 16 ވަނަ މިނެޓްގައި ކޮލަމްބިއާގެ އެޑްރިއަން ރާމޯސް އަށް ޔަޝިޔޫކީ ކޮނޯ ކުރި ފައުލަކާއި ގުޅިގެން ކޮލަމްބިއާ އަށް ލީޑު ނެގުމަށްޓަކައި ޕެނަލްޓީއެއް ލިބުނެވެ. ކޮލަމްބިއާގެ ޕެނަލްޓީ ކާމިޔާބުކޮށް އެ ޓީމަށް ލީޑު ނަގައިދިނީ މި މުބާރާތުގައި ކޮލްމްބިއާ އިން ކާމިޔާބުކުރި ތިން ލަނޑު ޖަހައިދިނުމަށް މަގުފަހިކޮށްދިން މިޑްފީލްޑަރު ހުއާން ކުއަޑްރާޑޯ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ އެއް މިނެޓްގެ ކުޅުން ދެއްކިތަނާ ޖަޕާނުން ނަތީޖާ ހަމަހަމަކުރި އެވެ. ޝިންޖީ ކަގަވާގެ ހުރަހަކުން ޝިންޖީ އޮކަޒާކީ މި ލަނޑު ކާމިޔާބުކުރީ ބޮލުންނެވެ. މިއީ އުމުރުން 28 އަހަރުގެ ފޯވަޑް ޖަޕާނަށް ކާމިޔާބުކޮށްދިން 39 ވަނަ ލަނޑެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ 10 މިނެޓް ފަހުން ކޮލަމްބިއާ އިން އަލުން ލީޑު ނެގިއެވެ. މެޗުގެ ދެވަނަ ހާފަށް ކުޅެން ނުކުތް ޖޭމްސް ރޮޑްރިގޭޒްގެ ބޯޅައަކުން ކޮލަމްބިއާއަށް އަލުން ލީޑު ނަގައިދިނީ ޖެކްސަން މާޓިނޭޒް އެވެ.

މެޗުގައި ކޮލަމްބިއާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިން މާޓިނޭޒް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްދީ، އެ ޓީމަށް ލީޑު ފުޅާކޮށްދީފައެވެ. މެޗުގެ 82 ވަނަ މިނެޓްގައި އޭނާ ކާމިޔާބުކޮށްދިން މި ލަނޑު ކާމިޔާބުކުރީ ކައުންޓަ އެޓޭކަކުންނެވެ. މިއީ ކޮލަމްބިއާ އަށް އޭނާ ކާމިޔާބުކޮށްދިން 12 ވަނަ ލަނޑެވެ.

މެޗުގެ އެންމެ ފަހު މިނެޓްގައި ކޮލަމްބިއާގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިޔާ ރޮޑްރިގޭޒް އެވެ. މިއީ މި ވޯލްޑް ކަޕުގައި ރޮޑްރިގޭޒް ކާމިޔާބުކުރި ތިން ވަނަ ލަނޑެވެ.

މުބާރާތުގެ ގަދަ 16ގައި ކޮލަމްބިއާ ނުކުންނަން ޖެހޭނީ ގްރޫޕް ޑީގެ ދެވަނަ ހޯދި ޔުރުގުއާއީ އާ ދެކޮޅަށެެވެ. އަދި ގްރޫޕް ސީގެ ދެވަނަ ހޯދި ގްރީސް ނުކުންނަން ޖެހޭނީ ގްރޫޕް ޑީގެ އެއްވަނަ ހޯދި ކޮސްޓަ ރިކާ އާ ދެކޮޅަށެވެ.