24 Jun 2014, 12:36
ހޯމް މިނިސްޓްރީން އެންގި މުއްދަތުގައި މޯލްޑިވްސް ބާ އެ ސޯސިއޭޝަންގެ ނަން ބަދަލުކޮށްފައި ނުވާތީ މިއަދު އެ އެސޯސިއޭޝަން އުވާލައިފިއެވެ.
ހޯމް މިނިސްޓްރީގެ އޮފިޝަލަކު ވަނީ ސަން އަށް އެކަށް ކަށަވަރުކޮށްދީފަ އެވެ.
ބާ އެސޯސިއޭޝަންގެ ނަން ބަދަލުކުރުމަށް ހޯމް މިނިސްޓްރީން އެންގީ މިދިޔަ އޭޕްރީލް މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމި ނިންމުމަކާ ގުޅިގެންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ނިންމާފައި ވަނީ "ބާ އެސޯސިއޭޝަން" ގެ ނަމުގައި ޖަމްއިއްޔާއެއް ހަދައި އެ ޖަމްއިއްޔާ އިން ރާއްޖޭގެ އަދުލުއިންސާފު ގާއިމްކުރުމުގައި ހަރަކާތްތެރިވުމަކީ ހުއްދަ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެ އެސޯސިއޭޝަން އުވާލަން ނިންމި ސަބަބެއް ސުޕްރީމް ކޯޓުން ބުނެފައެއް ނުވެއެވެ. ސުޕްރީމް ކޯޓުގެ އެ ނިންމުން ހަމައެދުވަހު ވަނީ ލިޔުމުން ހޯމް މިނިސްޓްރީ އަށް އަންގާފަ އެވެ.
ސުޕްރީމް ކޯޓުގެ އެ އެންގުމާ ގުޅިގެން ހޯމް މިނިސްޓްރީން ވަނީ ބާ އެ ސޯސިއޭޝަންގެ ނަން އެހެން ނަކަމަށް ބަދަލުކޮށް 14 ދުވަހުގެ ތެރޭގައި އެކަން އެ މިނިސްޓްރީއަށް އެންގުމަށެވެ.
ބާ އެސޯސިއޭޝަނަކީ ރާއްޖޭގެ ގާނޫނީ ވަކީލުންތަކެއް ގުޅިގެން އުފައްދާފައިވާ ޖަމްއިއްޔާ އެކެވެ. އެ ޖަމްއިއްޔާގެ ރައީސަކީ މަޝްހޫރު ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނާއިބް ހުސްނުއްސުއޫދު އެވެ.
ސުއޫދު މިއަދު ސަން އަށް ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރަކަށް އެ އެސޯސިއޭޝަން އުވާލުމުން ހިތާމަ ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ޖަމިއްޔާތަކުގެ ކުރި އަށް މޯލްޑިވްސް ހިމަނައިގެން ނަން ކިއުމަށް، ސުޕްރީމް ކޯޓުގެ އަމުރަށް ފަހު، ހޯމް މިނިސްޓްރީ އިން އިއުތިރާޒު ކުރަމުން އަންނަ ކަމަށާއި އެއީ ސީރިއަސް މައްސަލައެއް ކަމަށެވެ. އަދި ވިދާޅުވީ އެކަމުގެ ސަބަބުން އަސަރުކުރާނީ އެ ޖަމިއްޔާ އަށް އެކަނި ނޫން ކަމަށާއި މޯލްޑިވްސް ކުރިއަށް ލައިގެން ނަން ކިޔާ ހުރިހާ ޖަމިއްޔާތަކަށް ވެސް އެ މައްސަލަ ކުރިމަތިވާނެ ކަމަށެވެ.
ސުއޫދު ވިދާޅުވީ ރާއްޖޭގައި ހިންގާ ޖަމިއްޔާތަކަކީ ރާއްޖޭގައި ހިންގާ ޖަމިއްޔާތަކެއްކަން ނަމުން ވެސް އެނގެން ޖެހޭނެ ކަމަށެވެ.