ދިރާގު ދިވެހި ލީގުގައި މިއަދު ހަވީރު ކްލަބު ވެލެންސިއާ އަތުން 4-1 ލަނޑުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު މޮޅުވެއްޖެ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ވެލެންސިއާ ދެކޮޅަށް ކުޅުނު މެޗުގައި މާޒިޔާގެ ކޯޗެއްގެ ގޮތުގައި ހުރީ ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ކުރީގެ ކޯޗު އަލީ ސެޒޭނެވެ. ފާއިތުވެދިޔަ އަށް އަހަރު ދުވަހު މާޒިޔާގެ ކޯޗުކަމުގެ މަގާމުގައި ހުރި އިސްމާއިލް މަހުފޫޒް (އިންމަ) މި ސީޒަނުގައި ދިރާގު ދިވެހި ލީގުގައި މާޒިޔާ ކުޅުނު ފުރަތަމަ މެޗަށް ފަހު ކޯޗުކަމުން އިސްތިއުފާ ދިނުމުން، އެ ޓީމުގެ ކޯޗުކަމާ ސުޒޭން ހަވާލުވީ މިދިޔަ އާދީއްތަ ދުވަހު އެވެ.

މިއަދުގެ މެޗުގެ ކުޅުން ފެށިތާ އެގާރަ މިނެޓް ތެރޭ މާޒިޔާއިން ވަނީ ލީޑު ހޯދައިފަ އެވެ. މާޒިޔާ އަށް މި ލަނޑު ކާމިޔާބުކޮށްދިނީ ސަމްދޫހު މުހައްމަދެވެ. ސަމްދޫހުގެ ހަމަލާ ވެލެންސިއާގެ ގޯލްކީޕަރު އިބްރާހިމް އިފްރާހް އަރީފް މަތަކުރަން މަސައްކަތްކުރި ނަމަވެސް އެ ބޯޅަ ދިޔައީ އޭނާގެ ބޯ މަތިން ގޯލުގެ ތެރެއަށެވެ.

މެޗުގެ 21 ވަނަ މިނެޓްގައި މާޒިޔާ އަށް ލީޑު ފުޅާކޮށްދިނީ އެ ޓީމުގެ ކެޕްޓަން އަދި ގައުމީ ޓީމް ފޯވަޑް އަސަދުﷲ އަބްދުﷲ އެވެ. މާޒިޔާއިން ލީޑު ފުޅާކުރިތާ ދެ މިނެޓް ފަހުން އަބްދުﷲ މުއާޒްގެ ބޯޅައަކުން މެޗުގައި ވެލެންސިއާ އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހައިދިނީ އަހްމަދު ރިލްވާނެވެ.

އައްސަދު އަލީ (އަޑޭ)ގެ ހުރަހަކުން މާޒިޔާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ކެޕްޓަން އަސަދުﷲ އެވެ. މި ލަނޑު ފެނިގެންދިޔައީ މެޗުގެ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓްގަ އެވެ.

ދެވަނަ ހާފުގައި ރަނގަޅަށް ކުޅެ ބޯޅަ ހިފަހައްޓަމުން ދިޔައީ މާޒިޔާ އިންނެވެ. ނަތީޖާއެއްގެ ގޮތުން މެޗު ނިމެން 18 މިނެޓަށް ވެފައި ވަނިކޮށް މާޒިޔާ އިން އިތުރު ލަނޑެއް ކާމިޔާބުކުރި އެވެ. މާޒިޔާގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ރިސްތޭ ނައުމޯވް އެވެ.

މި ނަތީޖާއާއެކު މިހާތަނަށް މާޒިޔާ ކުޅުނު ދެ މެޗުން އެޓީމަށް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. ލީގުގައި މާޒިޔާ ކުޅުނު ފުރަތަމަ މެޗުގައި ބީޖީ ސްޕޯޓްސް އަތުން ވަނީ 2-2 ލަނޑުން އެއްވަރުވެފައެވެ.

ދިރާގު ދިވެހި ލީގުގައި މާދަމާ ވެސް މެޗެއް ކުޅޭނެ އެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މާދަމާ ހަވީރު 4:00 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ބީޖީ ސްޕޯޓްސް އާއި ކްލަބު އީގަލްސް އެވެ.