ވޯލްޑް ކަޕުގެ ގްރޫޕް އޭގައި ކްރޮއޭޝިއާ އަތުން 3-1 ލަނޑުން މޮޅުވެ، ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި "އެލް ޓްރީ" ގެ ނަމުން މަޝްހޫރުވެފައިވާ މެކްސިކޯއަށް ގަދަ 16ގެ ޖާގައެއް ލިބިއްޖެ އެވެ.

މި ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ގަދަ 16އަށް ދިޔައީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބްރެޒިލް އެވެ. ބްރެޒިލް އަދި މެކްސިކޯވެސް ގްރޫޕް ސްޓޭޖު ނިންމައިލީ ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކު އެވެ. ބްރެޒިލްއަށް ގްރޫޕްގެ އެއްވަނަ ލިބުނީ ގޯލުގެ ތަފާތުންނެވެ.

އެރީނާ ޕާނަމްބޫޗޯގައި ކުޅުނު މި މެޗަށް ދެ ޓީމު ނުކުތް އިރު، ފުރަތަމަ އެގާރައިގައި މުހިންމު ކުޅުންތެރިންތައް ވަނީ ހިމަނައިފައެވެ. މެޗަށް ނުކުތް އިރު، މެކްސިކޯ އަދި ކްރޮއޭޝިއާއަށް ވެސް ދެވަނަ ބުރުން ޖާގަ ހޯދުމުގެ ފުރުސަތެއް އޮތެވެ.

މެޗުގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ލީޑު ނަގަން ފުރުސަތެއް ލިބުނީ ކްރޮއޭޝިއާ އަށެވެ. މެޗުގެ ހަތް ވަނަ މިނެޓްގައި އިވާން ރަކިޓިޗް ނެގި ހުރަހަކުން އިވާން ޕެރިސިޗް ފޮނުވާލި ހަމަލާ ދިޔައީ ގޯލާއި އަމާޒުނުވެ ބޭރަށެވެ. އޭގެ ހަތް މިނެޓް ފަހުން ވެސް ޕެރިސިޗްއަށް ފުރުސަތެއް ލިބި ބޭކާރުވެފައި ވެ އެވެ.

މެޗުގެ 16 ވަނަ މިނެޓްގައި މެކްސިކޯ އިން ކްރޮއޭޝިއާގެ ގޯލަށް ވަރަށް ނުރައްކާތެރި ހަމަލާއެއް ވަނީ އުފައްދައިފައެވެ. އޮރިބޭ ޕެރަލްޓާ ދިން ބޯޅައަކުން ހެކްޓާ ހެރޭރާ ފޮނުވާލި ހަމަލާ އަމާޒުވީ ކްރޮއޭޝިއާގެ ހުރަސް ދަނޑިއަށެވެ.

މެޗުގެ ހަތަރު ލަނޑު ވެސް ފެނިގެންދިޔައީ ދެވަނަ ހާފުގައެވެ. މެޗުގެ 70 ވަނަ މިނެޓްގައި މެކްސިކޯއަށް ލީޑު ނަގައިދިނީ އެޓީމުގެ ކެޕްޓަން ރަފައެލް މާކޭޒެވެ. މި ލަނޑު މާކޭޒް ކާމިޔާބުކުރީ ހެރޭރާގެ ހުރަކުން ބޮލުން ޖަހައި ކްރޮއޭޝިއާގެ ގޯލްތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ. މާކޭޒް ކާމިޔާބުކުރި މި ލަނޑާއެކު އޭނާ ހިމެނިފައި ވަނީ ތިން ވޯލްޑް ކަޕެއްގައި މެކްސިކޯއަށް ގޯލު ޖަހައިދިން ދެވަނަ ކުޅުންތެރިޔާއަށެވެ. މީގެ ކުރިން މެކްސިކޯއަށް ތިން ވޯލްޑް ކަޕެއްގައި ގޯލު ޖަހައިދިން ހަމައެކަނި ކުޅުންތެރިއަކީ ޗުއޯޓެމޮޗް ބްލެންކޯ އެވެ.

