24 Jun 2014, 15:14
ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލުމުގެ މައްސަލާގައި ނިޒާމީ އޮއިވަރުގައި ޖެހި މެދުކަނޑާލި މިއަދުގެ ޖަލްސާ އެންމެ ފަހުން ނިންމާލައިފި އެވެ.
މި އަހަރުގެ ދެވަނަ ދައުރުގެ ހަތަރު ވަނަ ޖަލްސާ ނިންމަވާލެއްވިކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިއުލާން ކުރެއްވީ މެންދުރުގެ ދަންފަޅީގަ އެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ މާދަމާ 9:00 ގައި ވެސް މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ކަމަށެވެ.
މިއަދު ބޭއްވި ޖަލްސާގައި އެމްޑީޕީ މެމްބަރުން ނިޒާމީ ނުކުތާ ނަންގަވަން ފެއްޓެވީ މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލުމާ ގުޅޭ ގޮތުން އުފެދުނު މައްސަލަތަކަށް ހައްލެއް ނުގެސް ޖަލްސާތައް ކުރިއަށް ގެންދާތީ އެކަމާ ހިތްމަނުޖެހިގެންނެވެ.
ނިޒާމީ އޮއިވަރުގައި ޖެހި ޖަލްސާ "ހޫނުވެގެން ދިޔައީ" ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މަޖިލީހުގެ ޖަލްސާ އަށް ހާޒިރުކުރައްވައި ސުވާލު ކުރައްވަމުން ދިޔަ ވަގުތުގަ އެވެ.
ޖަލްސާ ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން ގެންދެވީ ވިދާޅުވަމުންނެވެ. ނަމަވެސް ޖަލްސާ އިތުރަށް ކުރިއަށް ގެންދެވޭނީ ކޮމެޓީތައް އެކުލަވާލުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ފަހު ކަމަށް ސަރުކާރާ އިދިކޮޅު އެމްޑީޕީ މެމްބަރުން ގެންދެވީ ނިޒާމީ ނުކުތާ ނަންގަވައި ވިދާޅުވަމުނެވެ.
މިދިޔަ ހަފްތާގައި ބާއްވަން މަސައްކަތްކުރި މަޖިލީހުގެ ޖަލްސާ ވެސް ރިޔާސަތުން ހުއްޓާލީ ކޮމެޓީތައް އެކުލަވާލުމާ ގުޅޭ ގޮތުން މެމްބަރުން ނެންގެވި ނިޒާމީ ނުކުތާތަކާ ގުޅިގެން ޖަލްސާ ކުރިއަށް ނުގެންދެވިގެންނެވެ.
މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ވިދާޅުވީ މަޖިލީހުގެ ޖަލްސާ މިއަދު ފެއްޓެވީ ކޮމެޓީތައް އެކުލަވާލުމުގެ މައްސަލާގައި ޕާޓީތަކުގެ އިސްވެރިންނާ މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.
މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް އާއި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ގާސިމް އިބްރާހިމް ނެންގެވި ނިޒާމީ ނުކުތާގައި ވިދާޅުވީ ކޮމެޓީތައް އެކުލަވާލުމުގެ މައްސަލަގައި ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރައްވާފައިނުވާ ކަމަށެވެ. އަދި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވެސް ވަނީ ޕާޓީތަކުގެ ލީޑަރުންނާ އެކު މަޝްވަރާ ކުރެއްވުމަށް ޖަލްސާ މެދުކަނޑާލުމަށް ރައީސްގެ އަރިހުން އެދިވަޑައިގެންފަ އެވެ.