އައްޑޫ ސިޓީ އިތުރަށް ތަރައްގީ ކުރުމަށްޓަކައި އެ ސިޓީގައި މިއަހަރު ގިނަ ޕްރޮޖެކްޓްތަކެއް ހިންގުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީގައި މިއަހަރު ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތަކާ ބެހޭ ގޮތުން މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ހައުސިން މިނިސްޓަރު ވަނީ އެ ސިޓީގައި މިއަހަރު ސަރުކާރުން ކުރިއަށްގެންދަން ހަމަޖެހިފައިވާ މަޝްރޫއުތަކުގެ މައުލޫމާތު މެމްބަރުންނަށް ދެއްވާފަ އެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ ތެރޭގައި ގެދޮރު ބިނާކުރުމާއި ބަނދަރު ހެދުމާއި މަގުހެދުމާއި މިސްކިއްތައް ބިނާކުރުމާއި ސްކޫލްތައް މަރާމާތު ކުރުމާއި ސިއްޙީ ޚިދުމަތްދޭ ތަންތަންތަނާއި ކުޅިވަރު ކުޅޭ ތަންތައް ހެދުން ހިމެނޭ ކަމަށެވެ.

"މިއަހަރަކީ އައްޑޫ ސިޓީގެ އުމްރާނީ ތަރައްގީގެ ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ އަހަރެއް. އަދި ރޭވިފައިވާ ވެސް އަހަރެއް. ގެދޮރު ބިނާކުރުމާއި ބަނދަރު ހެދުމާއި، މަގުހެދުމާއި، މިސްކިއްތައް ބިނާކުރުމާއި، ސްކޫލްތައް އަޕްގުރޭޑް ކުރުމާއި، ސިއްޙީ ހިދުމަތްދޭތަންތަން ހެދުމާއި، ކުޅިވަރު ކުޅޭތަންތައް ހެދުން މީގެތެރޭގައި ހިމެނޭ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މަރަދޫ ބަނދަރު ފުން ކުރުމުގެ މަސައްކަތް މިއަހަރު ތެރޭ ފެށިގެންދާނެ ކަމަށާއި އެ މަސައްކަތް ކުރުމަށް ހަދަން ޖެހޭ އީއައިއޭ ހެދުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދައި އެ މަސައްކަތް މިއަހަރު ތެރޭގައި ބީލަމަށް ހުޅުވާލާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫގެ އިތުރުން މީދޫ ބަނދަރު ހެދުމުގެ މަސައްކަތް މި އަހަރު ނިމޭނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ ތިން ރަށުގެ ތެރެއިން މީދޫ ބަނދަރުގެ މަސައްކަތް ނިމޭނީ މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށެވެ.

އައްޑޫ ސިޓީގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން މިނިސްޓަރު ވިދާޅުވީ އެ ސިޓީގެ މަގުތައް މަރާމާތު ކުރުމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ނިމިފައިވާ ކަމަށާއި އެ މަސައްކަތް އަންނަ ޖުލައި މަހުގެ ތެރޭގައި ކޮންޓްރެކްޓަރަކާއި ހަވާލު ކުރެވޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޗައިނީޒް އެގްޒިމް ބޭންކުގެ ލޯން އެހީގެ ދަށުން އައްޑޫ ސިޓީގައި ހައުސިން ޔުނިޓް އެޅުމަށްޓަކައި ކުރެހުންތައް ކުރަހާ ނިމި، އައްޑޫ ސިޓީ ކައުންސިލުން ހޯދަން ޖެހޭ ހުއްދަތައް މިހާރު ލިބިފައިވާ ކަމަށެވެ. އަދި އެ ހައުސިން ޔުނިޓުތައް އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ފެންސު ޖެހުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އެކަމުގެ އަމަލީ މަސައްކަތް ފެށިގެންދާނީ ރައްޔިތުންގެ މަޖިލީހުން ލިބިންޖެހޭ ހުއްދަތައް ލިބުމުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފޭދޫގައި އަޅާފައިވާ ހައުސިން ޔުނިޓްތަކަށް ކުރިމަތިލި މީހުންގެ މެދުގައި އިއްޔެ ގުރުއަތު ނަގައި ނިމިފައިވާ ކަމަށާއި ގުރުއަތުން ހޮވުނު މީހުންނަށް މިއަދުގެ ވަގުތެއްގައި ފްލެޓްތައް ހަވާލު ކުރެވޭނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އައްޑޫ ސިޓީގެ މީދޫގައި 704 މީހުންގެ ޖާގައިގެ މިސްކިތެއް މިއަހަރުގެ ތެރޭގައި އިމާރާތް ކުރެވިގެންދާނެ ކަމަށެވެ. އަދި ހިތަދޫ ނޫރާނީ ސްކޫލުގައި އަށް ކްލާސް ރޫމް އިމާރާތްކުރުމުގެ އިތުރުން ފޭދޫ ސްކޫލުގައި 12 ކްލާސް ރޫމާއި ހޯލެއް ހިމެނޭ ގޮތަށް ހަތަރު ބުރީގެ އިމާރާތެއް އެޅުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ހައުސިން މިނިސްޓަރު ވިދާޅުވިއެވެ.