24 Jun 2014, 18:06
އަންނަ ރޯދަ މަހުގައި ޕްރީ ސްކޫލުން ފެށިގެން ގްރޭޑް ނުވައަކާ ހަމައަށް ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލަން ނިންމީ، ރޯދަ މަހުގައި ކިޔަވައިދޭ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އެދެވޭ ނަތީޖާއެއް ނުނެރެވޭނެތީ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ، ކުދިން ސްކޫލަށް ކުޑަ ވަގުތުކޮޅަކަށް ގެނައުމުން ރަނގަޅު ނަތީޖާތަކެއް ނުނެރެވޭ ކަމަށާއި އަދި ބެލެނިވެރިންނަށް ވެސް ތަކުލީފުތަކާއި ކުރިމަތިވާ ކަމަށެވެ.
"ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކުދިން ގެނައުމުން ރަނގަޅު ނަތީޖާތަކެއް ނުނެރެވޭ ކަމަށް ފެންނާތީ އާއި އެ ކަމަށް ހޭދަވާ ވަގުތާއި ސްކޫލްތަކުންދާ ހަރަދަށް ހުރިހާ ކަމަކަށް ބަލާއިރު، އެހާ ބޭނުންތެރި ނުވަތަ އެއަށްވުރެ ރަނގަޅަށް ކުރެވިދާނެ ކަމެއް ފެންނާތީ،"
"ބެލެނިވެރިން ވެސް ލިބޭ ވަގުތުތަކުގެ ތެރޭގައި. ވަޒީފާ އެއްގައި އުޅުއްވާ ބޭފުޅެއް ނަމަ، ދެ ފަހަރު ދަރިފުޅު ގޮވައިގެން އައިސްފަ އަނެއްކާ ބަލާދާން ޖެހުނީމަ އެބޭފުޅަކަށް ވެސް ވަރަށް ދަތިފުޅުވޭ. އަދި މައިންބަފައިން އަވަދިނެތި ބަދިގޭގައި އުޅުއްވަންޖެހޭ ގަޑީގައި ކަންތައްތަކެއް ޖެހުނީމަ ދަތިތަކެއް ކުރިމަތިވޭ،" އޭނާ ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީން އެ ނިންމުން ނިންމުމުގައި، ސްކޫލުތަކުގެ އިސްވެރިންނާއި ބެލެނިވެރިންނާއި މަޝްވަރާ ކުރެއްވި ކަމަށެވެ.
"އަޅުގަޑުމެންނަށް ވަރަށް ގިނަ ބެލެނިވެރިންނާއި ހާއްސަކޮށް ބައެއް ޕްރިންސިޕަލުން ގުޅުއްވާ، މިކަމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމާއި މިކަމުގެ ސަބަބުން ހަގީގަތުގައި ވެސް ސްކޫލުގައި ދެން ކުރަން ހުރި ކަންތައްތަކަށް ވެސް އިތުރަށް ފަސޭހަވެގެންދާނެ ކަމަށް ވިދާޅުވި،" އޭނާ ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރެ، ސްކޫލްތަކަށް ފޮނުވާފައިވާ "ރޯދަ މަހު ސްކޫލްތަކުގެ ކިޔެވުމުގެ އިންތިޒާމް ހަމަޖެހިފައިވާ ގޮތުގެ އުސޫލު"ގެ ދަށުން ޕްރީ ސްކޫލްތަކާއި ގްރޭޑް ނުވައަކުން ދަށުގެ ކިޔެވުން ރޯދަ މަހަށް މެދުކަނޑާލި ނަމަވެސް ގްރޭޑް 10 އިން 12ގެ ކިޔެވުން ކުރިއަށްދާނެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީ ނެރުނު އުސޫލުގައި ބުނެފައި ވަނީ، ރޯދަ މަހުގެ ކިޔެވުން ސްކޫލްތަކުން ފަށަން ޖެހޭނީ ހެނދުނު 9:00 ގެ ފަހުން ކަމަށެވެ. އަދި ރޯދަ މަހު ސްކޫލްތަކުން ކިޔަވައިދޭ ގޮތަށް ހަމަޖައްސާފައި ވަނީ ސެޝަނެއްގައި ތިން ގަޑިއިރެވެ. އަދި ރޯދަ މަހު ގްރޭޑް ސްކޫލްތަކުގެ ކްލާސް ޕީރިއަޑެއްގެ ދިގުމިނަކީ 45 މިނެޓެވެ.
