ވޯލްޑު ކަޕް ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ޑީގެ އެންމެ ފަހު މެޗުގައި މިރޭ އިޓަލީ އާއި އުރުގުއާއީ ބައްދަލުކުރާ މެޗަކީ ޕްރޮފެޝަނަލް ކެރިއަރުގައި އޭނާ ކޯޗުކަންކުރާ އެންމެ މުހިންމު މެޗުކަމަށް އިޓަލީގެ ކޯޗު ސިސާ ޕްރަންޑެލީ ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން އިޓަލީގެ ކޯޗު ޕްރަންޑެލީ ބުނީ ވާދަވެރި މެޗްތަކުގައި އުރުގުއާއީގެ ގައުމީ ޓިމް ފެންނަލެއް ވަރަށް ވަރުގަދަ ކަމަށާއި އެޓީމް ބަލިކުރަން ބޭނުންވާނަމަ ވަރުގަދަ ރޫހެއް މެޗު ތެރޭގައި ދެއްކުން މުހިންމު ކަމަށެވެ.

މިރޭގެ މެޗަށް އިޓަލީ ނުކުންނައިރު އެންމެ ފަހުން ކޯޗު ބޭނުންކުރި ފުރަތަމަ އެގާރަ ބޭނުންކުރާނެ ކަމަށް ބެލެވެއެވެ. އަނިޔާގެ ސަބަބުން އުރުގުއާއީގެ ކެޕްޓަން ޑިއޭގޯ ލުގާނޯއަށް މިމެޗްގައި ނުކުޅެވޭއިރު ސަސްޕެންޝަންގެ ސަބަބުން މެކްސީ ޕެރޭރާ ވެސް މިމެޗުގައި ނުކުޅެވޭނެއެވެ. އެންމެ ފަހުން މި ދެޓީމު ވާދަކޮށްފައި ވަނީ މިދިޔަ އަހަރު ބްރެޒިލްގައި ބޭއްވި ކޮންފެޑެރޭޝަން ކަޕްގެ ތިންވަނަ ހޮވި މެޗްގައެވެ. އެ މެޗް ޕެނަލްޓީ ޖަހައިގެން ކާމިޔާބުކުރީ އިޓަލީ އެވެ.

މިހާތަނަށް އިޓަލީއާއި އުރުގުއާއީ ނުވަ ފަހަރު ބައްދަލުކޮށްފައިވާއިރު އުރުގާއާއީ މޮޅުވެފައި ވަނީ ތިން ފަހަރެވެ. އިޓަލީ އިން ވޯލްޑްކަޕްގެ ތާރީޚުގައި މިހާތަނަށް 19 ފަހަރު ދެކުނު އެމެރިކާގެ ޓީމްތަކާއި ވާދަކޮށްފައިވާއިރު، ބަލިވެފައި ވަނީ ތިން ފަހަރެވެ.

މިއީ އިޓަލީއާ އިދިކޮޅަށް ނުކުންނަ އުރުގުއާއޭ ވޯލްޑް ކަޕްގައި ކުޅޭނެ 50 ވަނަ މެޗެވެ. އިޓަލީ އާއި އުރުގުއާއީ ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 9:00 ގަ އެވެ.