ވޯލްޑް ކަޕްގެ ގްރޫޕް ބީގައި އޮސްޓްރޭލިއާ 3-0 ލަނޑުން ބަލިކޮށް ތިން ޕޮއިންޓާ ހޯދައިގެން އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން މުބާރާތް ނިންމާލައިފި އެވެ.

އެރީނާ ޑި ސައޯ ޕޯލޯގައި ކުޅުނު ގްރޫޕް ސްޓޭޖުގެ ފަހު މެޗަށް ސްޕެއިން ނުކުތް އިރު، އެ ޓީމުގެ ފުރަތަމަ އެގާރައިން ގިނަ ބަދަލުތަކެއް ފެނިފައި ވެ އެވެ. އެގޮތުން ގޯލްކީޕަރު އަދި ކެޕްޓަން އިކާ ކަސިޔަސްގެ ބަދަލުގައި ސްޕެއިންގެ ގޯލް ބަލަހައްޓަމުން ދިޔައީ ޕެޕޭ ރޭނާ އެވެ.

ސާޖިއޯ ރާމޯސްގެ ކެޕްޓަން ކަމުގައި މިރޭ ސްޕެއިން ކުޅުނު މެޗުގައި މި މުބާރާތުގައި އެ ޓީމުގެ ޑިފެންސް ލައިނުން ފެނިފައި ނުވާ ދެ ޑިފެންޑަރުން ކަމަށްވާ ހުއާންފްރާން އާއި ރައުލް އަލްބިއޯލަށް އެ ޓީމުގެ ފުރަތަމަ އެގާރައިން ވަނީ ޖާގަ ދީފަ އެވެ. މެދުތެރޭގައި ކުރިން ފުރަތަމަ އެގާރައިން ނުފެނުނު ކޮކޭ އާއި ސެންޓި ކަޒޯލާ ފެނުނު އިރު، ފޯވަޑް ލައިނުން އާ ކުޅުންތެރިއެއްގެ ގޮތުގައި ފެނުނީ އެޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ ޑޭވިޑް ވިޔާ އެވެ. މެޗުގައި ރަނގަޅު ކުޅުމެއް ދައްކުމުންދިޔަ ސްޕެއިންގެ ފޯވަޑް ވިޔާ އަށް މެޗުގެ 21 ވަނަ މިނެޓްގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ. އިނިއެސްޓާ ދިން ބޯޅައަކުން ވިޔާ ފޮނުވާލި ހަމަލާ ދިޔައީ އޮސްޓްރޭލިއާގެ ގޯލް ކައިރިން ބޭރަށެވެ.

އޭގެ ތިން މިނެޓް ފަހުން ވެސް ސްޕެއިނަށް ލީޑު ހޯދުމަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ވިޔާ ފުންނާބުން ދިން ބޯޅައަކުން ޔޯޑީ އަލްބާ އުފެއްދި ހަމަލާގެ ހުރަހަކަށް ވީ އޮސްޓްރޭލިއާގެ ޒުވާން ގޯލްކީޕަރު މެތިއު ރަޔަނެވެ.

މޮޅު ކުޅުމެއް ދައްކަމުން ދިޔަ ސްޕެއިން އަށް ލީޑު ނަގައިދިނީ ވިޔާ އެވެ. ހުއާންފްރާންގެ ބޯޅައަކުން މެޗުގެ 36 ވަނަ މިނެޓްގައި ވިޔާ ކާމިޔާބުކޮށްދިން މި ލަނޑު ޖެހީ އޭނާގެ ފުންނާބުންނެވެ. ވޯލްޑް ކަޕުގައި ސްޕެއިން އަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ވިޔާ، މިހާރު ވޯލްޑް ކަޕްގައި ޖެހި ލަނޑުގެ އަދަދު ވަނީ ނުވައަކަށް އަރައިފަ އެވެ.

މެޗުގެ 56 ވަނަ މިނެޓްގައި ވިޔާގެ ބަދަލުގައި ހުއާން މަޓާ ކުޅެން އެރުވުމާއެކު، އޭނާ ވެފައިވަނީ ސްޕެއިންގެ 23 ކުޅުންތެރިންގެ ސްކޮޑުން ފެނުނު 22 ވަނަ ކުޅުންތެރިޔާއަށެވެ. ސްޕެއިން ޓީމުން ނުފެނުނު ހަމައެކަނި ކުޅުންތެރިއަކީ އަނިޔާގައި ހުރި ގޯލްކީޕަރު ޑޭވިޑް ޑެހެއާ އެވެ.

މެޗުގެ 70 ވަނަ މިނެޓުގައި ސްޕެއިން އަށް ލީޑު ފުޅާކޮށްދިނީ ފެނާންޑޯ ޓޮރޭސް އެވެ. މިލަނޑު ޓޮރޭސް ކާމިޔާބުކުރީ އެ ޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު އިނިއެސްޓާ ދިން ބޯޅައަކުންނެވެ. މިއީ އިނިއެސްޓާ ގައުމީ ޓީމަށް ކުޅުނު 100 ވަނަ މެޗެވެ.

މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށް ސްޕެއިންގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުންދާ ހުއާން މަޓާ އެވެ.

ސްޕެއިން އިން މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު މުބާރާތް ނިންމައިލި އިރު، އޮސްޓްރޭލިއާ އަށް މުބާރާތް ނިންމާލަން ޖެހުނީ އެއްވެސް ޕޮއިންޓެއް ނުލިބި ހުސްއަތާ އެވެ. މި ގްރޫޕުން އެއްވަނަ ޓީމުގެ ގޮތުގައި ނެދަލޭންޑްސް ގަދަ 16އަށް ދަތުރުކުރި އިރު، ދެވަނަ ޓީމެއްގެ ގޮތުގައި ދަތުރުކުރީ ޗިލީ އެވެ.