މި ސަރުކާރުން ސްކޫލުތަކުގެ ޕްރިންސިޕަލުންނަކީ އަމިއްލައަށް ގޮތް ނިންމާ ބަޔަކަށް ހެދުމަށް އިސްކަމެއް ދެއްވާ ކަމަށް ފާހަަގަކޮށް ޝަރީފް ވިދާޅުވީ، ކިޔެވުން މެދުކަނޑާލުމުން ކުދިންނަށް ގެއްލޭ ފިލާވަޅުތައް ފުރިހަމަކުރުމުގެ އިންތިޒާމްތައް ސްކޫލުތަކުގެ ޕްރިންސިޕަލުން ހަމަޖައްސަވާނެ ކަމަށެވެ.
އަންނަ އަހަރު އާ ގައުމީ މަންހަޖު ތަންފީޒުކުރުމަށް ހަމަޖެހިފައިވާތީ އެކަމަށް ޓީޗަރުން ތަމްރީން ކުރުމަށް ރޯދަ މަހު ތެރޭގައި ހާއްސަ ތަމްރީން ޕްރޮގްރާމްތަކެއް ވެސް ޓީޗަރުންނަށް ހިންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން އަންނަ އަހަރު މާލޭ ސްކޫލުތަކުގެ ގްރޭޑް 1 އިން 3 އަކަށް ކިޔަވައިދެއްވާނެ ޓީޗަރުންނަށް ރޯދަ މަހުގެ ތެރޭގައި ތަމްރީން ޕްރޮގްރާމްތައް ހިންގާއިރު، އޮގަސްޓް މަހުގެ ތެރޭގައި އަތޮޅު ތެރޭގެ ސްކޫލުތަކުގައި ތަމްރީން ޕްރޮގްރާމްތައް ހިންގާނެ ކަމަށް ޝްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ސްކޫލުތަކަށް ފޮނުވި އުސޫލުގައި ސްކޫލް ދަންފަޅިތަކުގައި ފަސޭހަކަމާއިއެކު ދަރިވަރުންނާއި މުވައްޒަފުންނަށް، ވަގުތަށް ނަމާދު ކުރެވޭނެގޮތް ހަމަޖެއްސުމާއި ސްކޫލް ޕީރިއަޑްތަކަށް ސަމާލުވުމަށާއި މަޢްރިބް ނަމާދާއި އިޝާ ނަމާދާއި ދެމެދުގެ ވަގުތުތަކުގައި ސްކޫލުގެ އެއްވެސް ހަރަކާތެއް ނުހިންގުމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން، ރޭގަނޑުގެ ވަގުތުތަކުގައި ސްކޫލުތަކުގެ ޕްރޮގްރާމްތައް ރާވައި ހިންގާއިރު ތަރާވީހު ނަމާދާއި ރޯދަ މަސް ދިރިވުމަށް ސަރުކާރުން ހިންގާ ހަރަކާތްތަކުގައި ދަރިވަރުންނަށް ބައިވެރިވެވޭނެ ގޮތަށާއި ކިޔަވައި ދިނުން އިންތިޒާމްކުރުމުގައި ދެ ހަފްތާތެރޭގައި ހުރިހާ މާއްދާއެއް ކަވަރު ކުރެވޭގޮތަށް ޓައިމްޓޭބަލް ރޭވުމަށް އުސޫލުގައި ބުނެފައިވެ އެވެ.