ފުޓްބޯޅައިގެ ބޮޑު ބާރެއްގެ ގޮތުގައި އޮތް އިޓަލީ އުރުގުއާއީ އަތުން ބަލިވި މެޗަށްފަހު، އެ ޓީމުވެ ކޯޗު ސިސާ ޕްރެންޑެންލީ އިސްތިއުފާ ދީފި އެވެ. އިޓަލީ ކޯޗުގެ އިސްތިއުފާ އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނަށް ހުށަހެޅީ އިޓަލީ މިރޭގެ ކުޅުނު މެޗު ނިމުނުތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގަ އެވެ.
~
އުމުރުން 56 އަހަރުގެ ޕްރަންޑެލީ އިޓަލީގެ ކޯޗުކަމާ ހަވާލުވީ، 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އިޓަލީއަށް ލިބުނު ނާކާމިޔާބަށް ފަހު އެވެ. އޭނާ ވަނީ، އިޓަލީ ޓީމު 2012 ވަނަ އަހަރުގެ ޔޫރޯ ފައިނަލަށް ގެންގޮސްދީފަ އެވެ.

"އަހަރެންގެ ޓެކްނިކަލް ރޭވުންތައް ކާމިޔާބު ނުވުމުން މިފަދަ ނިންމުމެއް މި ނިންމީ. މި މުބާރާތުން ކެޓުމުގެ ހުރިހާ ޒިންމާއެއް އަޅުގަނޑު ނަގަން،" ކޯޗުކަމުން އިސްތިއުފާ ދޭން ނިންމިކަން އިއުލާނު ކުރަމުން ރޯމާ އާއި ފިއޮރެންޓީނާއަށް ކޯޗުކޮށްދިން ޕްރަންޑެލީ ބުންޏެވެ.

ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ އިޓަލީއަށް މިފަހަރުގެ މުބާރާތުގެ ގަދަ 16އިން ޖާގައެއް ނުލިބި، ގްރޫޕް ސްޓޭޖުގައި ކުޅުނު އެއް މެޗުން މޮޅުވެ، ދެ މެޗުން ބަލިވެ ރަށަށް ދާން ޖެހުމުން އެ ގައުމުގެ އެފްއޭގެ ރައީސް ވެސް މަގާމުން އިސްތިއިފާ ދޭން ނިންމާފައި ވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.