24 Jun 2014, 09:21
ނިއުދިއްލީ (ޖޫން 24): ނިއުކްލިޔާ ފެތުރުން މަނާކުރާ މުޢާހަދާގެ އެޑިޝަނަލް ޕްރޮޓޮކޯލްގައި ސޮއިކުރަން ތައްޔާރުވަމުންދާކަން އިންޑިޔާ އިން ފުރަތަމަ ފަހަރަށް ހާމަކޮށްފި އެވެ.
އިންޑިޔާގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާން ސައްޔިދު އަކްބަރުއްދީން ވިދާޅުވީ ނިއުކްލިޔާ ނޮންޕްރޮލިފަރޭޝަން މުޢާހަދާގެ އެޑިޝަނަލް ޕްރޮޓޮކޯލްގައި ސޮއިކޮށް އެމުޢާހަދާ ތަސްދީގުކުރަން އިންޑިޔާ ބޭނުން ވަނީ އެކަމުގެ ސަބަބުން މަދަނީ ނިއުކްލިޔާ ޓެކްނޮލޮޖީ ތަރައްގީ ކުރުމުގައި އިންޑިޔާ އަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެތީ އާއި މަދަނީ ނިއުކްލިޔާ ހަކަތައިގެ ބޭނުން މިހާރަށް ވުރެ ފުޅާދާއިރާއެއްގައި ކުރަންބޭނުންވާތީ އެވެ.
އިންޑިޔާ ފުރަތަމަ ފަހަރަށް ނިއުކްލިޔާ ތަޖްރިބާއެއް ކޮށްފައި ވަނީ 1974 ވަނަ އަހަރުގަ އެވެ. ނަމަވެސް އެއީ ނިއުކްލިޔާ ހަތިޔާރެއް އުފެއްދުމަކާނުލައި ގޮއްވާލި ނިއުކްލިޔާ ވަރަށް އާދައިގެ ގޮއްވާލުމެވެ. އިންޑިޔާ އިން ނިއުކްލިޔާ ބޮން އުފެއްދުމަށް ފަހު ނިއުކްލިޔާ ބޮޑު ތަޖްރިބާއެއް ކޮށްފައި ވަނީ 1998 ވަނަ އަހަރުގަ އެވެ. އިންޑިޔާގެ ނިއުކްލިޔާ ތަޖްރިބާއާ ގުޅިގެން ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ޕާކިސްތާނުން ވެސް ބާރުގަދަ ނިއުކްލިޔާ ތަޖްރިބާތަކެއް ކޮށްފައިވެ އެވެ.
އިންޑިޔާއަކީ ނިއުކްލިޔާ ފެތުރުން މަނާކުރާ މުއާހަދާގައި ސޮއިކުރުމަށް މިހާތަނަށް ދެކޮޅު ހަދަމުން ގެންގޮސްފައިވާ ގައުމެކެވެ. ރިޕޯޓްތައް ބުނާގޮތުން ނިއުކްލިޔާ ފެތުރުން މަނާކުރާ މުޢާހަދާގެ އެޑިޝަނަލް ޕްރޮޓޮކޯލްގައި ސޮއިކުރަން އިންޑިޔާ ބޭނުން ވަނީ ނިއުކްލިޔާ ހަކަތައާ ބެހޭ ބައިނަލްއަގްވާމީ ޖަމްއިއްޔާ (އައިއޭއީއޭ)ގެ ބެލުމުގެ ދަށަށް އިންޑިޔާގެ މަދަނީ ނިއުކްލިޔާ ޕްރޮގްރާމް ގެންދިޔުމަށް ޓަކަ އެވެ. (އައިއޭއީއޭ)ގެ ބެލުމުގެ ދަށަށް އިންޑިޔާގެ މަދަނީ ނިއުކްލިޔާ ޕްރޮގްރާމް ދިޔުމަކީ އިންޑިޔާ އަށް މަދަނީ ނިއުކްލިޔާ ޓެކްނޮލޮޖީގައި ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. މީގެ އިތުރުން ނިއުކްލިޔާ ޓެކްނޮލޮޖީގެ ދާއިރާގައި އެމެރިކާގެ ފަންނީ އެހީތެރިކަމާއި އެމެރިކާގެ މަދަނީ ނިއުކްލިޔާ ޓެކްނޮލޮޖީގެ ވަސީލަތްތައް އިންޑިޔާއަށް ލިބުމަށް ވެސް މިކަމުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
އިންޑިޔާއަކީ ފައްކާކުރި ޔޫރޭނިޔަމް ފަދަ ނިއުކްލިޔާ މާއްދާތައް އެހެން ގައުމުތަކަށް ވިއްކައިގެން އެއިން ވިޔަފާރީގެ ފައިދާތައް ހޯދަމުންގެންދާ ނިއުކްލިޔާ ކްލަބް އަށް ވަނުމަށް މަސައްކަތްކުރަމުން ގެންދާ ގައުމެކެވެ. މިވިޔަފާރީގެ ފައިދާ މިހާރު ނަގަމުން ގެންދަނީ ހުޅަނގުގެ ބޮޑެތި ބާރުތަކާއި ރަޝިޔާއާއި ޗައިނާއިންނެވެ. ނިއުކްލިޔާ ސިނާއަތުގެ މިވިޔަފާރިން ފައިދާ ނެގުމުގެ ފުރްސަތު އެހެން ގައުމުތަކަށް ދޭކަށް މިވިޔަފާރި މޮނޮޕޮލީ ކޮށްގެން އުޅޭ ދުނިޔޭގެ ބޮޑު ފަސްބާރުން ބޭނުމެއް ނުވެ އެވެ.
ނިއުކްލިޔާ ފެތުރުން މަނާކުރާ މުޢާހަދާގެ އެޑިޝަނަލް ޕްރޮޓޮކޯލްގައި އިންޑިޔާ ސޮއިކުރި ނަމަވެސް ނިއުކްލިޔާ ކްލަބް އަށް ވަނުމަށް އިންޑިޔާ ކުރާ މަސައްކަތްތަކަށް ހުއްޓުމެއް ނާންނާނެ ކަމަށް މުރާސިލުން ބުނެ އެވެ. (ރޮއިޓާސް)