ވޯލްޑް ކަޕްގެ ގްރޫޕް ޑީ ނުވަތަ 'މަރުގެ ގްރޫޕް'ގައި އިޓަލީ ކަޓުވާޅުމަށްފަހު އުރުގުއާއީ ގަދަ 16ގެ ޖާގައެއް ކަށަވަރުކުރި މެޗުގައި އެ ޓީމުގެ ތަރި ލުއިސް ސުއަރޭޒްގެ ދަތް އެޅުމުގެ ސިލްސިލާ އަލުން ފަށައި، ބައިނަލްއަގްވާމީ މެޗުތަކުގައި ވެސް އެ ކުޅިވަރު ފަށައިފި އެވެ. ސުއަރޭޒް ވަނީ މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ކުޅުންތެރިންގެ ގައިގައި ދަތް އަޅާފަ އެވެ. ނަމަވެސް ކުރިން ހިނގި އެ ހާދިސާއަކީ ކްލަބު ލެވެލްގެ ދެ މެޗެއްގައި ހިނގި ހާދިސާތަކެވެ.

ސުއަރޭޒް ދަތް އެޅުމުގެ "ހެޓްރިކް": އޭނާއަށް ބޮޑު ސަސްޕެންޝަނެއް އަންނާނެ--

އެރީނާ ދަސް ދުނާސްގައި 1-0 ލަނޑުން އިޓަލީ އަތުން ޔުރުގުއާއީ މޮޅުވި މެޗުގައި ސުއަރޭޒް ދަތް އަޅާފައި ވަނީ އިޓަލީގެ ޑިފެންޑަރު ޖޯޖިއޯ ކިއެލިނީގެ ކޮނޑުގަ އެވެ. މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް ފެނުނު މި މަންޒަރު ރެފްރީއަށް ފެނިފައި ނުވުމުގެ ސަބަބުން ސުއަރޭޒް ވަނީ ސަލާމަތްވެފަ އެވެ. ކިއެލިނީގެ ކޮނޑުގައި ސުއަރޭޒް ދަތްއެޅިކަމުގެ ނިޝާން ދެއްކި ނަމަވެސް ރެފްރީ އެ ކަމަށް މާބޮޑު ސަމާލުކަމެއް ދީފައެއް ނުވެ އެވެ.
އިޓަލީގެ ޑިފެންޑަރު ޖޯޖިއޯ ކިއެލިނީ ކޮނޑުގައި ސުއަރޭޒް ދަތް އަޅަނީ --

އެންމެ ފަހުން ސުއާރޭޒްގެ ދަތް އެޅުމުގެ "ހުނަރު" ފެނިފައި ވަނީ ޕްރިމިއާ ލީގުގައި މިދިޔަ އަހަރު ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗެއްގަ އެވެ. ޗެލްސީގެ ޑިފެންޑަރު ބްރަނިސްލާވް އިވަނޮވިޗްގެ ގައިގައި ދަތް އެޅުމުގެ ސަބަބުން އެ ފަހަރު ސުއަރޭޒް ވަނީ 10 މެޗަށް ސަސްޕެންޑް ކޮށްފަ އެވެ.

އަޔެކްސަށް ކުޅުނު ދުވަސްވަރު ވެސް ސުއަރޭޒް ވަނީ ކުޅުންތެރިއެއްގެ ގައިގައި ދަތް އަޅައިފަ އެވެ. ޑަޗް ލީގުގައި 2010 ވަނަ އަހަރު ޕީއެސްވީ އެންދޮވެންއާ ދެކޮޅަށް ކުޅުނު މެޗުގައި ސައަރޭޒް ދަތް އެޅީ ޕީއެސްވީގެ މިޑްފީލްޑަރު އޮޓްމަން ބަކާލްގެ ގައިގަ އެވެ. އެ ފަހަރު ސުއަރޭޒްއަށް ހަތް މެޗުގެ ސަސްޕެންޝަކާއި ކުރިމަތިލާން ޖެހުނެވެ.

މިރޭގެ މެޗުގައި ސުއަރޭޒް ދަތް އެޅި މަންޒަރު ރެފްރީއަށް ނުފެނުނު ނަމަވެސް، އޭނާ އަށް ބޮޑު ސަސްޕެންޝަނަކާއި ކުރިމަތިލާން ޖެހޭނެ ކަމުގެ އަޑުތަކެއް މީޑިއާގައި ދަނީ ފެތުރެމުންނެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އަދަބެއްގެ ގޮތުގައި ސުއަރޭޒްއަށް ފަސް މެޗު ނުވަތަ ދިހަ މެޗުގެ ސަސްޕެންޝަނަކާއި ކުރިމަތިލާން ޖެހޭނެ ކަމަށެވެ.