24 Jun 2014, 13:21
ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީ ގައި އިޓަލީއާ ދެކޮޅަށް ނުކުންނާނީ ފަސް ނުޖެހި މެޗް ކާމިޔާބު ކޮށް މުބާރާތުގެ ގަދަ 16 އަށް އުރުގުއާއީ ގެންދަން ކަމަށް އެޓީމުގެ ހުނަރުވެރި ފޯވާޑް ލުއިސް ސުއަރޭޒް ބުނެފިއެވެ.
އިޓަލީއާ ދެކޮޅަށް އުރުގުއާއީ ކުޅޭ މެޗް ފަށާނީ ރާއްޖެ ގަޑިން މިރޭ 9:00ގައި ބްރެޒިލްގެ ނަޓާލް ސިޓީގެ އެސްޓާޑިއޯ ޑަސް ޑުނާސް ސްޓޭޑިއަމްގައެވެ.
މިރޭގެ މެޗުގެ ކުރިން ސުއަރޭޒް ބުނީ، އިޓަލީ އަކީ ތަޖުރިބާކާރު ކުޅުންތެރިން ގިނަ ޓީމެއް ކަމަށެވެ. އަދި އެޓީމުގެ ރޭވުންތެރި ކަމާމެދު އުރުގުއޭ ކުޅުންތެރިން ފަސް ނުޖެހޭނެ ކަމަށާއި މެޗަށް ނުކުންނާނީ ހިތް ވަރާއެކު މޮޅުވާން ކަމަށް އޭނާ ބުންޏެވެ.
"އިޓަލީ އަކީ މޮޅު ޓީމެއް. އަހަރުމެން އިޓަލީއަށް އިހްތިރާމް ކުރަން. އެކަމަކު މިރޭ އަހަރުމެން ނުކުންނާނީ ކެރިހުރެ އިޓަލީ ބަލިކުރަން. އެނޫން އެއްވެސް ގޮތެއް އަހަރުމެނަކަށް މިވަގުތު ނެތް. އުރުގުއޭ ޓީމުގައި އިޓަލީ ބަލިކުރެވޭ ވަރުގެ ކުޅުން ތެރިން އެބަތިބި،" ސުއަރޭޒް ބުންޏެވެ.
ވޯލްޑް ކަޕުގެ ދެ ވަނަ ބުރަށް ދިއުމަށް މިރޭ އުރުގުއާއީ އަށް އިޓަލީ ބަލިކުރަން މަޖުބޫރެވެ. އެ ނޫން ނަތީޖާއެއް ނުކުމެއްޖެނަމަ އުރުގުއާއީ ކަޓައި މުބާރާތުގެ ދެ ވަނަ ބުރަށް ދާނީ މިހާރުވެސް ދެ މެޗް ކާމިޔާބުކޮށްފއިވާ ކޮސްޓަރިކާ އާއި އިޓަލީ އެވެ. އަދި ގްރޫޕްގެ ފަހު މެޗުގައި ކޮސްޓަރިކާ ނުކުންނާނީ ގްރޫޕްގައި ކުޅުނު ދެ މެޗުން ވެސް ބަލިވެ، މުބާރާތުން ކަޓާފައިވާ އިންގްލޭންޑްއާ ދެކޮޅަށެވެ.
މިރޭގެ މެޗަށް ނުކުންނައިރު އިޓަލީ އާއި އުރުގުއާއީ އަށް ގްރޫޕްގައި ލިބިފައިވަނީ ތިން ޕޮއިންޓެވެ. އެހެން ކަމުން ގޯލްގެ ތަފާތުން ކުރި ހޯދައިގެން މިރޭގެ މެޗް އެއްވަރުވިޔަސް ދެ ވަނަ ބުރައް ދަތުރު ކުރާނީ އިޓަލީއެވެ.
މިރޭގެ ބޮޑު މެޗަށް އިޓަލީ އާއި އުރުގުއާއީ ނުކުންނައިރު މިދެޓީމް އެންމެ ފަހުން ބައްދަލުކޮށްފައި ވަނީ މިދިޔަ އަހަރު ބްރެޒިލްގައި ބޭއްވި ކޮންފެޑެރޭޝަންސް ކަޕުގައެވެ. އެމެޗް ނިމުނީ 2-2 ލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ.