24 Jun 2014, 16:28
މަސްތުވާތަކެތި ގެންގުޅެ ބޭނުން ކުރި ކަމުގެ ތުހުމަތުގައި ވ. އަތޮޅު އަންބާރަ އިން ހައްޔަރު ކުރި މީހުންގެ ތެރެއިން ބަންދުގައި ހުރި ބަންގުލަދޭޝް މީހާ ގޭ ބަންދަށް ބަދަލުކޮށްފި އެވެ. އޭނާ ގޭބަންދަށް ބަދަލުކުރުމާ އެކު އެ މައްސަލައާ ގުޅިގެން މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި އެއްވެސް މީހަކު ނުހުންނާނެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ސަން އަށް ވިދާޅުވީ އެ މީހުންގެ ތެރެއިން ފުލުހުންގެ ބަންދުގައި ހުރި ހަމައެކަނި މީހާ މިހާރު ގޭ ބަންދަށް ބަދަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާ ގޭ ބަންދަށް ބަދަލުކޮށްފައި ވަނީ ކޮން ދުވަހަކު ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.
މިދިޔަ އޭޕްރީލް މަހު އެ ރަށުން ހައްޔަރުކޮށްފައި ވަނީ 79 މީހެކެވެ. އޭގެ ތެރޭގައި 59 ފިރިހެނުންނާއި 19 އަންހެނުން އަދި 18 އަހަރުން ދަށުގެ އެއް ކުއްޖަކު ހިމެނުނު އިރު، އެ އެންމެން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނެފައި ވަނީ އަންބަރާގައި ހިންގި އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ ފައިސާ އާއި މަސްތުވާތަކެތި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އެގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެތީގެ ތެރޭގައި މަނާބޭސް ގުޅަތަކަކާއި އެލްއެސްޑީ ސްޓިކާތަކަކާއި ބަނގުރާ ދަޅުތަކަކާއި މަސްތުވާތަކެތި އަޅާފައި ހުރި 11 ރަބަރު ޕެކެޓާއި ކެނަބިސްގެ ބާވަތެއް ކަމަށްވާ ބުލެޓް ސައިޒްގެ ރަބަރު ޕެކެޓްތަކަކާއި ހަމަ އެ ބާވަތް އަޅާފައި ހުރި ފިލްމު ހުސްކުރި ދަޅުތަކަކާއި މަސްތުވާތަކެއްޗާއި ދުންފަތް އެއްކޮށްގެން ހަދާފައިވާ ތެޔޮ ބިޑިތަކަކާއި މަސްތުވާތެކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ސެލޯފިންކޮޅުތަކެއް ހުރި ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން 90000 އަށް ވުރެ ގިނަ ރުފިޔާ ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ.