ވޯލްޑް ކަޕްގެ ގްރޫޕް ޑީ ނުވަތަ "މަރުގެ ގްރޫޕް" ގެ ފަހު މެޗުގައި ކޮސްޓަ ރިކާ އަތުން ލަނޑެއް ނުޖެހި އެއްވަރުވެ، ފުޓްބޯޅައިގައި މަޝްހޫރު އިނގިރޭސިން ޕޮއިންޓަކާއެކު މުބާރާތް ނިންމާލައިފި އެވެ. މި މެޗުގެ ނަތީޖާއާއެކު ކޮސްޓަ ރިކާ ގަދަ 16 އަށް ދަތުރުކުރީ ގްރޫޕްގެ އެއްވަނައިގެ ގޮތުގައެވެ.

އެސްޓޭޑިއޯ މިނޭރާއޯގައި މިރޭ ކުޅުނު މެޗަށް ނުކުތުމުގެ ކުރިން ކޮސްޓަ ރިކާއަށް ގަދަ 16ގެ ޖާގައެއް ކަށަވަރުވެފައިވާ އިރު، އިނގިރޭސިންނަށް ވަނީ ޖާގަ ގެއްލިފައެވެ. މެޗަށް ނުކުތް އިރު، ކޮސްޓަ ރިކާގެ ފުރަތަމަ އެގާރައިން ގިނަ ބަދަލުތަކެއް ނުފެނުނު ނަމަވެސް، އިނގިރޭސިންގެ ފުރަތަމަ އެގާރައިން ގިނަ ބަދަލުތަކެއް ފެނިފައި ވެ އެވެ.

މެޗުގެ ފުރަތަމަ ދިހަ މިނެޓަށް ފަހު، އިނގިރޭސިންގެ ފަރާތުން ރަނގަޅު ކުޅުމެއް ވަނީ ފެނިފައެވެ. މެދުތެރޭގައި ގިނަ ވަގުތު އިނގިރޭސިން ބޯޅަ ގެންގުޅުނު ނަމަވެސް، ކޮސްޓަ ރިކާގެ ޑިފެންޑަރުންގެ ފަރާތުން ފެނުނީ ވަރުގަދަ ކުޅުމެކެވެ.

މެޗުގައި އިނގިރޭސިންނަށް ލިބުނު އެންމެ ފުރަތަމަ ފުރުސަތު ލިބުނީ ޑެނިއެލް ސްޓަރިޖުއަށެވެ. ނަމަވެސް މެޗުގެ 12 ވަނަ މިނެޓްގައި ސްޓަރިޗްގެ ވައަތު ފައިން ފޮނުވާލި ހަމަލާ ދިޔައީ ކޮސްޓަ ރިކާގެ ގޯލާއި އަމާޒުނުވެ ބޭރަށެވެ. އޭގެ ފަސް މިނެޓް ފަހުން ވެސް ސްޓަރިޗްއަށް އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް އެ ހަމަލާ ވެސް ދިޔައީ ގޯލާއި އަމާޒުނުވެ ބާރަށެވެ.

މެޗުގެ 22 ވަނަ މިނެޓްގައި ކޮސްޓަ ރިކާގެ ކާލޯސް ބޯގްސް ވަނީ އިނގިރޭސި ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާާލާފައެވެ. ހިލޭ ޖެހުމަކުން ބޯގްސް އުފެއްދި މި ހަމަލާ، އިނގިރޭސި ގޯލްކީޕަރު ބެން ފޮސްޓާގެ އަތުގައި ޖެހިފައި އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު ސްޓަރިޖް އަށް މެޗުގެ 26 ވަނަ މިނެޓްގައި ގޯލް ކުރިމަތިން ލަނޑު ޖަހާނެ ހުސް ފުރުސަތެއް ވަނީ ލިބިފައެވެ. ނަމަވެސް ތިން ކުޅުންތެރިންގެ ކައިރިން ނައްޓާލުމަށްފަހު ރޮސް ބާކްލީ، ދިން ބޯޅަ ސްޓަރިޖްއަށް ލިބުމުން އޭނާ ކައިރީގައި ހުރި ކޮސްޓަ ރިކާގެ ޖިއަންކާލޯ ގޮންޒަލޭޒާއެކު ކޮސްޓަ ރިކާގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވެއްޓުނެވެ. މި ހާދިސާއާ ގުޅިގެން އިނގިރޭސި ޓީމުން އެއީ ޕެނަލްޓީއެއް ކަމަށް އެޕީލްކުރަމުން ދިޔަނަމަވެސް ރެފްރީގެ ނިޔާ ބަދަލުކޮށްފައެއް ނުވެއެވެ.

މެޗުގެ 64 ވަނަ މިނެޓްގައި ލިވަޕޫލްއަށް ކުޅެމުންދާ އިނގިރޭސި ދެ ކުޅުންތެރިންކަމަށްވާ ސްޓަރިޖް އާއި ރަހީމް ސްޓާލިންގްގެ ވަރަށް ރަނގަޅު ޕާޓްނާޝިޕް ހަމަލާއެއް ފެނުނެވެ. ވަން ޓޫ ޕާހަކުން ސްޓަރިޖް އުފެއްދި ހަމަލާ ދިޔައީ ކޮސްޓަ ރިކާގެ ގޯލު ކައިރިން ބޭރަށެވެ.

މި ގްރޫޕްގެ އެއްވަނައިގެ ގޮތުގައި ކޮސްޓަ ރިކާ ގަދަ 16އަށް ދަތުރުކުރި އިރު، ދެވަނައިގެ ގޮތުގައި ދަތުރުކުރީ މިރޭ 1-0 ލަނޑުން އިޓަލީ އަތުން މޮޅުވި ޔުރުގުއާއީ އެވެ. ކޮސްޓަ ރިކާ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާ އިރު، ޔުރުގުއާއީއަށް ލިބިފައި ވަނީ ހަ ޕޮއިންޓެވެ.

ގަދަ 16ގައި ކޮސްޓަ ރިކާ ނުކުންނަން ޖެހޭނީ ގްރޫޕް ސީގެ ދެވަނަ ޓީމާ ދެކޮޅަށެވެ. ގްރޫޕް ސީގެ އެއްވަނަ އަދި ދެވަނަ އަށް ދާ ޓީމު ކަށަވަރުވާނީ މިރޭ 1:00 ގައި ކުޅޭ މެޗުތަކަށް ފަހު އެވެ. ގްރޫޕް ސީގެ ފަހު މެޗުތައް މިރޭ ކުޅޭއިރު، ޖަޕާނާއި ދެކޮޅަށް ނުކުންނާނީ ގަދަ 16ގެ ޖާގައެއް ކަށަވަރުކޮށްފައިވާ ކޮލަމްބިއާ އެވެ. އަދި ހަމަ އެގަޑީގައި ގްރީސްއާ ދެކޮޅަށް ނުކުންނާނީ އައިވަރީ ކޯސްޓް އެވެ.