ހުޅުމާލެ އާއި މާލެ ދެމެދު ދަތުރުކުރުމުގައި ދިމާވެފައިވާ ދަތިތަކަށް އަންނަ ރަމަޟާން މަހު ލުޔެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ވިދާޅުވެއްޖެ އެވެ.
~
ހުޅުމާލެ ޢާޒީ ސުކޫލުގައި މިރޭ ބޭއްވި މާހެފުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ ރަމަޟާން މަހު ފެރީ ޓާމިނަލުގައި ގިނަ ވެގެން 10 މިނެޓް މަޑު ކުރަން ނުޖެހޭ ވަރަށް ފެރީގެ ހިދުމަތް ރަނގަޅު ކުރާނެ ކަމުގެ ޔަގީން ލިބިވަޑައިގެންފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ފެރީތައް ދަތުރުކުރާނެ ގޮތުގެ ވޯކް ޕްލޭނެއް ލިބިވަޑައިގެންފައިވާ ކަމަށެވެ.

"މި ވޯކް ޕްލޭނާއި އެއްގޮތަށް ކުރިއަށްދާ ކަމުގައިވާނަމަ ހުޅުމާލެ އާއި މާލެ ދެމެދު، އެކޮޅުން މިކޮޅަށް، އަދި މިކޮޅުން އެކޮޅަށް ދަތުރުކުރާއިރު، އެންމެ ބާރު ބޮޑުވެގެންދާ ގަޑީގައި ވެސް 10 މިނިޓަށް ވުރެ ގިނައިރު ތިއްބަވަން ނުޖެހޭ ވަރަށް ފެރީގެ ނިޒާމް އިތުރުވެގެންދާނެ ކަމަށް [އެމްޓީސީސީ] ކަށަވަރުކޮށްދެއްވާ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އިތުރު ފެރީތަކެއް ހޯދުމުގެ މަސައްކަތް މިހާރު އެމްޓީސީސީން ކުރަމުންގެންދާ ކަމަށެވެ. އަދި ފެރީގެ ދަތުރުތައް ތަކަށް ރަމަޟާން މަހުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ބަދަލު އަންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އަދި އެއީ ހުޅުމާލެގެ ރައްޔިތުނަށް މި ސަރުކާރުން ކޮށްދޭން ބޭނުންވާ އެންމެ މުހިންމު އެއްކަންތައް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވެވި އެވެ.