24 Jun 2014, 17:28
ވޯލްޑް ކަޕް ގްރޫޕް އޭގެ ފަހު މެޗުގައި މެކްސިކޯ އަތުން ބަލިވެ، މުބާރާތުން ކެޓުމުން ބުނާނެ އެއްޗެއް ނޭނގޭ ކަމަށް އެ ޓީމުގެ މިޑްފީލްޑަރު އިވާން ރަކިޓިޗް ބުނެފި އެވެ.
އިއްޔެ މެކްސިކޯއާ ދެކޮޅަށް ކުޅެ 3-1 ލަނޑުން ބަލިވި ކްރޮއޭޝިއާ މުބާރާތް ނިންމާލަން ޖެހުނީ ލިބުނު ތިން ޕޮއިންޓާ އެކު ގްރޫޕްގެ ތިންވަނައިގައި އޮވެ އެވެ. މި ނަތީޖާއާ އެކު މި ގްރޫޕުން ގަދަ 16 އަށް ދަތުރުކުރީ ބްރެޒިލް އާއި މެކްސިކޯ އެވެ.
"މިވަގުތު ބުނާނެ އެއްވެސް އެއްޗެއް ނޭނގޭ،" ރަކިޓިޗް ބުންޏެވެ. "އަހަރެން މިހިރީ ބަސް ހުއްޓިފައި. ޓީމަށާއި ގައުމަށް މި ލިބުނު ނާކާމިޔާބީ އަށް ހިތާމަކުރަން. ދެން ކުރިއަށް އޮތީ ކުޑަކޮށް ރެސްޓްކޮށްލައި ތައްޔާރުވުން. އަހަރެމެންނަށް އެނގޭ މެކްސިކޯ އަކީ މޮޅު ޓީމެއް ކަން. މެކްސިކޯ އިން ފުރަތަމަ ގޯލު ޖެހުމާއި ހަމައަށް އަހަރެމެން ވަރަށް ރަނގަޅު ކުޅުމެއް ދެއްކިން."
ރަކިޓިޗް ބުނީ، ރޭގެ މެޗުން ކްރޮއޭޝިއާގެ މައްޗަށް މެކްސިކޯ އަށް ކުރި ހޯދުނީ އެ މީހުންގެ ނަސީބުން ކަމަށެވެ. އަދި ގަދަ 16ގައި ނެދަލޭންޑްސް އަށް މެކްސިކޯ ބަލިކުރުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށާއި މި މުބާރާތުގައި މެކްސިކޯ އަށް ކާމިޔާބަށް އެދޭ ކަމަށް ވެސް ރަކިޓިޗް ބުންޏެވެ.
މި މުބާރާތުގެ ގަދަ 16ގައި މެކްސިކޯ ނުކުންނަން ޖެހޭނީ ގްރޫޕް ބީގެ އެއްވަނައިގައި އޮތް ނެދަލޭންޑްސްއާ ދެކޮޅަށެވެ. މި މެޗަށް މެކްސިކޯ ނުކުންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 9:00 ގަ އެވެ.