24 Jun 2014, 09:50
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭ ގެ ފަހު މެޗުގައި ރޭ ކެމަރޫނާ ދެކޮޅަށް ދެއްކި ކުޅުމަކީ މިމުބާރާތުގައި މިހާތަނަށް ބްރެޒިލްއިން ދެއްކި އެންމެ މޮޅު ކުޅުން ކަމަށް އެޓީމުގެ ތަރި ނޭމާ ބުނެފި އެވެ.
ރާއްޖެ ގަޑިން ރޭ ދަންވަރު 1:00ގައި ބްރެޒިލްގެ ވެރިރަށް "ބްރެޒީލިއާ"ގެ އެސްޓާޑިއޯ ނޭސިއޮނަލް ސްޓޭޑިއަމްގައި ކެމަރޫނާ ދެކޮޅަށް ކުޅުނު މެޗް ބްރެޒިލްއިން ކާމިޔާބު ކުރީ 4-1 ލަނޑުން ނެވެ.
މެޗަށް ފަހު ނޭމާ ބުނީ، ކެމަރޫން މެޗުގައި ފެނިގެން ދިޔައީ މިހާތަނަށް ބްރެޒިލްއިން ދެއްކި އެންމެ މޮޅު ކުޅުން ކަމަށާއި ހުރިހާ ކުޅުންތެރިން ވެސް މެޗުގައި އެކުޅުންތެރިންގެ އަސްލު "ޖާދޫ ނުވަތަ ފެންވަރު" ދެއްކި ކަމަށެވެ. އަދި ލިބުނު އެ ކާމިޔާބީގެ ހައްގުވެރިން ނަކީ ބްރެޒިލްގެ ސަޕޯޓަރުން ކަމަށް ނޭމާ ބުންޏެވެ.
"މިފެނުނީ ބްރެޒިލްގެ އަސްލު ކުޅުން. ހުރީހާ ކުޅުންތެރިންގެ ފާރާތުން ވެސް ފެނިގެން ދިޔައީ އެންމެ މޮޅު ކުޅުން. މިކާމިޔާބީގެ ހައްގުވެރިންނަކީ ބްރެޒިލްގެ ސަޕޯޓަރުން. މިއީ ގައުމަށް ފުޓްބޯޅައިން ލިބުނު ތާރީހީ ކާމިޔާބެއް. އަހަރެން ވަރަށް އުފާ ވެއްޖެ،" ނޭމާ ބުންޏެވެ.
ވޯލްޑް ކަޕް ފަސް ފަހަރު ކާމިޔާބުކޮށް، އެ މުބާރާތް މިހާތަނަށް ބޭއްވި 20 ފަހަރު މުބާރާތުގައި ވާދަކުރުމުގެ ޝަރަފް ހޯދި ހަމައެކަނި ޓީމު ކަމަށްވާ ބްރެޒިލްގެ ޓީމުން ރޭ ހޯދި މޮޅާއެކު މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން އެއް ވެސް މެޗަކުން ބަލިނުވެ، ހަތް ޕޮއިންޓާއެކު އެވެ.
ނޭމާ ބުނީ، ކެމަރޫން އަތުން މޮޅުވެ ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރަށް ދަތުރު ކުރުމުން މުބާރާތް ނިމުނީ ކަމަށް ބްރެޒިލްގެ އެއްވެސް ކުޅުންތެރިއަކު ދެކިގެން ނުވާނެ ކަމަށާއި ކުރިއަށް އޮތީ ވަރުގަދަ ބޮޑު މެޗެއް ކަމަށެވެ. އަދި އެމެޗަށް ބްރެޒިލް ނުކުންނާނީ ކާމިޔާބު ހޯދަން ކަމަށާއި އެކަން ކުރުމަށް މިވަގުތުން ފެށިގެން ބްރެޒިލްގެ ކުޅުންތެރިން ތައްޔާރުވާން ޖެހިއްޖެ ކަމަށް ނޭމާ ބުންޏެވެ.
"އަހަރުމެން ނަށް އަދި ނަތީޖާ މުޅިން ފައިނަލެއް ނުވެ. ކުރިއަށް އޮތީވެސް ބޮޑުމެޗެއް. އެއީ ދެވަނަ ބުރުގައި ޗިލީއާ ދެކޮޅަށް ކުޅޭ މެޗް. ޗިލީ އަކީ ވަރުގަދަ ޓީމެއް،" ނޭމާ ބުންޏެވެ.
ދެވަނަ ބުރުގައި ޗިލީއާ ދެކޮޅަށް ބްރެޒިލް ނުކުންނާނީ އަންނަ އާދީއްތަ ދުވަހުގެ ރޭ 9:00ގައެވެ.
ރޭ ކެމަރޫން ކޮޅަށް ބްރެޒިލްއިން ލަނޑު ޖެހި ކުޅުންތެރިން ނަކީ ދެ ގޯލް ކާމިޔާބު ކުރި ނޭމާ އާއި ފްރެޑް އަދި ފާނެންޑީނިއޯ އެވެ. އެ މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ލަގަބް ވެސް އަދި އޮތީ ބްރެޒިލްގެ ތަރި ނޭމާ އަތުގައެވެ. އެގޮތުން ނޭމާ ވަނީ އެ މުބާރާތުގައި ޖުމްލަ ހަތަރު ލަނޑު ކާމިޔާބު ކޮށްފައެވެ.
ބްރެޒިލް ކޮޅަށް ކެމަރޫނުން ރޭ ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މިޑްފީޑަރު ޖޮއެލް މަޓިޕެވެ.