އއ. ތޮއްޑޫ އިން އަހުމަދު ސާއިލް އަލީ

އއ. ތޮއްޑު އަށް ނިސްބަތްވާ އަހުމަދު ކަރަމް އަކީ ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ޒުވާނެކެވެ. އޭނާ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ހުރީ މާފުށީ ހެލްތު ކޯޕަރޭޝަންގެ ވަޒީފާއެއްގަ އެވެ. މާފުށީގައި އޭނާ ހުރި ދުވަސް ވަރު އެ ރަށުން އޭނާ އަށް އެންމެ އަޅައިގެން ކަމަކަށްވީ އެރަށުގައި ހަދަމުންދިޔަ ގެސްޓް ހައުސްތަކެވެ. ޓޫރިޒަމް ދާއިރާއަށް ވަނުމަށް އޭނާ ޝައުގުވެރިވި ސަބަބަކީ އެއީ އެވެ.

"މާފުށީގައި އުޅުނު ދުވަސްވަރު އައި ވިސްނުމެއް ގެސްޓް ހައުސްގެ ވިޔަފާރި މި ރަށުގައި(ތޮއްޑޫ) ފެށުމުގެ ހިޔާލު އައީ" ތޮއްޑޫގައި އެންމެ ފުރަތަމަ ގެސްޓް ހައުސްއެއް ހުޅުވި ކަރަމް ބުންޏެވެ.

މިހާރު ތޮއްޑޫގައި ހިންގަމުންދާ ގެސްޓުހައުސްއެއް -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ކަރަމް ގެސްޓް ހައުސްގެ ވިޔަފާރި ފެށުމަށް ނިންމައި އޭނާގެ ދެ އެކުވެރިންނާ އެކު އެވިޔަފާރި ތެރެއަށް ވަނީ މިދިޔަ އަހަރުތެރޭގަ އެވެ. "ސެރީން ސުކައި ގެސްޓް ހައުސް"ގެ ނަމުގައި ކަރަމްމެން މިހާރު ވަނީ ތޮއްޑޫގައި ދެ ގެސްޓް ހައުސްއެއް ހުޅުވާފަ އެވެ. އޭނާ ބުނާ ގޮތުންނަމަ ގެސްޓް ހައުސް ވިޔަފާރިއަކީ އާމުދަނީ ހޯދުމަށް އެންމެ ރަނގަޅު އެއް ކަންތަކެވެ.

"އަތޮޅު ތެރޭގައި ނުކުރެވޭނެ މިއަށް ވުރެ ރަނގަޅު ވިޔަފާރިއެއް އާންމުދަނީ ހޯދާކަށް،" ކަރަމް ބުންޏެވެ.

ކަރަމް ބުނިގޮތުގައި އެރަށުގައި ގެސްޓް ހައުސްގެ ވިޔަފާރި ކުރުމަށް ވަރަށް ފަސޭހަ އެވެ. އެގޮތުން ތާޒާ މޭވާ އާއި ތަރުކާރީ ލިބުމާއި ރައްޔިތުންގެ އެއްބާރުލުން ލިބުމަކީ ވަރަށް ބޮޑެތި ފަސޭހަތައް ކަމުގައި އޭނާ ސިފަކުރެ އެވެ. އޭނާ ބުނާ ގޮތުން އެ ރަށުގެ ގެސްޓް ހައުސްތަކުން ލިބޭ ހިދުމަތްތަކާ މެދު ގެސްޓުން ތިބެނީ ވަރަށް ހިތްހަމަޖެހިގެނެވެ.
ތޮއްޑޫގެ ގެސްޓު ހައުސްއެއްގެ ވެރިއެއް ކަމަށްވާ އަހްމަދު ކަރަމް ސަން އަށް އިންޓަވިއުދެނީ --- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

"އަސްލު ގެސްޓުންނާއި ވާހަކަ ދައްކާލުމުން އެނގެނީ އެމީހުން އުންމީދުކުރާވަރަށް ވުރެ މާރަނގަޅުކަން ހިދުމަތްތައް ދެވޭލެއް،" ކަރަމް ބުންޏެވެ.

އެންމެ ފުރަތަމަ ތޮއްޑޫގައި ގެސްޓް ހައުސްއެއް ހުޅުވީ މިދިޔަ އަހަރެވެ. އޭގެ ފަހުން މިހާރު އެ ރަށުގައި ހަތަރު ގެސްޓް ހައުސް އެބަ ހުއްޓެވެ. އެއީ ޖުމްލަ 50 އެނދެެވެ. ގެސްޓް ހައުސްތަކާ އެކު ތޮއްޑު އަށް ވަނީ ކުރިން ހީނުކުރާ ވަރުގެ ބޮޑު މުއްސަނދި ކަމެއް ލިބިފަ އެވެ.

ތޮއްޑޫގައި ގެސްޓް ހައުސްއެއް ހިންގާ ހުރިހާ ފަރާތްތަކުން ވެސް އެއްބަސްވާ އެއްކަމެއް އޮވެ އެވެ. އެއީ ގެސްޓް ހައުސްގެ ވިޔަފާރިއަކީ އާމުދަނީ ހޯދުމަށް "ރަނެއް" ކަމަށެވެ.
ތޮއްޑޫގައި ހިންގަމުންދާ ގެސްޓު ހައުސްއެއްގެ ކޮޓަރިތެރެ -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ގެސްޓް ހައުސްގެ ވިޔަފާރި ތޮއްޑޫގައި ފައްކާވަމުން އަންނަ އިރު އެ ވިޔަފާރިއަށް ގޮންޖެހުންތަކެއް ވެސް އެރަށުގައި އެބަހުއްޓެވެ. މި އަހަރުގެ ފެބްރުއަރީ މަހު ތޮއްޑޫގައި ގެސްޓް ހައުސް ވިޔަފާރި ފެށި "އެމޭޒަން ވިއު ގެސްޓް ހައުސް"ގެ ވެރިޔާ މޫސާ ފާރޫގް ބުނި ގޮތުގައި އެރަށުގައި ގެސްޓް ހައުސް ހިންގުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރުގެ މައްސަލަތަކެވެ. އެގޮތުން ގެސްޓުން އެ ރަށަށް ގެނައުމަށް ބޮޑު ހަރަދުތަކެއް ކުރަން ޖެހޭ ކަމަށް ފާރޫގް ބުންޏެވެ. އަދި ހަމައެއާ އެކު ގެސްޓުން ހޯދުމަށް ވެސް ދަތިތަކެއް ކުރިމަތިވާ ކަމަށް ފާރޫގް ބުންޏެވެ.

"ގެސްޓުން ހޯދުން ދަތިކަން އެބަހުރި، ރާއްޖޭގައި ލޯކަލް ޓޫރިޒަމް އިސްތިހާރު ކުރުން ނެތުމުން މިހެން މިވަނީ، މާކެޓް ކުރެވިއްޖެނަމަ ވަރަށް ރަނގަޅު މަސައްކަތެއް މިއީ،" ފާރޫގް ބުންޏެވެ.

ތޮއްޑޫގައި ހަތަރު ގެސްޓް ހައުސްއެއް މިހާރު ހިންގާއިރު އެގެސްޓް ހައުސްތަކުގެ ވެރިން ތިބީ ހިތްވަރާ އެކު އެވިޔަފާރި ފުޅާކޮށް ޓޫރިޒަމް އިން އާމްދަނީ ލިބޭ ރަށަކަށް އެރަށް ހެދުމަށް އަމާޒް ހިފާފަ އެވެ. އެ އެންމެން ވެސް މިހާރު އެންމެ ބޮޑަށް ކުރާ އެމަސައްކަތަކީ އެ ރަށު ގެސްޓުންނަށް ދިމާވެފައިވާ ޓުރާންސްޕޯޓްގެ މަސައްކަތްތައް ހައްލުކުރުމުގެ މަސައްކަތެވެ. އެގޮތުން ބައެއް ގެސްޓް ހައުސްތަކުން އަމިއްލަ ލޯންޗްތައް މިހާރު ދަނީ ތައްޔާރުކުރަމުންނެވެ.
ތޮއްޑޫގައި ހިންގާ ގެސްޓު ހައުސްއެއްގެ އެތެރެ-- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ތޮއްޑޫ ކައުންސިލްގެ ރައީސް ހަސަން އިބްރާހިމް ވިދާޅުވި ގޮތުގައި ގެސްޓް ހައުސްގެ ވިޔަފާރީގެ ސަބަބުން އެރަށަށް ބޮޑެތި އާމުދަނީއެއް ލިބެމުންދެ އެވެ. އެގޮތުން އެ ރަށުގައި ގެސްޓް ހައުސް ވިޔަފާރިކުރުމަށް ރަށުގެ ވަކި ސަރަހައްދަކުން ބިން ދޫކުރުމަށް ކައުންސިލް އިން މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގެސްޓް ހައުސްގެ ވިޔަފާރި ފުޅާކުރުމަށް އަޅުގަނޑުމެން ވަރަށް ބޮޑު މަސައްކަތެއް މިދަނީ ކުރަމުން، ވަރަށް އަވަހަށް ގެސްޓް ހައުސް ވިޔަފާރިތަކަށް ބިން ދޫކުރެވޭނެ،" ތޮއްޑޫ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ގެސްޓް ހައުސްގެ ވިޔަފާރީގެ ސަބަބުން ފައިދާ ވަނީ ހަމައެކަނި ގެސްޓް ހައުސް ހިންގާ ފަރާތްތަކަށް އެކަންޏެއް ނޫނެވެ. ރަށުގެ ކުދި ފިހާރަތަކާއި ދަނޑުވެރިންނަށް ވެސް މީގެ ފައިދާ ވަރަށް ބޮޑަށްވެ އެވެ. ތޮއްޑުގެ ރައްޔިތުން ތިބީ ގެސްޓް ހައުސްގެ ވިޔަފާރިން ރަނގަޅު އާމްދަނީތަކެއް ހޯދުމަށް އަމާޒު ހިފާފަ އެވެ.