24 Jun 2014, 14:35
ހުޅުލެ އާއި މާލެއާ ދެމެދު އަޅާ ބްރިޖު މަޝްރޫއު އަށް ތިން ކުންފުންޏަކުން ތަފްސީލު ބީލަން ހުށައަޅައިފި އެވެ.
އިގްތިސާދީ ކޮމެޓީ އިން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ 19 ކުންފުންޏަކުން ބުރިޖު މަޝްރޫއު އަށް ޝައުގުވެރިކަން ފާޅުކުރި ކަމަށާއި ބީލަން ހުށައެޅުމުގެ މުއްދަތު ހަމަވި އިރު އޭގެ ތެރެއިން ތިން ކުންފުންޏަކުން ތަފްސީލު ބީލަން ހުށައަޅާފައިވާ ކަމަށެވެ.
"ދެ ޕާޓީއަކުން މިވަނީ ޑީޓެއިލް ޕްރޮޕޯސަލް ހުށައަޅާފައި. އަދި ތިން ވަނަ ކުންފުންޏަކުން މިވަނީ ފައިނޭންސް ގެރެންޓީއާ އެކު ޝައުގުވެރިކަން ފާޅުކޮށްފައި،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ބީލަން ހުށައަޅަފައިވާ ކުންފުނިތަކަކީ، ޗައިނާގެ ޑޮންގްފެންޑް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަން އާއި ޗައިނާ މެޝިނަރީ އެންޑް އިންޖިނިއަރިން ކޯޕަރޭޝަން އާއި ފައިނޭންސް ގެރެންޓީއާ އެކު އާބަން ކޮންސްޓްރަކްޝަން ކުންފުނިން ޝައުގުވެރިކަން ފާޅުކުރި ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އެ ދެ ކުންފުންޏަކީ ވަރަށް ފުޅާ ދާއިރާއެއްގައި ކޮންސްޓްރަކްޝަންގެ މަސައްކަތް ކުރާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ދެ ކުންފުނި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެ ބީލަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ގިނަ ކުންފުނިތައް ގުޅިގެން ވެސް ބީލަން ހުށަހެޅޭ ގޮތަށް ކަމަށާއި އެ ކުންފުނިތަކުން ބީލަން ހުށައަޅާފައިވާ ގޮތް ވިދާޅުވަން އެނގޭނީ ބީލަންތައް ހުޅުވުމުން ކަމަށެވެ.
ބުރިޖް ޕްރޮޖެކްޓަށް 19 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ އިރު ބީލަން ހުށަހެޅި ކުންފުނިތައް މަދުވީ ކީއްވެގެންތޯ ނޫސްވެރިން ދެންނެވުމުން މިނިސްޓަރު ވިދާޅުވީ އިންވެސްޓަރުންގެ ކޮންފިޑެންސް އެބަ އޮތް ކަމަށާއި ގިނަ ކުންފުނިތަކުން ގުޅިގެން ބީލަން ހުށައަޅާފައި އޮތުން ވެސް އެކަށީގެންވާ ކަމަށެވެ.
"އެމީހުން ގަބޫލުކުރާ ގޮންޖެހުންތަކެއް ހުރުމުން ވެސް އެކަށީގެންވޭ ނުލުން ވެސް. އަޅުގަނޑު މިފާހަގަކުރަނީ ޑީޓެއިލް ޕްރޮޕޯސަލްތައް ހުށައަޅާފައިވާ ކުންފުނިތަކަކީ ވަރަށް ބޮޑެތި ފަރާތްތަކޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުގެ އުންމީދަކީ ޖުލައި މަހުގެ ތެރޭގައި ބީލަންތައް އިވެލުއޭޓްކޮށް މި އަހަރު ތެރޭގައި ބުރިޖް އެޅުމުގެ މަސައްކަތް ފެށޭވަރު ކުރުން ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.