ބެއިޖިންގ: ޗައިނާއިން، ސްޓެލްތް މަތިންދާބޯޓެއް ތަޖްރިބާ ކުރިކަމުގެ ފޮޓޯތަކެއް ދުނިޔޭގެ މީޑިޔާއަށް ލީކުކޮށްލައިފިއެވެ. މިފޮޓޯތަކުން ފެންނަ ޗައިނާގެ ސްޓެލްތް މަތިންދާބޯޓަކީ އެމެރިކާގައި އުފައްދާ އެންމެ މަތީފެންވަރުގެ ސްޓެލްތް ބޯޓުތަކާ އެއްފެންވަރުގެ މަތިންދާ ބޯޓެއްކަމަށް ބެލެވޭ ކަމަށް ބައެއް ތަޖްރިބާކާރުންގެ ތަހްލީލީ ރިޕޯޓްތައް ބުނެއެވެ. ޗައިނާގެ ސްޓެލްތް ޢަސްކަރީ މަތިންދާބޯޓަކީ އެމެރިކާގެ ސްޓެލްތަށްވުރެ ބޮޑު މަތިންދާބޯޓެކެވެ. ސްޓެލްތް މަތިންދާބޯޓަކީ އަޑަށްވުރެ ދެގުނަ ބާރަށް ދަތުރުކުރާ އަދި ދުރުރާސްތާތަކަށް ދަތުރުކޮށް ބޮންއެޅުމުގެ ޤާބިލްކަން ލިބިފައިވާ ރާޑަރަށް ނާރާ ޓެކްނޮލޮޖީގެ މަތިންދާބޯޓެކެވެ. މިހާތަނަށް އެމެރިކާއާއި ރަޝިޔާ ފިޔަވައި އެހެން ޤައުމަކަށް މި ޓެކްނޮލޮޖީ ޙާސިލްކުރެވިފައެއް ނުވެއެވެ. ޗައިނާއަކީ މިޓެކްނޮލޮޖީ ޙާސިލްކުރި ތިންވަނަ ޤައުމުކަމަށް ވެދާނެ ކަމަށް ހުޅަނގުގެ މީޑިޔާއިންވެސްވަނީ ބުނެފައެވެ. ޗައިނާގެ ވައިގެ ބާރުތަކުގެ ޑެޕިއުޓީ ކޮމާންޑަރު ވަނީ ޗައިނާގެ ޢަސްކަރީ ބާރު ފުރިހަމަ ކުރުމަށްޓަކައި ސްޓެލްތް މަތިންދާބޯޓު އުފައްދަންޖެހޭ ކަމަށް 2009 އަހަރު ވިދާޅުވެފައެވެ. އަދި ކުރިޔަށްއޮތް ހައެއްކަ އަހަރުތެރޭގައި ސްޓެލްތް މަތިންދާބޯޓު ޗައިނާ ސިފައިންގެ ޚިދްމަތަށް ނެރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ. ލަންޑަންގައި ނުކުންނަ ޑެއިލީ ޓެލެގްރާފްގައިވާ ރިޕޯޓެއް ބުނާގޮތުން މަތިންދާބޯޓު އުފެއްދުމުގެ ޓެކްނޮލޮޖީގައި ޗައިނާގެދަނީ އާދަޔަ ޚިލާފު ކުރިއެރުންތަކެއް ހޯދަމުންނެވެ. ނަމަވެސް ބޭރުގެ ޓެކްނޮލޮޖީއަށް ޗައިނާ އަދިވެސް ބަރޯސާ ކުރާ ކަމަށް މިރިޕޯޓް ބުނެއެވެ. ޗައިނާއިން ފޮޓޯ ދައްކާލާފައިވާ ސްޓެލްތް މަތިންދާ ބޯޓުގެ ނަމަކީ "ޖީ 20" އެވެ.


------------------------