ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމާ ގުޅޭ ގޮތުން ކޮމެޓީތަކުގެ މައްސަލަ އަށް ހައްލެއް ނުލިބި ބައްދަލުވުން ނިންމާލައިފި އެވެ.

މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މެދުކަނޑާލާފައި ވަނީ ވެސް ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލެވިފައި ނުވާތީ އެކަމާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ މެންބަރުން ނިޒާމީ މައްސަލަ ނަންގަވައި މަޖިލީހުގެ ނިޒާމް ގެއްލުވާލުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙު މުހައްމަދުގެ މަޝްވަރާގެ މަތިން މިއަދު ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލައި ވަގުތީ ކޮމެޓީގެ ބައްދަލުވުން އެއްބަސްވުމަކަށް ނާދެވި ނިންމާލާފައި ވަނީ ސަރުކާރު ޒިންމާދާރު ކުރުވާ ހަ ކޮމެޓީ އަށް މެންނަރުން ބެހުމާ މެދު ޕާޓީތަކުގެ މެދުގައި ގޮތެއް ނުނިމިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ 11 ކޮމެޓީގެ ތެރެއިން ސަރުކާރު ހިންގާ ޕީޕީއެމް ކޯލިޝަނަށް ހުރިހާ ކޮމެޓީތަކެއްގެ ވެސް އަގުލަބިއްޔަތު ވަނީ ލިބިފަ އެވެ. އަދި އިދިކޮޅު އެމްޑިޕީން ހުށަހަޅާފައި ވަނީ ދާއިމީ 11 ކޮމެޓީގެ ތެރެއިން ތިން ކޮމެޓީއަކުން އެ ޕާޓީ އަށް ހަތަރު ސްލޮޓް ދިނުމަށެވެ. އެހެން ނަމަވެސް މަޖިލީހުގައި ސިޔާސީ ޕާޓީތަކުގެ މެންބަރުން ތަމްސީލް ކުރާ ގޮތަށް ބަލާ އިރު އެމްޑީޕީ އިން އެދޭ ގޮތަށް ކޮމެޓީތަކަށް މެންބަރުން އައްޔަން ކުރެވެން ނެތް ކަަމަށް ކޮމެޓީގެ މުގައްރިރު އަދި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ނައިބް ލީޑަރު ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވަނީ ވިދާޅުވެފަ އެވެ.

ރިޔާޒް ވިދާޅުވީ މަޖިލީހުގެ ދާއިމީ 11 ކޮމެޓީން އެމްޑީޕީ އަށް ހަތަރު ސްލޮޓް ލިބޭނީ އެންމެ ކޮމެޓީއަކުން ކަމަށާއި ދެން ކޮންމެ ކޮމެޓީއަކުން ވެސް އެމްޑީޕީ އަށް ލިބޭނީ ތިން ސްލޮޓް ކަަމަށެވެ.

ކޮމެޓީގެ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުން ބޮޑުވުމުން އިދިކޮޅު އެމްޑީޕީ ހުށަހެޅީ މަޖިލީހުގެ ދާއިމީ 11 ކޮމެޓީގެ ތެރެއިން މާލީއްޔަތު ކޮމެޓީން އެ ޕާޓީ އަށް ހަތަރު ސްލޮޓް ދިނުމަށެވެ. އަދި ދެން ހުރި ސަރުކާރު ޖަވާބުދާރީ ކުރުވާ ފަސް ކޮމެޓީ އިން ކުރެ ކޮންމެ ކޮމެޓީއަކުން ތިން ސްލޮޓް ދިން ނަމަވެސް އެއްބަސް ވާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.

މިއަދު ކުރިއަށް ދިޔަ ކޮމެޓީ އަށް އެމްޑީޕީން ހުށަހެޅި އެ ހުށަހެޅުމަށް ކޮމެޓީގެ އެއްވެސް މެންބަރަކު ތާއިދު ކުރައްވާފައެއް ނުވެ އެވެ. އެހެން ކަމުން އިދިކޮޅު އެމްޑީޕީ އާއި ސަރުކާރު ހިންގާ ކޯލިޝަންގެ މެންބަރުންގެ މެދުގައި ހިޔާލު ތަފާވުން ބޮޑުވެ ކޮމެޓީ ހަލެއް ނުލިބި ކޮމެޓީ ބައްދަލުވުން މެންދުރު ފަހު 2:30 އަށް ފަސްކުރި އެވެ. އަދި މިހާރު އަލުން ދަނީ ކޮމެޓީ ބައްދަލުވުން ހިނގަމުންނެވެ.