19:00


ސީޔާސީ ހަތިޔާރެއްގެ ގޮތުގައި އިސްލާމްދީން ބޭނުން ނުކުރުމަށް އެމްޑީޕީން އަދާލަތު ޕާޓީ އަށް ގޮވާލައިފި އެވެ.


ދީނާ އިދިކޮޅު ހިޔާލުތަކަށް ވެސް ރާއްޖޭގައި ފުރުސަތު ދޭންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ރޭޑިއޯ ހިތާބުގައި ގޮވާލައްވާފައިވާ ކަމަށާއި އެކަމަކީ ލާދީނީ ކަމެއް ކަމަށް ބުނެ، ހަރުކަށި އިބާރާތުން އެކަން ކުށްވެރިކޮށް އަދާލަތު ޕާޓީން ނެރެފައިވާ ނޫސް ބަޔާނަށް ރައްދުދީ އެމްޑީޕީން ބުނެފައި ވަނީ އަދާލަތު ޕާޓީން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމް އަޅުވާފައިވާ ކަމަށާއި ސިޔާސީ މަގުސަދުތަކެއް ހާސިލްކުރުމުގެ ބޭނުމުގައި ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ ކަމަށެވެ. އަދި އެކަން ހުއްޓާލުމަށް ވެސް އެބަޔާނުގައި އެމްޑީޕީން ވަނީ އަދާލަތު ޕާޓީ އަށް ގޮވާލާފަ އެވެ.


އެމްޑީޕީން ނެރެފައިވާ އެ ނޫސް ބަޔާނުގައި އަދި ބުނެފައި ވަނީ ރައީސް ނަޝީދުގެ ވިސްނުންފުޅަކީ ބަޔަކު ދެއްކި ވާހަކައެއް އާންމު ރައްޔިތުންނާ ހިއްސާކޮށްދެއްވުން ކަމަށާއި އަދި އެކަންތައް އޮންނަ ގޮތް އިތުރަށް ސާފުކޮށްދިނުމަށް ދީނީ އިލްމުވެރިންނަށް ފުރުސަތު ދެއްވުން ކަމަށް އެމްޑީޕީން ދެކޭ ކަމަށެވެ. ނަމަވެސް ސަރުކާރު ތަމްސީލުކުރާ ބައެއްގެ ގޮތުގައި އަދާލަތު ޕާޓީ އޮވެ، ޒުވާނުން ފާޅުކުރި ހިޔާލާއި އިސްލާމްދީނުގައި އެކަން އޮންނަ ގޮތް ރައްޔިތުންނަށް އިތުރަށް އޮޅުންފިލުވައިދިނުމުގެ ބަދަލުގައި ސިޔާސީ ވާދަވެރިކަން އިސްކޮށް، އިސްމާލްދީނާ އިދިކޮޅު ހިޔާލު ފާޅުކުރެއްވި ކަމުގެ ދޮގު އިލްޒާމް ރައީސް ނަޝީދުގެ އިސްތަށިފުޅުގައި އަޅުވާފައިވާތީ އެކަން އެމްޑީޕީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް އެމްޑީޕީގެ އެ ބަޔާނުގައިވެ އެވެ.