24 Jun 2014, 16:30
ކިއުބާގެ ކުރީގެ ބޮޑުވަޒީރު ފިޑެލް ކާސްޓްރޯ އާއި އޭނާގެ ވެރިކަމުގެ އެންމެ އިސް ބޭފުޅުން ބޭނުންކުރެއްވި ކާރުތައް "ހަވާނާ ޓެކްސީ"ގެ ނަމުގައި ކުލީދުވެލިތަކެއްގެ ގޮތުގައި ބޭނުންކުރަން ފަށައިފި އެވެ.
ނަވާރަ ސަތޭކަ ހަތް ދިހަ ވަނަ އަހަރު ފިޑެލް ކެސްޓްރޯ ކިއުބާގެ ބޮޑުވަޒީރު ކަމުގައި ހުންނެވި އިރު ބޭނުންކުރަމުން އައި އެ ކާރުތަކުގެ ތެރެއިން 14 ކާރު ވަނީ އެގައުމުގައި ނަން މަޝްހޫރު ޓެކްސީ ސެންޓަރެއް ކަމަށްވާ "ކިއުބާ ޓެކްސީ"އާ ހަވާލުކޮށްފަ އެވެ.

ކިއުބާގެ ކުރީގެ ބޮޑުވަޒީރު ކާސްޓްރޯ ބޭނުންކުރެެއްވި ކާރެއް މީހަކު ސާފުކުރަނީ---- ފޮޓޯ/ އޭޕީ
އެކާރުތަކަކީ އެގައުމަށް ޒިޔާރަތްކުރައްވާ އިއްޒަތްތެރި ބޭފުޅުން ދަތުރުކުރެއްވުމަށް ކުރިން ބޭނުންކުރެއްވި ކާރުތަކެކެވެ. އެގޮތުން އެމެރިކާގެ ރައީސްއެއް ކަމަށްވާ ޖިމީ ކާޓާ 2002 ވަނަ އަހަރު އެގައުމަށް ޒިޔާރަތްކުރެއްވި އިރު ވެސް އޭގެކާރެއްގައި ދަތުރުކުރައްވާފައިވާ ކަމަށް އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ބުންޏެވެ.
އެކާރުތައް ވަނީ އެގައުމަށް އަންނަ ގިނަ ދަތުރުވެރިންގެ ތެރޭގައި ވެސް ވަރަށް މަގުބޫލުވެފަ އެވެ. އެކާރާ އެއްކޮށް ފޮޓޯ ނަގައި ނުވަތަ އެއިން ކާރެއްގައި ދަތުރެއްކޮށްލުމަކީ ދަތުރުވެރިންނަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.

ކިއުބާގެ ކުރީގެ ބޮޑުވަޒީރު ކާސްޓްރޯ ބޭނުންކުރެެއްވި ކާރެއް ކައިރީ ބަޔަކު މަޑުކޮށްލައިގެން ---- ފޮޓޯ/ އޭޕީ
ދަތުރުވެރިންނަށް އެކާރުތަކުގެ ތާރީޚާއި އަސްލު ކިޔައި ދިނުމުން އެމީހުން ތިބެނީ އާޝޯހުވެފައި ކަމަށާއި އެވާހަކަތައް ގިނަ މީހުން ގަބޫލު ނުކުރާ ކަމަށް ވެސް އެކާރުގެ ޑުރައިވަރަކު ބުނާ ކަމަށް މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވެ އެވެ.
ހަ މީހުނަށް ދެފައިދަމާލައިގެން ހަމަޖެހިލައިގެން ދަތުރުކޮށްލެވޭ އެކާރުތަކަކީ ރަޝިއާގެ ޖީއޭޒީ އާއި ޒީއައިއެލް އިން ނަމަކަށް ކިޔާ ކުންފުންޏަކުން 1960 ވަނަ އަހަރާއި 1970 ވަނަ އަހަރުގެ ތެރޭގައި އުފައްދާފައިވާ ކާރުތަކެއްކަމަށް މީޑިއާ ރިޕޯޓުތަކުގައި ވަނީ ބުނެފަ އެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އެކާރުތަކަކީ އެއިރުގެ ސޮވިއެޓް ލީޑަރު ނިކިތާ ކްރޫޝެވް ކާސްޓްރޯ އަށް ހަދިޔާކުރެއްވި ކާރުތަކެކެވެ.