24 Jun 2014, 16:43
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ތަރައްގީ ކުރުމަށް ލޯނެއް ނެގުމަށް ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް ވިދާޅުވެއްޖެ އެވެ.
އިގްތިސާދީ ކޮމެޓީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް ވިދާޅުވީ އެއާޕޯޓް ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި އެގޮތުން އެއާޕޯޓް ޓާމިނަލް ބޮޑުކުރުމަށް ޖަޕާންގެ ޖޭބިކް ފަންޑުން ލޯނެއް ނެގުމަށް ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު މި ޓުރައިކުރަނީ [މަސައްކަތް ކުރަނީ] ޖޭބިކް ފަންޑިންއިން އެއާޕޯޓް ޓަމިނަލް ބޮޑުކުރުމަށް. އެއީ ޖަޕާނުގެ ސަރުކާރުން ދޭ އިންސެންޓިވްސް ލޯނެއް،" މިނިސްޓަރު އަދީބް ވިދާޅުވި އެވެ.
އަދީބް އިތުރަށް ވިދާޅުވީ ޖޭބިކް ފަންޑުން އެއާޕޯޓް ޓާމިނަލް ބޮޑުކުރުމަށް ވެސް ނިންމާފައިވާ ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ސަރުކާރުން ނަގަނީ 600 މިލިއަން ޑޮލަރުގެ ލޯނެކެވެ.
އައިއެންއައިއޭގައި ހުންނަ އަކުއާ ރެސްޓޯރެންޓް ބަންދުކޮށް އެ ސަރަހައްދަށް ޓާމިނަލް ބޮޑު ކުރުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވެސް ވަނީ ބުނެފަ އެވެ. އަކުވާ ރެސްޓޯރެންޓް މިހާރު ވަނީ އެ ރެސްޓޯރެންޓް ހިންގަން ހަވާލުކުރި ފަރާތްތަށް ދީފައިވާ މުއްދަތު ހަމަވެފައި ވާތީ ބަންދުކޮށްފަ އެވެ.
މިނިސްޓު އަދީބް އިތުރަށް ވިދާޅުވީ ސިންގަޕޫރުގެ ޗަންގީ އެއާޕޯޓްސް އިން އައިއެންއައިއޭގެ ކޮންސަލްޓަންޓުންނަށް ޕްރޮޕޯސްކޮށްފައިވާ ކަމަށާއި ވަރަށް އަވަހަށް އެގްރިމެންޓް ހަދައި އެ ބޭފުޅުން އެޑްވައިޒަރުންނަށް ހަމަޖައްްސަވާނެ ކަމަށެވެ.