24 Jun 2014, 14:26
އަންނަ ރޯދަ މަހު ޕްރީ ސްކޫލުން ފެށިގެން ގްރޭޑް ނުވައަކާ ހަމައަށް ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލަން އެޑިއުކޭޝަނުން ނިންމައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރެ، ސްކޫލްތަކަށް ފޮނުވާފައިވާ "ރޯދަ މަހު ސްކޫލްތަކުގެ ކިޔެވުމުގެ އިންތިޒާމް ހަމަޖެހިފައިވާ ގޮތުގެ އުސޫލު"ގެ ދަށުން ޕްރީ ސްކޫލްތަކާއި ގްރޭޑް ނުވައަކުން ދަށުގެ ކިޔެވުން ރޯދަ މަހަށް މެދުކަނޑާލި ނަމަވެސް ގްރޭޑް 10 އިން 12ގެ ކިޔެވުން ކުރިއަށްދާނެ އެވެ.
އުސޫލުގައިވާ ގޮތުން ރޯދަ މަހުގެ ކިޔެވުން ސްކޫލްތަކުން ފަށަން ޖެހޭނީ ހެނދުނު 9:00 ގެ ފަހުންނެވެ. އަދި ރޯދަ މަހު ސްކޫލްތަކުގެ ކިޔެވުން ފަށާނެ ގަޑިއެއް ކަނޑައަޅައި ބެލެނިވެރިންނަށް އަންގަން ޖެހޭނެ ކަމަށާއި އެ ގަޑިތަކަށް ޓީޗަރުން ސްކޫލަށް ގަވާއިދުން ހާޒިރުވާން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ރޯދަ މަހު ސްކޫލްތަކުން ކިޔަވައިދޭ ގޮތަށް ހަމަޖައްސާފައި ވަނީ ސެޝަނެއްގައި ތިން ގަޑިއިރެވެ. އަދި ރޯދަ މަހު ގްރޭޑް ސްކޫލްތަކުގެ ކްލާސް ޕީރިއަޑެއްގެ ދިގުމިނަކީ 45 މިނެޓެވެ.