24 Jun 2014, 16:24
ރާއްޖޭގެ އެކި ރަށްރަށުގައި ސްޕޯޓްސް އެރީނާ އެޅުމުގެ ޕްރޮޖެކްޓުގެ ދަށުން 13 ރަށެއްގައި ފުޓްސަލް ދަނޑު އެޅުމަށް 16.9 މިލިއަން ރުފިޔާ އަށް ހަ ކުންފުންޏަކާ ހަވާލު ކުރި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ނިންމައިފި އެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ސަން އަށް ވިދާޅުވީ ފުޓްސަލް ދަނޑުތައް އެޅުމަށް މިދިޔަ އާދީއްތަ ދުވަހު ޔޫތު މިނިސްޓްރީން ހަވާލު ކުރި މައްސަލަ ބެލުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
"އެ މައްސަލަ ބެލުމަށް ނިންމާފައި ވަނީ. އަޅުގަނޑުމެން އެކަން ކުރިއަށް ގެންދާނަން،" ލުތުފީ ވިދާޅުވި އެވެ.
އެ މައްސަލަ ބެލުމަށް އޭސީސީ އިން ނިންމި ނަމަވެސް މިވަގުތު ކަން ހިނގާފައިވާ ގޮތް ނޭނގޭތީ އިތުރު މައުލޫމާތެއް ދެވެން ނެތް ކަމަށް ލުތުފީ ވިދާޅުވި އެވެ.
ފުޓްސަލް ދަނޑުތައް ތަރައްގީ ކުރުމަށް ހަވާލުކޮށްފައި ވަނީ ބެސްޓް ޕްރައިސް ހާޑްވެއާ އާއި މައްސާހް ކޮންސްޓްރަކްޝަނާއި ގޮތިކް ކޮންސްޓްރަކްޝަނާއި ބިލްޑިއާ ކޮންސްޓްރަކްޝަނާއި ކާފް ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑް އަދި ލޯން ސްޓާ ޓްރޭޑިންގްއާ އެވެ.
ޖުމްލަ 16.9 މިލިޔަން ރުފިޔާ ހަރަދު ކޮށްގެން ފުޓްސަލް ދަނޑުތައް ތަރައްގީ ކުރުމަށް ސަރުކާރުން ނިންމާފައި ވަނީ ހއ. ކެލާ އާއި ރ. އަލިފުއްޓާއި ކ. ކާށިދޫ އާއި ހއ. އިހަވަންދޫ އާއި ހއ. ހޯރަފުށްޓާއި ލ. ގަމާއި ލ. ފޮނަދޫ އާއި ށ. ފުނަދޫ އާއި ށ. މިލަންދޫ އާއި ދ. ކުޑަހުވަދޫ އާއި ގދ. ގައްދޫ އާއި ބ. އޭދަފުށީގެ އަދި އދ. މާމިނގިލީގަ އެވެ.
އެ 13 ރަށުގެ ތެރެއިން ބެސްޓް ޕްރައިސް ހާޑްވެއާ އަށް ހަވާލުކޮށްފައި ވަނީ ހއ. ކެލާ އާއި ރ. އަލިފުއްޓާއި ކ. ކާށިދޫގެ ފުޓްސަލް ދަނޑު ތަރައްގީ ކުރުމަށެވެ. މައްސާހް ކޮންސްޓްރަކްޝަނަށް ހއ. އިހަވަންދޫ އާއި ހއ. ހޯރަފުށީގެ ދަނޑު ތަރައްގީ ކުރުމަށް ހަވާލު ކޮށްފައިވާއިރު ލ. ގަމާއި ލ. ފޮނަދޫގެ ދަނޑު ތަރައްގީ ކުރުމަށް ހަވާލު ކޮށްފައި ވަނީ ގޮތިކް ކޮންސްޓްރަކްޝަނާ އެވެ.
ބިލްޑިއާ ކޮންސްޓްރަކްޝަނަށް ށ. ފުނަދޫ އާއި ނ. މިލަންދޫގެ ދަނޑު ތަރައްގީ ކުރުމަށް ހަވާލުކޮށްފައިވާ އިރު ދ. ކުޑަހުވަދޫ އާއި ގދ. ގައްދޫގެ ދަނޑު ތަރައްގީ ކުރުމަށް ހަވާލު ކޮށްފައި ވަނީ ކާފް ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑާ އެވެ. އަދި ލޯން ސްޓާ ޓްރޭޑިންގް އަށް ހަވާލުކުރީ ބ. އޭދަފުއްޓާއި އދ. މާމިގިލީގެ ފުޓްސަލް ދަނޑު ތަރައްގީކުރުމަށެވެ.
މީގެ ކުރިން ސަރުކާރުން ވަނީ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން 18 ރަށެއްގައި 19 ފުޓްސަލް ދަނޑު ތަރައްގީ ކުރުމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފަ އެވެ.