ފަހުވަގުތު ރެފްރީ ދިން ޕެނަލްޓީއަކުން ޖޯޖިއޯ ސަމަރާސް ޖަހައިދިން ލަނޑާއެކު 2-1 ލަނޑުން އައިވަރީ ކޯސްޓް ބަލިކޮށް ގްރޫޕް 'ސީ'ގެ ދެވަނަ ޓީމުގެ ގޮތުގައި ގްރީސް ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ގަދަ 16އިން ޖާގަ ހޯދައިފި އެވެ.

އައިވަރީ ކޯސްޓަށް މެޗު އެއްވަރު ކޮށްލައިގެން ވެސް ދެވަނަ ބުރުގެ ޖާގައެއް ލިބެން އޮތް މެޗުގެ ފަހު ހާފުގެ އިތުރު ވަގުތުގެ ފަހު ސިކުންތު ކޮޅާ ޖެހެން ދެންވެސް މެޗުގެ ނަތީޖާ އޮތީ 1-1 އިން އެއްވަރު ވެފައެވެ. އެހެން ނަމަވެސް އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި އެޓީމުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޖޯޖަސް ސަމަރާސްއަށް ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޖިއޮވާނީ ސިއޯ ފައުލް ކުރި ކަމަށް ބުނެ ރެފްރީ ދިން ޕެނަލްޓީ، ސަމަރާސް ވަނީ، ވަރަށް ރީތިކޮށް ގޯލްތެރެއަށް ފޮނުވާލައިފައެވެ.

ގްރީސްއަށް މި މޮޅާއެކު ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ގްރޫޕުގެ ދެވަނަ ލިބުނީ، މިރޭ ކުޅުނު އެ ގްރޫޕްގެ އަނެއް މެޗުގައި ޖަޕާނު އަތުން 4-1 ލަނޑުން ކޮލަމްބިއާ މޮޅުވުމުންނެވެ. ގްރޫޕުގެ އެއްވަނަ ކޮލަމްބިއާއަށް ޖުމުލަ ނުވަ ޕޮއިންޓު ލިބުނުއިރު ތިން ވަނަ ލިބުނު އައިވަރީ ކޯސްޓަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އަދި ޖަޕާނަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.

މުުބާރާތުގެ ފުރަތަމަ ދެ މެޗުގައި ލަނޑެއް ކާމިޔާބު ކުރެވިފައި ނުވި ނަމަވެސް މިރޭގެ މެޗުގައި ގްރީސްއަށް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައެވެ. އަދި ހަމަ އެހެންމެ މެޗުގެ ކުރީކޮޅުގައި ގްރީސްގެ މިޑްފީލްޑަރު ޕެންޖިއޮޓިސް ކޯނޭއާއި ގޯލް ކީޕަރު އޮރެސްޓިސް ކަރްނެޒިސްއަށް ލިބުނު އަނިޔާއަކާއި ގުޅިގެން އެ ދެކުޅުންތެރިން ވެސް ބަދަލުކުރަން މަޖުބޫރުވިއެވެ.

މިރޭގެ މެޗުގައި އައިވަރީ ކޯސްޓުގެ ފުރަތަމަ 11 އަށް ބޮޑެތި ބަދަލު ތަކެއް ގެނެސްފައި ވާއިރު އެޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން އެރީ ޗެލްސީގެ ކުރީގެ ލެޖެންޑް ޑިޑިއާ ޑްރޮގްބާއެވެ. އަދި ކޮއްކޮގެ މަރުގެ ހިތާމައިގައި ތިބި ޓޫރޭގެ ދެބެއިން ކަމަށްވާ ޔާޔާއާއި ކޯލޯ ވެސް ވަނީ މިރޭގެ މެޗުގެ ފުރަތަމަ 11ގައި ހިމަނައިފައެވެ.

ގްރީސްއަށް ފުރަތަމަ ފަހަރަށް މެޗުގެ ކުރި ހޯދައިދިނީ، ފުރަތަމަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި، އަންދްރޭސް ސަމަރިސްއެވެ. 42 ވަނަ މިނިޓްގައި ސަމަރިސް ކާމިޔާބުކޮށްދިން ލަނޑާއެކު ފުރަތަމަ ހާފު ނިމިގެން ދިޔައީ 1-0 އިން ގްރީސް ކުރީގައި އޮވެއެވެ.

އައިވަރީ ކޯސްޓަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ، ފަހު ހާފުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި، ވިލްފްރެޑް ބޯނީއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ، ގްރީސްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޖާވީނިއޯ ސެޓްކޮށްދިން ބޯޅައެއް ހިފައިގެން ގޯލް އޭރިޔާ ތެރެއަށް ވަދެ ގޯލް ކީޕަރު ޕަންޖިއޮޓިސް ގްލިކޮސް ކައިރިން ވެސް ނައްޓާލައިފައެވެ.

މުބާރާތުގެ ގަދަ 16ގައި ގްރީސް ނުކުންނަން ޖެހޭނީ، ގްރޫޕް 'ޑީ'ގެ އެއްވަނަ ހޯދި ކޮސްޓަ ރިކާއާ ދެކޮޅަށެވެ. އަދި ގްރޫޕް 'ސީ'ގެ އެއްވަނަ ހޯދި ކޮލަމްބިއާ ނުކުންނަން ޖެހޭނީ ގްރޫޕް 'ޑީ'ގެ ދެވަނަ ހޯދި ޔުރުގުއާއީ އާ ދެކޮޅަށެވެ.