24 Jun 2014, 03:16
ބްރެޒިލްގެ "ސްޕަ ސްޓާ" ނޭމާ ޖަހައިދިން ދެ ލަނޑާއެކު 4-1 އިން ކެމަރޫން ބަލިކޮށް ގްރޫޕް "އޭ"ގެ އެއްވަނަ ޓީމުގެ ގޮތުގައި ވޯލްޑް ކަޕްގެ ގަދަ 16 އިން ޖާގައެއް ބްރެޒިލް، ކަށަވަރު ކޮށްފި އެވެ.
ވެރިރަށް ބްރެޒީލިއާގެ އެސްޓާޑިއޯ ނޭސިއޮނަލްގައި ކުޅުނު މިމެޗުން ފެލިޕޭ ސްކޮލާރީގެ ޓީމު ފަސޭހަކަމާއެކު ގްރޫޕްގެ އެއްވަނަ ހޯދީ، ފުރަތަމަ ހާފުގައި ނޭމާ ޖަހައިދިން ދެ ލަނޑާއި، ދެވަނަ ހާފްގައި ފްރެޑްއާއި ފާނެންޑީނިއޯ ޖަހައިދިން ލަނޑުތަކާއެކު އެވެ.
މި ގްރޫޕްގައި މިރޭ ކުޅުނު އަނެއް މެޗުގައި ކްރޮއޭޝިޔާ އަތުން 3-1 އިން މޮޅުވެ މެކްސިކޯ ވެސް ވަނީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. އެހެން ކަމުން މި ނަތީޖާއާއެކު ދެވަނަ ބުރުގައި ބްރެޒިލް ވާދަކުރާން ޖެހޭނީ ގްރޫޕް "ބީ"ގެ ދެވަނަ ހޯދި ޗިލީއާ އެވެ. އަދި މެކްސިކޯ ވާދަކުރަން ޖެހޭނީ، ގްރޫޕް "ބީ"ގެ އެއްވަނަ ހޯދި ނެދަލޭންޑްސް އާއެވެ.
ވޯލްޑް ކަޕްގައި ބްރެޒިލް މިހާތަނަށް ކުޅުނު 100 ވަނަ މެޗުގެ 17 ވަނަ މިނިޓްގައި ނޭމާ ކާމިޔާބު ކުރި ލަނޑާއެކު އެޓީމު ކުރި ހޯދުމުން ގާތްގަނޑަކަށް 69,112 ސަޕޯޓަރުންގެ ޖާގައިގެ ދަނޑުގައި ތިބި ބްރެޒިލްގެ ސަޕޯޓަރުންގެ އަޑުފަށްގަނޑުން މުޅި ތަން ގުގުމައިގެން ދިޔައެވެ. ނޭމާގެ އެ ލަނޑަކީ މިފަހަރުގެ ވޯލްޑް ކަޕްގައި ފެނިގެން ދިޔަ 100 ވަނަ ލަނޑެވެ. އަދި މުބާރާތުގައި އޭނާ ކާމިޔާބު ކުރި ތިން ވަނަ ލަނޑެވެ.
އެހެން ނަމަވެސް މެޗުގެ 26 ވަނަ މިނިޓުގައި ބްރެޒިލްގެ ޑިފެސް ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ކެމަރޫންގެ މިޑްފީޑަރު ޖޮއެލް މަޓިޕް ވަނީ ލަނޑެއް ކާމިޔާބުކޮށް ބްރެޒިލްގެ "ކްރައުޑް"ގެ އަޑު ކަނޑުވާލައިފައެވެ.
މިރޭގެ މެޗުގައި ބްރެޒިލަށް ދެވަނަ ފަހަރަށް ނޭމާ ކުރި ހޯދައިދިނީ، 35 ވަނަ މިނިޓްގައި ކެމަރޫންގެ ޕެނަލްޓީ އޭރިޔާ ބޭރުން ލިބުނު ބޯޅައެއް ހިފައިގެން އޭރިޔާތެރެއަށް ވަދެ އެޓީމުގެ ޑިފެންޑަރުންނާއި ގޯލް ކީޕަރަށް ވެސް އޮޅުވާލުމަށްފަހު ވަރަށް ފުރިހަމަކޮަށް ގޯލް ތެރެއަށް ބޯޅަ ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ. ނޭމާގެ އެ ލަނޑާއެކު އެސްޓާޑިއޯ ނޭސިއޮނަލް އަނެއްކާ ވެސް 'ކެކިގެން' ދިޔައެވެ.
ދެ ވަނަ ހާފް 2-1 ލަނޑުގެ ލީޑަކާއެކު ފެށި ބްރެޒިލް ޓީމުގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށް ނަތީޖާ ފުޅާކޮށްދިނީ، ފްރެޑް އެވެ. އެނާ އެ ލަނޑު ކާމިޔާބުކޮށް ދިނީ ކެމަރޫންގެ ގޯލް ކުރިމައްޗަށް ޑޭވިޑް ލުއިޒް ހުރަސްކޮށްލި ބޯޅަ ގޯލްތެރެއަށް ފޮނުވާލައިގެންނެވެ. އެޓީމުގެ ހަތަރު ވަނަ ލަނޑު މެޗުގެ 84 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ފާނެންޑީނިއޯ އެވެ.
ވޯލްޑް ކަޕް ފަސް ފަހަރު ކާމިޔާބުކޮށް، މި މުބާރާތް މިހާތަނަށް ބޭއްވި 20 ފަހަރު ވެސް މުބާރާތުގައި ވާދަކުރުމުގެ ޝަރަފް ހޯދި ހަމައެކަނި ޓީމު ކަމަށްވާ ބްރެޒިލް ޓީމުން މިރޭ ހޯދި މޮޅާއެކު އެޓީމަށް ގަދަ 16 އިން ޖާގަ ލިބިގެން ދިޔައިރު، 1970ގެ ފަހުން އެޓީމު ދެވަނަ ބުރަށް ނުގޮސް ކަޓައިފައެއް ނުވެއެވެ.
ވޯލްޑް ކަޕް 2014ގެ ގަދަ 16 އިން މިހާތަނަށް ޖާގަ ލިބިފައިވާ ޓީމު ތަކަކީ، ގްރޫޕް "އޭ"އިން ބްރެޒިލް، މެކްސިކޯ، ގްރޫޕް "ބީ" އިން ނެދަލޭންޑްސް. ޗިލީ، ގްރޫޕް "ސީ"އިން ކޮަލަމްބިއާ، ގްރޫޕް "ޑީ"އިން ކޮސް ޓަރިކާ، ގްރޫޕް "އެފް"އިން އާޖެންޓީނާ އަދި ގްރޫޕް "އެޗް"ގެ ބެލްޖިއަމް އެވެ.
ދެވަނަ ބުރުގައި ނެދަލޭންޑްސްއާ ދެކޮޅަށް އަންނަ ހޮނިހިރު ދުވަހުގެ ރޭ 9:00ގައި މެކްސިކޯ ނުކުންނަ އިރު، ޗިލީއާ ދެކޮޅަށް ބްރެޒިލް ނުކުންނާނީ އަންނަ އާދީއްތަ ދުވަހުގެ ރޭ 9:00ގައެވެ.