24 Jun 2014, 15:48
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަކީ މޮޅު ކުޅުންތެރިއަކަށް ވީ ނަމަވެސް، އާޖެންޓީނާގެ ތަރި ލިއޮނެލް މެސީއަށް ވުރެ އޭނާ މޮޅު ނޫން ކަމުގައި އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާ ބުނެފި އެވެ.
ވޯލްޑް ކަޕްގެ ގްރޫޕް ޖީގައި އެމެރިކާއާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގައި ޕޯޗުގަލްއަށް ނަތީޖާ ހަމަހަމަކޮށްލެވުނީ އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ރީތި ހުރަހަކުންނެވެ. ރޮނާލްޑޯގެ އެ ހުރަހާއެކު ސިލްވެސްޓާ ވަރެލާ ޖެހި އެ ލަނޑު ފެނިގެންދިޔައީ، ގްރޫޕް އެފްގައި އީރާނު އަތުން 90 ވަނަ މިނެޓްގައި ލިއޮނެލް މެސީ އާޖެންޓީނާއަށް ތިން ޕޮއިންޓް ހޯދައިދިންތާ އެއް ދުވަސް ފަހުންނެވެ.
"ރޮނާލްޑޯއަށް ވެސް މެސީ ކުރާ ކަންތައްތައް ކުރެވިދާނެ. ނަމަވެސް އެންމެ މޮޅީ މެސީ،" 'ޓައިމްސް އޮފް އިންޑިއާ'އަށް ދިން އިންޓަވިއުއެއްގައި މަރަޑޯނާ ބުންޏެވެ. "ރޮނާލްޑޯގެ އެ ހުރަހަކީ ވަރަށް ހިތްގައިމު ހުރަހެއް. ރޮނާލްޑޯއަށް އެމެރިކާގެ ވަރުގަދަ ޑިފެންސް ލައިން ފޫއަޅުވާލެވިފައެއް ނުވޭ. ހޫނުގެ ސަބަބުންނާއި ރޮނާލްޑޯގެ ފިޓްނަސްގެ މައްސަލަތަކާއި ހުރެ އޭނާއަކަށް ނުކުޅެވުނު."
މަރަޑޯނާ ބުނީ، ޕޯޗުގަލް އަށް ގަދަ 16ގެ ޖާގައެއް ލިބޭނީ ގާނާ އަތުން މޮޅުވެގެން ކަމަށްވިޔަސް، މިފަހަރު ރޮނާލްޑޯގެ ޓީމަށް އުނދަގޫތަކަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި ގާނާ އަތުން މޮޅުވި ނަމަވެސް، ޕޯޗުގަލް އަށް ގަދަ 16ގެ ފުރުސަތެއް ލިބޭނީ އެމެރިކާ އަތުން ޖަރުމަން މޮޅުވެގެން ކަމަށް އޭނާ ފާހަގަކުރި އެވެ.
ގްރޫޕް އީގެ އެންމެ ފަހު ދެ މެޗު ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 9:00 ގައެވެ. ޖަރުމަނާއި އެމެރިކާ ބައްދަލުކުރާނީ އެރީނާ ޕާނަމްބުޗޯގަ އެވެ. އަދި ޕޯޗުގަލް އާއި ގާނާ ބައްދަލުކުރާނީ އެސްޓޭޑިއޯ ނޭސިއޮނަލްގަ އެވެ.