މިއަދު ކުރިއަށް ދިޔަ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މެމްބަރުންގެ ނަންގަވަން ފެއްޓެވި ނިޒާމީ ނުކުތާތަކުގެ އޮއިވަރުގައި ޖެހި ޖަލްސާ މެދުކަނޑާލައިފި އެވެ.

މިއަދު ބޭއްވި ޖަލްސާގައި އެމްޑީޕީ މެމްބަރުން ނިޒާމީ ނުކުތާ ނަންގަވަން ފެއްޓެވީ މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލުމާ ގުޅޭ ގޮތުން އުފެދުނު މައްސަލަތަކަށް ހައްލެއް ނުގެސް ޖަލްސާތައް ކުރިއަށް ގެންދާތީ ކަމަށް ވިދާޅުވެ އެވެ.

ނިޒާމީ އޮއިވަރުގައި ޖެހި ޖަލްސާ "ހޫނުވެގެން ދިޔައީ" ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މަޖިލީހުގެ ޖަލްސާ އަށް ހާޒިރުކުރައްވައި ސުވާލު ކުރައްވަމުން ދިޔަ ވަގުތުގަ އެވެ. ނިޒާމީ އޮއިވަރުގައި ޖެހި ޖަލްސާ މެދުކަނޑާ ލައްވަމުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ވިދާޅުވީ ޖަލްސާ މެދުކަނޑާލައްވަނީ ޕާޓީގެ އިސް ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށް ކަމަށެވެ. ޖަލްސާ ހުއްޓަވާލެއްވި އިރު ހައުސިން މިނިސްޓަރާއި ސުވާލު ކުރެއްވުމަށް 14 މެމްބަރަކު ވަނީ ފުރުސަތަށް އެދިވަޑައިގެންފައެވެ.

ޖަލްސާ ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން ގެންދެވީ ވިދާޅުވަމުންނެވެ. ނަމަވެސް ޖަލްސާ އިތުރަށް ކުރިއަށް ގެންދެވޭނީ ކޮމެޓީތައް އެކުލަވާލުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ފަހު ކަމަށް ސަރުކާރާ އިދިކޮޅު އެމްޑީޕީ މެމްބަރުން ގެންދެވީ ވިދާޅުވަމުނެވެ.

މީގެ ކުރިން ބާއްވަން މަސައްކަތްކުރި މަޖިލީހުގެ ޖަލްސާ ވެސް ރިޔާސަތުން ހުއްޓާލެއްވީ ކޮމެޓީތައް އެކުލަވާލުމާ ގުޅޭ ގޮތުން މެމްބަރުން ނެންގެވި ނިޒާމީ ނުކުތާތަކާ ގުޅިގެން ޖަލްސާ ކުރިއަށް ނުގެންދެވިގެންނެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ވިދާޅުވީ މަޖިލީހުގެ ޖަލްސާ މިއަދު ފެއްޓެވީ ކޮމެޓީތައް އެކުލަވާލުމުގެ މައްސަލާގައި ޕާޓީތަކުގެ އިސްވެރިންނާ މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.

މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް އާއި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ގާސިމް އިބްރާހިމް ނެންގެވި ނިޒާމީ ނުކުތާގައި ވިދާޅުވީ ކޮމެޓީތައް އެކުލަވާލުމުގެ މައްސަލަގައި ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރައްވާފައިނުވާ ކަމަށެވެ. އަދި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސެއިން މަނިކު ވެސް ވަނީ ޕާޓީތަކުގެ ލީޑަރުންނާ އެކު މަޝްވަރާ ކުރެއްވުމަށް ޖަލްސާ މެދުކަނޑާލުމަށް ރައީސްގެ އަރިހުން އެދިވަޑައިގެންފަ އެވެ.