24 Jun 2014, 21:16
މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ޔާޔާ ޓޫރޭގެ ކޮއްކޮގެ އެންމެފަހު ދުވަސްތައް ގުނަމުންދިޔައިރު ކޮއްކޮ އިބްރާހިމް ޓޫރޭ ކައިރިއަށް ދާން އުޅުމުން އެކަން ހުއްޓުވީ އަމިއްލަ ކްލަބުން ކަމަށް ޔާޔާ ޓޫރޭ ބުނެފި އެވެ. އުމުރުން 28 އަހަރުގެ އިބްރާހިމް ޓޫރޭ ވަނީ މިދިޔަ ހަފްތާގައި ކެންސަރު ބަލީގައި މަރުވެފަ އެވެ.
ޔާޔާގެ ދެބެއިން ބޭބެ ކޯލޯ ވެސް މިވަގަތު ހުރީ އައިވަރީ ކޯސްޓު ޓީމާއެކު ބްރެޒިލްގަ އެވެ. ކޮއްކޮ މަރުވުމާއެކު ބްރެޒިލް ދޫކޮށް ދިނުމުގެ އިހްތިޔާރު އައިވަރީ ކޯސްޓުން ދިނުމުން އެ ދެބެއިން ނިންމީ ވޯލްޑް ކަޕާއެކު ކުރިއަށް ދިއުމަށް ބްރެޒިލްގައި މަޑުކުރާށެވެ.
ޔާޔާ ޓޫރޭ ބުނި ގޮތުގައި ކޮއްކޮ ކައިރިއަށް ދާން އުޅުމުން މެންޗެސްޓާ ސިޓީން އެ ކަމަށް ހުރަސް އެޅީ ޕްރިމިއާ ލީގުގެ ތަށި ކާމިޔާބު ކުރުމަށްފަހު އެ ޓީމް އުފާ ފާޅުކުރުމަށް އަބޫދާބީއަށް ދާން އޮތް ދަތުރު ކެންސަލް ކުރަން އުޅުމުންނެވެ. އެ ދަތުރު "ކަޓުވާލައި" ކޮއްކޮ ކައިރީގައި ހުރުމަށް އެދުމުން އެ ކްލަބުން ފުރުސަތު ނުދިން ކަމަށް ޔާޔާ ޓޫރޭ ބުންޏެވެ.
ޔާޔާ ޓޫރޭގެ މި ވާހަކަތައް މީޑިއާއަށް ފެންމަތިވިއިރު، އޭނާ ކުޅޭ ކުލަބުން ރަސްމީކޮށް އެއްވެސް އެއްޗެއް އަދި މީޑިއާއަކަށް ހާމައެއް ނުކުރެ އެވެ. ހަމައެކަނި ދިން ސްޓޭޓްމަންޓްއަކީ އެ ކަމަށް އެދި ވަކި ހާއްސަ ރިކުއެސްޓެއް ޔާޔާ ޓޫރޭކޮށްފައި ނުވާ ކަމަށެވެ.
ފްރާންސް ފުޓްބޯޅަ ނޫހެއްގައި ޓޫރޭ ބުނެފައިވާ ގޮތުން ޕްރިމިއާ ލީގު ނިމުމުން "ހަތަރު ފަސް ވަރަށް ދުވަސް" ކޮއްކޮ ކައިރީގައި މަޑުކުރަން ބޭނުންވި ކަމަށާއި ނަމަވެސް ބަލިހާލުގައި އޮތް ކޮއްކޮ ކައިރީގައި އެންމެ ދުވަހަކު ވެސް މަޑު ކުރަން އޭނާގެ ކްލަބުން ދޫކޮށްފައި ނުވާ ކަމަށެވެ.
"އަހަރެން އަދިވެސް މިހުރީ ވަރަށް ދެރަވެފައި. އަހަންނަން އިހުސާސުވޭ ކޮއްކޮއަށްޓަކައި އެއްވެސް ކަމެއް ނުކުރެވޭ ކަން. ލީގު ނިމުމުން ހަތަރު، ފަސް ވަރަކަށް ދުވަސް ކޮއްކޮ ކައިރީގައި މަޑުކުރަން ބޭނުންވި ވޯލްޑް ކަޕަށް އައުމުގެ ކުރިން ވެސް. އެހެންނަމަވެސް އެންމެ ދުވަހަކު ވެސް ކޮއްކޮ ކައިރީގައި މަޑުކުރަން މެންޗެސްޓާ ސިޓީން އެއްބަހެއް ނުވި،" ޓޫރޭ ބުންޏެވެ.
ވޯލްޑް ކަޕްގައި އެންމެ ފަހުން އައިވަރީ ކޯސްޓް ކުޅުނު ދެ މެޗްގައި ވެސް ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ޓޫރޭ ބުނީ މެންޗެސްޓާ ސިޓީއަށް ޕްރިމިއާ ލީގު ތަށި ލިބުމުން އުފާފާޅުކުރަން ޓީމާއެކު ދިޔައިރު ބޭބެ ކޯލޯ ޓޫރޭ، ކޮއްކޮ ކައިރީގައި މަޑުކުރި ކަމަށެވެ.
"އަހަރެން އަމިއްލަ ނަފްސަށް ލަދުވަތި ވަން. ކޮއްކޮއަށް އެންމެ ފަހު ވަގުގައި ވެސް އިހުތިރާމެއް ނުދެވުނު. ކުލަބްގެ އޮފިޝަލުންނަށް އެނގޭނެ ލީގުގެ ފަހު ދުވަސްތަކުގައި ނަފްސާނީ ގޮތުން އަހަރެން ފިޓް ނޫންކަން،" މެންޗެސްޓާ ސިޓީއަށް މިސީޒަން ތަށި ކާމިޔާބު ކޮށްދިން ޔާޔާ ޓޫރޭ ބުންޏެވެ.