ވޯލްޑް ކަޕް ހަތަރު ފަހަރު ކާމިޔާބު ކޮށްފައިވާ އިޓަލީ ކަޓުވާލުމަށް ފަހު، ގްރޫޕް 'ޑީ'ގެ ދެވަނަ ޓީމުގެ ގޮތުގައި ޔުރުގުއާއީ މުބާރާތުގެ ދެވަނަ ބުުރުގެ ޖާގައެއް ކަށަވަރު ކޮށްފި އެވެ.

ނަޓާލްގެ އެސްޓާޑިއޯ ޑަސް ޑުނާސްގައި ކުޅުނު ފޯރިގަދަ މެޗުގައި، ވޯލްޑް ކަޕް ހަތަރު ފަހަރު ކާމިޔާބު ކޮށްފައިވާ އިޓަލީގެ މައްޗަށް، ވޯލްޑް ކަޕްގެ ތަށި އެންމެ ފުރަތަމަ އުފުލައިލި ޔުރުގުއާއީ ކާމިޔާބު ހޯދީ މެޗުގެ 81 ވަނަ މިނިޓްގައި އެޓިމުގެ ކެޕްޓަން ޑިއެގޯ ގޯޑިން ޖަހައިދިން ލަނޑާއެކު 1-0 އިން އިޓަލީ ބަލިކުރުމަށް ފަހު އެވެ.

މި ގްރޫޕްގައި މިރޭ ކުޅުނު އަނެއް މެޗުގައި އިންގްލެންޑާއި ކޮސްޓަ ރިކާ ވާދަކޮށް ލަނޑެއް ނުޖެހި އެ މެޗު އެއްވަރު ވުމުން ހަތް ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ މަގާމު ކޮސްޓަ ރިކާއަށް ލިބުނު އިރު އިންގްލެންޑް ޓީމަށް ވެސް ވަނީ، ރަށަށް ދިއުމުގެ ކުރިން ޕޮއިންޓެއް ލިބިފައެވެ. ހަ ޕޮއިންޓާއެކު ގްރޫޕްގެ ދެވަނަ ޔުރުގުއާއީއަށް ލިބުނު އިރު ގްރޫޕުގެ ތިން ވަނައަށް ދިޔަ އިޓަލީއަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ނުވަ މިނިޓަށް ވެފައި ވަނިކޮށް ޔުރުގުއާއިގެ ކެޕްޓަން ލަނޑެއް ޖަހައި އެޓީމަށް މެޗުގެ ކުރި ހޯދައި ދިނީ، އެޓީމަށް ލިބުނު ކޯނަރަކުން ގަސްޓޯން ރަމިރޭޒް އިޓަލީގެ ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ބޮލުން ޖަހައި ގޯލްތެރެއަށް ފޮނުވާލައިގެންނެވެ.

ގޯޑިންގެ އެ ލަނޑު ފެނިގެން ދިޔައީ، އިޓަލީގެ ޑިފެންޑަރު ޖިއޮޖިއޯ ޗިއެލެނީގެ ކޮނޑުގައި ލިވަޕޫލަށް ކުޅޭ ޔުރުގުއާއީ ފޯވާޑް ލުއިސް ސުއަރޭޒް ދަތްއެޅިތާ ކުޑައިރުކޮޅެއް ފަހުންނެވެ. ރެފްރީއަށް ނޭނގި ސުއަރޭޒް ހިންގި މި އަމަލުގެ ސަބަބުން މެޗު ތެރޭގައި އޭނާއާ ދޭތެރޭގައި ފިޔަވަޅު އަޅާފައި ނުވި ނަމަވެސް މުބާރާތުގެ ޑިސިޕްލިނަރީ ކޮމެޓީން އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ނެގުން އެކަށީގެން ވާކަމަށް ރިޕޯޓުތައް ބުނެއެވެ.

މެޗުގެ ފުރަތަމަ 20 މިނިޓުގައި އިޓަލީ ޓީމުން ގިނައިރު ބޯޅަ ހިފަހައްޓައިގެން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ފުރަތަމަ ހާފް ނިމުނު އިރުވެސް އެޓީމަށް އިދިކޮޅު ޓީމުގެ ގޯލް ހުޅުވައިލެވޭ ގޮތެއް ނުވިއެވެ.

ދެ މެޗުން ދެ ރީނދޫ ކާޑު ހޯދުމުން އަޒޫރީންގެ ހުނަރުވެރި ފޯވާޑް މާރިއޯ ބަލޮޓެލީ ބެންޗަށް ލުމަށްފަހު ދެވަނަ ހާފުގެ ކުޅުން ފެށި އިޓަލީއަށް މެޗުގައި އިތުރު ޕްރެޝަރަކާ ކުރިމަތި ލާން ޖެހުނީ، 59 ވަނަ މިނިޓުގައި އެޓީމުގެ މިޑްފީލްޑަރު ކްލައުޑިއޯ މާޗިސިއޯއަށް ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލުމާ ގުޅިގެންނެވެ. މާޗިސިއޯއަށް ރަތްކާޑު ދެއްކީ ޔުރުގުއާއީގެ އެޖިޑިއޯ އަރެވާލޯގެ ފަޔަށް އަމާޒުކޮށް ނުރައްކާތެރި ފައުލެއް ކުރުމާ ގުޅިގެންނެވެ.

ދެވަނަ ބުރުގައި ޔުރުގުއާއީ ވާދަކުރަން ޖެހޭނީ، ގްރޫޕް 'ސީ'ގެ އެއްވަނަ ހޯދާ ޓީމަކާއެވެ. މިހާރު ވެސް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ކޮށްފައިވާ ކޮލަމްބިޔާ، ހަ ޕޮއިންޓާއެކު، އެ ގްރޫޕް ލީޑު ކުރަމުން ދާއިރު، އެއްވަނަ ޓީމެއް ޔަގީން ވާނީ، މިރޭ 1:00ގައި ކޮލަމްބިޔާއާއި ޖަޕާން ވާދަކުރާ މެޗާއި ހަމަ އެގަޑީގައި އައިވަރީ ކޯސްޓާއި ގްރީސް ވާދަކުރާ މެޗުގެ ނަތީޖާއަށް ފަހުއެވެ.