07 Jan 2011, 09:24
ބެއިޖިންގ: އެއްގަމުމަގުން ޤަވާޢިދާ ޚިލާފަށް އީރާނަށްވަން އެމެރިކާ އަންހެނަކު ހައްޔަރުކުރެވިއްޖެކަން އީރާނުން ހާމަކޮށްފިއެވެ. އީރާނުގެ ސަރަޙައްދީ ރޮނގު ބަލަހައްޓާ ގާޑުންނާ ޙަވާލާދީ އެޤައުމުގެ ފާރިސް ނޫސްއެޖެންސީ ބުނިގޮތުގައި އެމެރިކާގެ މިއަންހެންމީހާ އީރާނަށް ވަދެފައިވަނީ އަރމީނިޔާއާއި އީރާނުގެ ސަރަޙައްދީ ރޮނގު ހުރަސްކުރުމަށްފަހުއެވެ. މިއަންހެންމީހާއަކީ އެމެރިކާގެ ޖާސޫސެއްކަމަށް ތުހުމަތުކުރެވޭތީ މިކަން ތަޙްޤީޤް ކުރަމުން ގެންދާ ކަމަށް އީރާނުން ބުނެއެވެ. އުމުރުން 55 އަހަރުގެ މިއަންހެންމީހާގެ ހަށިގަނޑު ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ ދަތެއްގެ އެތެރޭގައި ހަރުކޮށްފައިވާ ވަރަށްކުޑަ އިލެކްޓްރޯނިކް ޗިޕެއް ފެނިފައިވާ ކަމަށްވެސް އީރާނުގެ ކަމާބެހޭ އޮފިޝަލުން ވިދާޅުވެއެވެ. މީގެކުރިންވެސް އީރާނަށް ޤަވާޢިދާ ޚިލާފަށް ވަން އެމެރިކާގެ ބައެއް މީހުން ހައްޔަރުކޮށް އެމީހުންގެ މައްސަލަ ޝަރީޢަތަށް ފޮނުވާފައިވެއެވެ. ނަމަވެސް ޝަރީޢަތަށް ހުށަހެޅުމަށްފަހު މިފަދަ ބައެއްމީހުންނަށް މަޢާފްދީ މިނިވަންވެސް ކޮށްފައިވެއެވެ. އީރާނުން މިއަންހެންމީހާ ހައްޔަރު ކުރި މައްސަލާގައި އެމެރިކާއިން އަދި ބަޔާނެއް ދީފައެއް ނުވެއެވެ.