އޭގެ ދެ މިނެޓް ފަހުން މެކްސިކޯ އިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ޕަރަލްޓާގެ ބޯޅައަކުން މެކްސިކޯގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަންދުރޭސް ގުއާޑާޑޯ އެވެ. މިއީ ވޯލްޑް ކަޕެއްގައި ގުއާޑާޑޯ ކާމިޔަބުކުރި ފުރަތަމަ ލަނޑެވެ.

މެކްސިކޯގެ ތިން ވަނަ ލަނޑު ކާމިޔާބުކުރީ މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ ފޯވަޑް ހާވިއާ ހެނާންޑޭޒް (ޗިޗާރިޓޯ) އެވެ. މެޗުގެ 82 ވަނަ މިނެޓްގައި ހެނާންޑޭޒް ކާމިޔާބުކުރި މި ލަނޑު އޭނާ ކާމިޔާބުކުރީ މާކޭޒް ނަގައިދިން ހުރަކުން ބޮލުންޖަހައި ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.

މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ރަކިޓިޗް ދިން ބޯޅައަކުން ކްރޮއޭޝިއާގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ޕެރިސިޗް އެވެ. މި ލަނޑަކީ މިމުބާރާތުގައި މެކްސިކޯގެ ގޯލްކީޕަރު ގުއެލެމޯ އޮޗޮއާ ކޮޅަށް ވަން ފުރަތަމަ ލަނޑެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައި ވަނިކޮށް މެކްސިކޯ ޕެނަލްޓީ އޭރިޔާތެރެއިން އެޓީމުގެ ކާލޯސް ޕެނާއަށް ދަށްފައި ދިއްކުރުމާ ގުޅިގެން ކްރޮއޭޝިއާގެ އެންޓޭ ރެބިޗްއަށް ވަނީ ރަތްކާޑެއް ދައްކައިފައެވެ.

މި މުބާރާތުގެ ގަދަ 16ގައި މެކްސިކޯ ނުކުންނަން ޖެހޭނީ ގްރޫޕް ބީގެ އެއްވަނައިގައި އޮތް ނެދަލޭންޑްސްއާ ދެކޮޅަށެވެ. އަދި ބްރެޒިލް ނުކުންނަން ޖެހޭނީ ގްރޫޕް ބީގެ ދެވަނައިގައި އޮތް ޗިލީއާ ދެކޮޅަށެވެ. ނެދަލޭންޑްސްއާ ދެކޮޅަށް އަންނަ ހޮނިހިރު ދުވަހުގެ ރޭ 9:00 ގައި މެކްސިކޯ ނުކުންނަ އިރު، ޗިލީއާ ދެކޮޅަށް ބްރެޒިލް ނުކުންނާނީ އަންނަ އާދީއްތަ ދުވަހުގެ ރޭ 9:00 ގައެވެ.

ވޯލްޑް ކަޕުގައި މާދަމާ ރޭ ވެސް ހަތަރު މެޗެއް ކުޅޭނެ އެވެ. މާދަމާ ރޭ 9:00ގައި ކުރިއަށްދާނީ ގްރޫޕް ޑީގައި އިޓަލީ އާއި ޔުރުގުއާއީ ބައްދަލުކުރާ މެޗާއި ކޮސްޓަ ރިކާ އާއި އިނގިރޭސިން ބައްދަލުކުރާ މެޗެވެ. އަދި މާދަމާ ރޭ 01:00 ގައި ކުރިއަށްދާނީ ގްރޫޕް ސީގައި ޖަޕާނާއި ކޮލަމްބިއާ ބައްދަލުކުރާ މެޗާއި ގްރީސް އާއި އައިވަރީ ކޯސްޓް ބައްދަލުކުރާ މެޗެވެ.