ފީފާ ވޯލްޑް ކަޕް ފުޓްބޯލަ މުބާރާތުގެ ގްރޫޕް ސީ ގައި މިރޭ ޖަޕާނާ ދެކޮޅަށް ނުކުންނައިރު ކޮލަމްބިއާގެ ފުރަތަމަ 11 އަށް ބަދަލުތަކެއް އަންނާނެ ކަމަށް އެޓީމުގެ ކޯޗް ހޯސޭ ޕެކެމެން ބުނެފިއެވެ.

މިހާރުވެސް ދެ ވަނަ ބުރުން ޖާގަ ހޯދާފައިވާ ކޮލަމްބިއާ ޖަޕާނާ ދެކޮޅަށް ނުކުންނަ މެޗް ފަށާނީ ރާއްޖެ ގަޑިން މިރޭ ދަންވަރު 1:00 ގައި ބްރެޒިލްގެ ކުއިބާގައި އޮންނަ އެރީނާ ޕެންޓެނާލް ގައެވެ.

ގުރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން މޮޅުވެ ހަ ޕޮއިންޓާއެކު ކޮލަމްބިއާއަށް ލިބިފައިވާއިރު، ގްރޫޕްގެ ފުރަތަމަ މެޗުން އެޓީމް މޮޅުވެފައި ވަނީ ގްރީސް އަތުން 3-0 ލަނޑުނެވެ. ގްރޫޕްގެ ދެ ވަނަ މެޗުގައި އެޓިމް މޮޅުވެފައި ވަނީ އައިވަރީ ކޯސްޓް އަތުން 2-1 ލަނޑުންނެވެ.

މެޗުގެ ކުރިން ކޮލަންބިޔާގެ ކޯޗު ހޯސޭ ޕެކަމެން ބުނީ ޓީމްގެ ކެޕްޓަން މާރިއޯ ޔެޕޭސް އާއި މިޑްފީލްޑަރު ކާލޯސް ބާކާ ގެ އިތުރުން ކާލޯސް ސަންޗޭޒް މިރޭ މެޗުގައި ނުކުޅޭނެ ކަމަށާއި އެ ކުޅުންތެރިން އެ މެޗުގައި ބައިވެރިނުކުރަަން ނިންމީ ރެސްޓު ދިނުމުގެ ގޮތުން ކަމަށެވެ.

އެ ޓީމްގެ މުހިންމު ކުޅުންތެރިންތަކެއް ކަމަށްވާ ހުނަރުވެރި ފޯވާޑު ފަލްކާއޯ އާއި ލުއިސް ޕެރޭރާ އާއި ފޯވާޑު އެޑްވިން ވެލެންސިޔާ އާއި އަލްޑޯ ރަމިރޭޒް އަށް އަނިޔާގެ ސަބަބުން މިފަހަރުގެ ވޯލްޑުކަޕްގައި އެއްވެސް ގޮތަކަށް ކުޅެވޭގޮތް ވަނީ ނުވެފައެވެ.

ކޮލަންބިއާއިން ވަނީ 2003 ވަނަ އަހަރުގެ ކޮންފެޑްރޭޝަންކަޕްގައި 1-0 ގެ ނަތީޖާއިން ޖަޕާން ބަލިކޮށްފައެވެ.

ވޯލްޑުކަޕްގެ އެންމެ ފަހު މެޗުން މޮޅުވުމާ ހަމައަށް ކޮލަންބިޔާ ކުޅެފައިވާ ނުވަ މެޗުގެ ނަތީޖާއަށް ބަލާއިރު ފަސް މެޗުން މޮޅުވެ ހަތަރު މެޗުން ވަނީ އެއްވަރުވެފައެވެ.

މިރޭ ގެ މެޗުގައި ކޮލަންބިއާގެ ފޯވާޑް ޖޭމްސް ރޮޑްރިގޭޒް ގޯލެއް ޖަހައިފި ނަމަ އޭނާ ވެގެންދާނީ ވޯލްޑްކަޕްގެ ތާރީޚުގައި ވެސް އެ ގައުމުގެ ގައުމީޓީމަށް އެންމެގިނަ ލަނޑުޖެހި ކުޅުންތެރިޔާއަށެވެ.