24 Jun 2014, 10:59
ވައިގެ މަގުން ރާއްޖެ އެތެރެ ކުރި ނުވަލައްކަ ރުފިޔާގެ މަސްތުވާތަކެއްޗާ އެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު އުމުރުން 48 އަހަރުގެ މީހަކާއި 31 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކުރީ މާލެ-ހުޅުލެ ފެރީ ޓާމިނަލް ކައިރިން އިއްޔެ ހެނދުނު ކަމަށެވެ.
އެ ދެ މީހުންގެ އަތުން އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީއަގު 900،000 ރުފިޔާ އަށް އަރާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
ކޯޓު އަމުރެއްގެ ދަށުން އެ ދެ މީހުން ދިރިއުޅޭތަން ބަލައި ފާސްކުރި އިރު، އެކަމާ ގުޅޭ ލިޔެކިޔުންތައް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ހައްޔަރުކުރި ދެ މީހުންނަކީ މަސްތުވާތަކެތި ވައިގެ މަގުން ރާއްޖެ އެތެރެ ކުރި ދެމީހުން ކަމަށެވެ. ނަމަވެސް އެމީހުން ރާއްޖެ އައީ ކޮންގައުމަކުން ކަމެއް ފުލުހުން ހާމައެއްނުކުރެ އެވެ. އަދި އެ މީހުންގެ އަތުން އަތުލައިގަތް މަސްތުވާތަކެތީގެ ބާވަތެއް ވެސް އަދި އެތަކެތީގެ ބަރުދަނެއް ވެސް ފުލުހުން ހާމައެއްނުކުރެ އެވެ.