24 Jun 2014, 17:14
މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލުމަށް ވަގުތީ ކޮމެޓީން ފާސްކޮށްފައިވާ ގޮތާއިމެދު ސިޔާސީ ޕާޓީތަކުގެ މެދުގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކަށް ހައްލެއް ގެނައުމަށް ކޮމެޓީތައް އެކުލަވާލުމަށް ނެގި ވަގުތީ ކޮމެޓީން މިއަދު ބޭއްވި ދެ ބައްދަލުވުން ވެސް "ކޮޅެއްގައި ނުޖެހި" ނިންމާލައިފި އެވެ.
މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވިގެން ހުއްޓާލީ ދާއިމީ ކޮމެޓީތައް އެކުލަވާލުމާމެދު ޕާޓީތަކުގެ މެދުގައި އެއްބަސްވުމަކަށް އާދެވިފައިނުވާތީ މެމްބަރުން ނެގި ނިޒާމީ ނުކުތާގެ "އޮއިވަރު" ގައި ޖެހިގެންނެވެ.
މަޖިލިސް ޖަލްސާ ހުއްޓާލުމަށްފަހު ދާއިމީ ކޮމެޓީތައް އެކުލަވާލުމަށް ނެގި ވަގުތީ ކޮމެޓީގެ ބައްދަލުވުމެއް މިއަދު ވަނީ ދެ ފަހަރެއްގައި ބާއްވާފަ އެވެ. ހުރިހާ ސިޔާސީ ޕާޓީތަކަށް އެއްބަސްވެވޭ ގޮތަށް ކޮމެޓީތައް އެކުލަވާލުމަށް އެކި މަޝްވަރާތައް ކުރި ނަމަވެސް ކޮމެޓީތައް އެކުލަވާލުމުގައި އެއްބަސްވުމަކަށް ނާދެވުމުން ކޮމެޓީ ބައްދަލުވުން ނިންމާލީ މާދަމާ ހެނދުނު އިތުރު ބައްދަލުވުމެއް ބާއްވާނެ ކަމަށް ރިޔާސަތުން އިއުލާން ކުރުމަށްފަހުގަ އެވެ.
މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގައި އެމްޑީއޭއިން ދެ ހުށަހެޅުމަށް ހުށަހަޅާފައިވާއިރު އެމްޑީޕީގެ ފަރާތުން އެކޮމެޓީގައި އިންނަވާ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ ކޮމެޓީ ބައްދަލުވުން ބޮއިކޮޓް ކުރެއްވުމަށްފަހު ވަޑައިގެންފަ އެވެ. މެންދުރު ކުރީގެ ބައްދަލުވުން ހުއްޓާލިއިރު އެއްވެސް ހުށަހެޅުމަކަށް ވޯޓަށް އަހާފައެއްނުވެ އެވެ.
އަދި އެމްޑީޕީގެ މެމްބަރު ޝަރީފާއެކު މެންދުރުފަހު ބޭއްވި ބައްދަލުވުން ވެސް ނިންމާލީ އެއްވެސް ހުށަހެޅުމަކަށް ވޯޓަށް ނާހަ އެވެ. ނަމަވެސް ބައެއް މެމްބަރުން ވަނީ ހުށަހަޅާފައިވާ ހުށަގެޅުންތަކަށް ވޯޓަކަށް އެހުމަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް ކޮމެޓީގެ ރިޔާސަތުގައި އިންނެވި ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގެ ނައިބު ލީޑަރު ރިޔާޒް ރަޝީދު ވިދާޅުވީ ވޯޓަކުން ނިންމުގެ ކުރިން އަދިވެސް ބޭނުންވަނީ މަޝްވަރާގެ މަތިން އެއްބަސްވުމަކަށް އައުމަށް ކަމަށެވެ.
ބައެއް މެމްބަރުން ޕާޓީ ބަދަލު ކުރެއްވުމާއި ގުޅިގެން ކޮމެޓީތަކުގައި މެމްބަރުން ތިބޭ އަދަދަށްވެސް މިހާރު ވަނީ ބަދަލުއައިސްފަ އެވެ.
މިހާރުވާ އޮތް ގޮތުން މަޖިލީހުގެ މެޖޯރިޓީ ޕާޓީ، ޕީޕީއެމަށް ހަތަރު ކޮމެޓީއެއްގައި ހަ މެމްބަރުން ހިމެނުމަށްފަހު އަށް ކޮމެޓީއެއްގައި ފަސް މެމްބަރުން ހިމެނުމުގެ ފުރުސަތުލިބެ އެވެ. އަދި ސަރުކާރާއި އިދިކޮޅު އެމްޑީޕީއަށް ހަތަރު މެމްބަރުން އެއް ކޮމެޓީގައި ހިމެނުމަށްފަހު 11 ކޮމެޓީއެއްގައި ތިން މެމްބަރުން ހިމެނުމުގެ ފުރުސަތުލިބެ އެވެ. އަދި ޖުމްހޫރީ ޕާޓީއަކަށް ދެ މެމްބަރުން އަށް ކޮމެޓީއެއްގައި އަދި ހަތަރު ކޮމެޓީއެއްގައި އެއް މެމްބަރުން ހިމެނުމުގެ ފުރުސަތުލިބެ އެވެ. އޭގެ އިތުރުން އެމްޑީއޭއަށް އަށް ކޮމެޓީއެއްގައި އެއް މެމްބަރުން ހިމެނުމަށް އަދަލާތު ޕާޓީއަށް ދެ ކޮމެޓީއަކުން އެއްޖާގަ އަދި އަމިއްލަ މެމްބަރަކަށް އެ ޖާގަ ލިބެ އެވެ.
މިއަދުގެ ބައްދަލުވުން ނިންމާލިއިރު މެމްބަރުން އިތުރުވެ މައްސަލަ ހައްލު ނުވެ އޮތީ މާލިއްޔަތު ކޮމެޓީގަ އެވެ. ކޮމެޓީއެއްގައި 11 މެމްބަރުން ތިއްބަވަން ޖެހޭއިރު އެ ކޮމެޓީގައި 12 މެމްބަރުން މިހާރު އެބަތިއްބެވެ.
މަޖިލީހުގެ ކޮމެޓީތަކުގެ މައްސަލައިގަ މެމްބަރުން ނެންގެވި ނިޒާމީ މައްސަލަތަކާއެކު މިއަދުގެ މަޖިލިސް ޖަލްސާ ހުއްޓާލާފައިވާއިރު މީގެ ކުރިން ބޭއްވި ޖަލްސާވެސް ހުއްޓާލާފައިވަނީ ކޮމެޓީތަކުގެ މައްސަލަ ހައްލުނުވާތީ މެމްބަރުން އަޑުގަދަ ކުރައްވަން ފެއްޓެވުމުންނެވެ.