24 Jun 2014, 15:57
ޖީއެމްއާރަށް ފައިސާ ދައްކަންޖެހޭ ނަމަ އެ ފައިސާއެއް ދައްކާނެ ފެންވަރު ސަރުކާރުގައި އެބަހުރި ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް ވިދާޅުވެއްޖެ އެވެ.
އިގްތިސާދީ ކޮމެޓީ އިން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ ޖީއެމްއާރަށް ދައްކަން ޖެހެނީ ޖީއެމްއާރުން އެދޭ ވަރަށް ވުރެ ކުޑަ އެއްޗެއް ކަމަށާއި އަދި އެފަދަ އެއްޗެއް ދައްކަން ޖެހޭ ނަމަ އެ އެއްޗެއް ދެއްކުމުގެ ފެންވަރު މި ސަރުކާރުގައި ހުންނާނެ ކަމަށެވެ.
"ބަޔަކަށް އެއްޗެއް ދައްކަން ޖެހިއްޖިއްޔާ އެ އެއްޗެއް ދައްކާނެ ފެންވަރު އަޅުގަނޑުމެންގެ ގައިގައި ހުންނާނެ. އެގޮތުގެ މަތިން ކުރިއަށްދާން އަޅުގަނޑުމެން ނިންމާފައި ވަނީ،" ޖީއެމްއާރަށް ނިސްބަތްކޮށް މިނިސްޓަރު އަދީބް ވިދާޅުވި އެވެ.
އަދީބު ވިދާޅުވީ އާބިޓްރޭޓަރުން ދެކޭ ގޮތުގައި ޖީއެމްއާރަށް ދިވެހި ސަރުކާރުން ދޭން ޖެހޭނީ ރާއްޖޭގެ އެއާޕޯޓަށް އިންވެސްޓް ކުރި އެއްޗެއް ކަން އެނގިގެން ގޮސްފައިވާ ކަމަށާއި އެއީ ޖީއެމްއާރުން އެދުނު މިންވަރަށް ވުރެ ދަށް އަދަދެއް ކަމަށެވެ.
އަދީބް ވިދާޅުވީ އެ އެގްރިމެންޓް އުވާލަން ދިވެހި ސަރުކާރަށް މުހިންމުވީ އެ އެގްރިމެންޓްގެ ސަބަބުން މިގައުމުގައި ބޭއްވެން އޮތީ ޓޫރިޒަމް ދާއިރާ ނުވަތަ ޖީއެމްއާރް އެގްރިމެންޓްގެ ތެރެއިން ކޮންމެވެސް އެކައްޗަކަށް ވުމުން ކަމަށެވެ. ޖީއެމްއާރު ރާއްޖެ އެއާޕޯޓް ހިންގި ދުވަސްވަރު ގިނަ ފްލައިޓްތަކެއް ރާއްޖެ އައުން ހުއްޓާލި ކަމަށް މިނިސްޓަރު އަދީބް ވިދާޅުވި އެވެ.
އަދީބް އިތުރަށް ވިދާޅުވީ ދައުލަތުން ބަދަލު ހޯދުމަށް ދައުވާ ކުރުމަކީ ބޮޑު ސަގާފަތަކަށް މިގައުމުގައި މިހާރު ވެފައިވާ ކަމެއް ކަމަށާއި އެހެން ކަމުން ބައެއް ކުންފުނިތަކުން ހަދާފައިވާ އެގްރިމެންޓްތަކުގެ ސަބަބުން ދައުލަތަށް ލިބޭ ގެއްލުންތައް ހޯދުމަށް ދައުވާ ކުރުމަށް ސަރުކާރުން ވިސްނާ ކަމަށެވެ.
އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމަށް ޖީއެމްއާރާ އެކު ދިވެހި ސަރުކާރުންވި އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއް ކަމަށާއި އަދި އެ އެއްބަސްވުން އުވާލާފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ވަނީ ނިންމައިފަ އެވެ. ނަމަވެސް ޖީއެމްއާރުން އެދިފައިވާ ގޮތަށް ބަދަލުގެ ގޮތުގައި 1.4 ބިލިއަން ޑޮލަރު ދިނުމަށް ހުކުމްކޮށްފައެއްނުވެ އެވެ.
ޖީއެމްއާރު އެއްބަސްވުން އުވާލީ ގާނޫނާ ޚިލާފަށް ކަމަށް އާބިޓްރޭޝަނުން ފުރަތަމަ މަރުހަލާއިން ކަނޑައެޅި ނަމަވެސް ބަދަލުގެ ގޮތުގައި 1.4 ބިލިޔަން ޑޮލަރު ޖީއެމްއާރަށް ދޭން ނުޖެހޭނެ ކަމަށް ބަންޑާރައިބު މުހައްމަދު އަނީލް ވަނީ ވިދާޅުވެފަ އެވެ.